ޚަބަރު

އިންޑިއާ ދަތުރުފުޅު ނިންމާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން މާލެ ވަޑައިގަތުން / ފޮޓޯ:ރައީސް އޮފީސް

އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު މާލެ ވަޑައިގެންފި އެވެ.

Ads by Hajj Corporation

މި މަހުގެ 6 ވަނަ ދުވަހު ފެށި މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރެއްވި  ތާރީހީ ދަތުރުފުޅެކެވެ. މިއީ ރައީސް މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރެއްވި ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

އެ ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާގެ ރައީސް އާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އަދި އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފަ އެވެ. ދެ ބޭފުޅުންގެ މަޝްވަރާތައް ބިނާކުރައްވާފައިވަނީ، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާއި، ދެ ގައުމުގެ ދެމެދުގައި އޮންނަ ބަދަހި ގުޅުން އިތުރުކުރުމުގެ މައްޗަށެވެ.

ރައީސްގެ ދަތުރުފުޅުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު އެއްބަސްވުންތަކާއި، ފަހުމުނާމާތަކުގައި ސޮއިކޮށް، ނޯޓް ވާބޭލް ބަދަލުކޮށް، ބައެއް މަޝްރޫއުތައް ވަނީ އާކޮށްފަ އިފްތިތާހުކޮށްފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރާއެކު ބޭއްވެވި މަތީ ފަންތީގެ މަޝްވަރާތަކުގައި، ދެ ގައުމުން ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތްތަކާއި، ކުރިމަގުގައި ކުރެވިދާނެ މަސައްކަތްތަކާމެދު މަޝްވަރާކުރައްވާފައިވެ އެވެ.

އެގޮތުން ބޯހިޔާވަހިކަމާއި، އުމްރާނީ ތަރައްގީއާއި، ދަނޑުވެރިކަމާއި، މަސްވެރިކަމާއި، ވިޔަފާރި އާއި އިންވެސްޓްމަންޓާއި، އިންސާނީ ވަސީލަތް ތަރައްގީކުރުމާއި، ސިއްހީ ހިދުމަތާއި، އަންހެނުން ބާރުވެރިކުރުވުމާއި، އިޔާދަކުރަނިވި ހަކަތަ އާއި މެރިޓައިމް އަދި ސަލާމަތީ ކަންކަމުގައި އެއްބާރުލުންދިނުން ފަދަ މައުލޫތަކުގެ މައްޗަށް ދެ ފަރާތުން މަޝްވަރާކުރައްވާފައިވެ އެވެ.

އިންޑިއާއިން ރާއްޖެއަށް ދެއްވި މާލީ އެހީތެރިކަމަށް ޝުކުރުއަދާކުރައްވަމުން، މޭ މަހާއި ސެޕްޓެމްބަރު މަހަށް ޓީ-ބިލުގެ ސަޕޯޓުގެ ގޮތުގައި، އިންޓްރަސްޓަކާއި ނުލައި 100 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވައި، އިތުރު އެހީގެ ގޮތުގައި ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން 30 ބިލިޔަން އިންޑިޔާ ރުޕީޒް އާއި 400 މިލިޔަން އެމެރިކާ ޑޮލަރު ހަމަޖައްސަވައިދެއްވިކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ރާއްޖެ އެހީއަކަށް ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް އެއްބާރުލުން ދެއްވަމުން ގެންދަވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސް ވަނީ އާގްރާ އަށާއި، މުމްބާއީ އަށާއި، ބެންގަލޫރަށްވެސް ޒިޔާރަތްކުރައްވާފަ އެވެ.އަދި މި ސިޓީތަކުގައިވެސް މުހިންމު ގިނަ ހަރަކާތްތަކާއި ބައްދަލުވުންތައްވެސް ރައީސް ވަނީ ކުރިއަށްގެންދަވާފަ އެވެ.

ނިއުދިއްލީ އާއި މުމްބާއީ އަދި ބެންގަލޫރުގައި ބޭއްވެވި އިންޑިއާ- މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުން އެކުގައި ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ.

މީގެ ތެރެއިން، ހާއްސަ އިގްތިސޯދީ ސަރަހައްދުތަކާއި، ލަގްޒަރީ ޕްރައިވެޓް އައިލެންޑްތަކާއި، ތިމާވެއްޓާ ރަޙުމަތްތެރި ރިސޯޓާއި އިންޓަގްރޭޓަޑް ޓުވަރިޒަމުގެ މަޝްރޫއުތަކުގައި އިންވެސްޓުކުރުމަށް ހުރި ފުރުސަތުތައް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުސަތުތައް އަންގައިދިނުމުގެ ގޮތުން، މުމްބާއީގައި ބޭއްވި "މޯލްޑިވްސް-އިންޑިއާ ނެޓްވާކިންގް އީވްނިން" ގައި ރައީސާއި އެމަނިކުފާނު ގެ އަނބިކަނބަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ދަތުރުފުޅުގައި ރައީސްގެ ދެކަނބަލުން ވަނީ، އިންޑިއާގެ ތާރީހީ މުހިންމު ބިނާއެއް ކަމުގައިވާ ތާޖް މަހަލަށް ޒިޔާރަތް ކުރައްވާފަ އެވެ.

އޭގެ އިތުރުން، ނިއުދިއްލީ އާއި ބެންގަލޫރުގައި ދިރިއުޅޭ ދިވެހި އާއިލާތަކާ ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ.

ރައީސް އަނބިކަނބަލުން ވަނީ، އެކަމަނާ ތައުލީމު ހާސިލުކުރެއްވި، ބެންގަލޫރުގެ، ސެއިންޓް ޖޯސެފް ޔުނިވާސިޓީ އަށް ޒިޔާރަތްކުރައްވާފަ އެވެ. އަދި ނިއުދިއްލީގައި ހުންނަ، ފުޑް ސޭފްޓީ އެންޑް ސްޓޭންޑާޑްސް އޮތޯރިޓީ އޮފް އިންޑިއާއަށް ވެސް އެކަމަނާ ވަނީ ޒިޔާރަތްކުރައްވާފަ އެވެ.

އަންނަ އަހަރަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބާކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އަންނަ އަހަރު ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް، އިންޑިއާގެ ބޮޑުވަޒީރަށް ދައުވަތު އަރުވާފަ އެވެ.

ރައީސް އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމަވާލެއްވީ، ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެ ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް އެކުގައި މަސައްކަތް ކުރާނޭކަމުގެ ޔަގީންކަން ދެއްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!