ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަޞީމް، ބަނގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލައްވައި މިރޭ މާލެ ވަޑައިގެންފިއެވެ.
ނައިބު ރައީސް ބަނގްލަދޭޝްއަށް މި ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަތީ ފަންތީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ މަނިކުފާނު ބަނގްލަދޭޝްއަށް ވަޑައިގެންނެވީ ހޯމަ ދުވަހުގެ ހެނދުނުއެވެ. އެ ގައުމުން ނައިބު ރައީސަށް މަރުޙަބާ ދެންނެވީ ފޮރިން މިނިސްޓަރއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބަންގަބަންދު މިއުޒިއަމްއާއި ބަނގްލަދޭޝް-ކޮރެއާ ޓެކްނިކަލް ޓްރެއިނިންގ ސެންޓަރ (ބީ.ކޭ.ޓީ.ޓީ.ސީ) ފަދަ މުހިންމު ބައެއް މުއައްސަސާތަކަށް ޒިޔާރަތް ކުރައްވައި އެ ތަންތަނުގެ މަސައްކަތްތައް ބައްލަވައިލައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން ފަންނީ ޤާބިލުކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފައެވެ.
މި ދަތުރުފުޅުގައި، ނައިބު ރައީސް ވަނީ ބަނގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައްދަލުކުރައްވައިފައެވެ. އެ ގޮތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ.ކޭ. ޢަބްދުލް މޮމެންއާއި، މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް އިމްރާން އަޙްމަދާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމް.ޑީ. ޒާހިދު އަހްސަން ރަސަލްއާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ދީޕޫ މޮނީއާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރ ޒާހިދު މަލީކްއާ ބައްދަލުކުރައްވައިފައި ވެއެވެ. މީގެ އިތުރުން މި ބައްދަލުވުންތަކަށް ފަހު އެ މަނިކުފާނު ވަނީ ބަނގްލަދޭޝްގެ އެކި އިދާރާތަކުން ދިވެހި ދަރިވަރުންނަށް ދެއްވި ސްކޮލަރޝިޕްގެ ފުރުޞަތުތައް ޤަބޫލުފުޅު ކުރައްވައިފައެވެ.
ހަމަ އެއާ އެކު މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ބަނގްލަދޭޝްގެ ރައީސް ޢަބްދުލް ޙާމިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން އޮތީ އިއްޔެ ބަނގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގައެވެ. މި ބައްދަލުކުރެއްވުމަށް ފަހު، ނައިބު ރައީސް ވަނީ ޑާކާގެ ހޮޓެލް އިންޓަރކޮންޓިނެންޓަލްއަށް ވަޑައިގެން، ބަނގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ނައިބު ރައީސް ވަނީ ބަނގްލަދޭޝްގެ ބޮޑުވަޒީރު ހަރ އެކްސެލެންސީ ޝައިޚް ޙަސީނާގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައި މަޝްވަރާކުރައްވައިފައެވެ.