ދުނިޔެ

ލޯބިވާކަން ހާމަ ކޮށްދިނުމަށް އަނބިމީހާއަށް ހަދިޔާ ކުރީ “ތާޖުމަހަލެއް”

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާގެ މަދްޔަ ޕްރަކާޝަށް ނިސްބަތް ވާ އާނަންދު ޗޯކްސޭ ނަމަކަށް ކިޔާ މީހަކު ތާޖު މަހަލް ނަކަލުކޮށް ގެއެއް ހަދައި އޭނާގެ އަންހެނުންނަށް ހަދިޔާކޮށްފިއެވެ.

Ads by Sosun Fihaara

ބޭރުގެ ހަބަރުތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ތާޖް މަހަލްއަކީ އާނަންދު އަބަދުވެސް ވަރަށް ލޯބިވާ އަދި ވަރަށް ގިނައިން ޒިޔާރަތްކުރާ ތަނެކެވެ. އެ ގެ ހެދުމުގެ ކުރިން ވެސް އާނަންދުއާއި އޭނާގެ އަންހެނުން ވަނީ ތާޖު މަހަލްއަށް ޒިޔާރަތްކޮށްފައެވެ. އެ ގެ އަޅައިފައި ވަނީ ވަރަށް ބޮޑަށް ދިރާސާކުރުމަށް ފަހުއެވެ.

ތާޖު މަހަލް ނަކަލުކޮށް ހެދި އެ ގެ ހެދުމަށް ތިން އަހަރު ހޭދަވިއެވެ. އެ ގެ ހަދައިފައި ވަނީ ދެ ފަންގިފިލާއަށެވެ. ކޮންމެ ފަންގިފިލާއެއްގައި ދެކޮޓަރި ހުރެއެވެ. އެ ގޭގައި 29 ފޫޓް އުސް ގުއްބެއް ހިމެނޭ އިރު އެ ގެއަށް ފަރުނީޗަރ ހަދައިފައި ވަނީ މުމްބާއީންނެވެ. އެތަނުގެ ބޮޑުމިނަކީ 90 ސްކެއަރ މީޓަރއެވެ. އެ ގޭގައި ލައިބްރަރީއަކާއި ބަދިގެއެއްގެ އިތުރުން މެޑިޓޭޝަނަށް ހާއްސަ ކޮޓަރިއެއް ވެސް ހުރެއެވެ.

17 ވަނަ ޤަރުނުގައި ބިނާކޮށްފައިވާ ތާޖްމަހަލްއަކީ، އިންޑިއާގައި 1628ވަނަ އަހަރުން 1658 ވަނަ އަހަރާ ހަމައަށް ރަސްކަންކުރެއްވި ޝާހް ޖަހާން ބިނާކުރެއްވި ތަނެކެވެ. ތާޖު މަހަލްއަކީ ޝާހު ޖަހާން އޭނާ އެންމެ ލޯބިވާ އަނބިކަނބަލުން މުމްތާޒު މަހަލްގެ ހަނދާނުގައި ބިނާކުރި ލޯބީގެ ރަމްޒެކެވެ.

ތާޖް މަހަލްގެ އެންމެ ތަފާތު އެއް ކަމަކީ މުޅިތަން ހުދު ޖަވާހިރު ކުލައިގެ އަލި ސަންގުމަރުމަރު ހިލައިން ބިނާކޮށްފައިވުމެވެ. އެ ތަނުގެ ކުރިމައްޗަށްވާ ގޮތަށް މަޑުނޫކުލައިގެ ފެންގަނޑެއް އޮވެއެވެ. އެ ފެންގަނޑުން މުޅި އިމާރާތުގެ ހިޔަނި ފެނެއެވެ. ތާޖް މަހަލަކީ އިންޑިއާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައި ވަރަށް ވެސް މަގުބޫލު ތަނެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!