ޓީއެމްއޭގެ މުއާމަލާތްތައް ހިންގާފައި ހުރީ ޔާމީންގެ ސަރުކާރުގައި، މައްސަލަ ތަހުގީގު ކުރޭ: ނަޝީދު
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އެމްއޭސީއެލް)ގެ މުއާމަލާތްތައް ހިންގާފައި ހުރި ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށާއި ގޯސްހެދި މީހުން ހޯދައި އަވަސް ތަހުގީގެއް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއޭސީއެލް އާއި ޓީއެމްއޭގެ މުއާމަލާތްތައް ހިންގާފައި ހުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކަމަށެވެ. އެ މައްސަލައަށް ގޮތެއް ނުހޯދިއްޖެ ނަމަ ރަންވޭ ހުޅުވުން ލަސްވުމުގެ އިތުރުން ޓީއެމްއޭއަށް ބަދަލު ދޭން ޖެހިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރާއި ޓީއެމްއޭއަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރި ކަމަށާއި ގޯސް ހެދި މީހުންނަށް އަވަސް ތަހުގީގެއް ފަށަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މި މައްސަލާގައި ނަޝީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓީއެމްއޭއާއި ސަރުކާރާ އެއްބަސްވެވޭ ގޮތައް ވީހާވެސް އަވަހަށް ގޮތެއް ނިންމަން ޖެހޭ ކަމަށާއި ގޯސް ކަމެއް ހިނގާފައިވާ ނަމަ އެކަން ކުރި މީހަކު ނުވަތަ ބަޔަކަށް ދައުވާ އުފުލުން އެއީ އެހެން ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމްއޭސީއެލް އިން 26 މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހަދާ ސީޕްލޭން ޓާމިނަލް އެއްކޮށް ދޭން އުޅޭ ކަމުގެ އަޑުތަކެއް ފެންމަތިވެފައި ވަނިކޮށް، ސަރުކާރުން ވަނީ ޓީއެމްއޭ އަށް ބިން ދޫކޮށްފައިވާ އަގަށް ކުރި އަށް އޮތް ދެ އަހަރަށް އާ ސީޕްލޭން ޓާމިނަލް އިން ބޮޑު ޖާގައެއް ދޭން ނިންމާފަ އެވެ.
MACL aai TMA ge muamalaithah hingaafa huree RY sarukaaruga. Mikamah gotheh nuhoadhijje nama runway hulhuvalun lasvumuge ithurun TMA ah badhal dheynjehun gaiy .Sarukaar aai TMA ah ves faidha huri ehbasvumakah aun varah beynuntheri.Goashedhi meehun hoadha avas thahqeeq fashanjehey
— Mohamed Nasheed (@MohamedNasheed) February 13, 2020
ނަމަވެސް އިއްޔެ މާލިއްޔަތު ކޮމެޓީގައި އެ ކުންފުނީގެ ސީއީއޯ އެމްޔޫއެމް ފައުޒީ ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން 19،000 އަކަމީޓަރުގެ ބިމުގެ ޖާގައެއް 15 އަހަރު ދުވަހުގެ މުއްދަތަށް އެ އެއާލައިނަށް އަކަފޫޓެއް 10.35 ޑޮލަރުގެ ރޭޓުން ދޭން އެމްއޭސީއެލް އިން އެއްބަސްވެފައިވާ ކަމަށެވެ. އެއީ މާލިއްޔަތުގެ ގަވާއިދާ ހިލާފު ކަމެއް ކަމަށް ބުނެ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް މަޖިލީސް މެންބަރުންނާއި، ސިޔާސީ ބައެއް ބޭފުޅުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.