އޭޝިއާ

އުމްރާވެރިންނަށް މިހާރު ބޭނުންވަރަކަށް ތަވާފްކުރެވޭނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑާ ގުޅިގެން ސައުދީގައި އަޅައިފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރޭގައި އުމްރާވެރިންނަށް ތަވާފުކުރަން ވަކި ލިމިޓެއް ކަނޑައެޅި ނަމަވެސް މިހާރު މަސްޖިދުލް ޙަރަމްގައި ތަވާފްކުރުމަށް އޮތް ލިމިޓް އުވައިލައި އާއްމުކޮށް ހުޅުވައޮލައިފިއެވެ.

ސައުދީ ސަރުކާރުން ބުނީ މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް ތަވާފްކުރުމަށް މިސްކިތް ހުޅުވައިލައިފައިވާ ކަމަށެވެ. ތަވާފްކުރުމަށް ހުޅުވައިލި ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ސައުދީ ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.

ސައުދީ ސަރުކާރުން ބުނީ  އާންމުކޮށް ތަވާފްކުރެވޭނީ މިސްކިތުގެ އެއްވަނަ އަދި ދެވަނަ ފަންގިފިލާކަމަށެވެ. އަދި ތަވާފްކުރަން ވަދެވޭނީ ހެނދުނު 07:00އިން 10:00އަށް އަދި ރޭގަނޑު 21:00އިން ދަންވަރު 00:00އާ ހަމައަށެވެ. މީގެ އިތުރުން ދަންވަރު 00:00އިން ފެށިގެން ފަތިހު 03:00 ޖަހަންދެން ވެސް ތަވާފްކުރަން ބޭނުންވާ މީހުންނަށް މިސްކިތަށް ވަދެވޭނެކަމަށް ސައުދީ ސަރުކާރުން ބުނެއެވެ.

ޖޫންމަހުން ފެށިގެން އުމްރާވުމަށް ދަތުރުކުރުމުގެ ފުރުސަތު ވަނީ އެ ޤައުމުން ހުޅުވައިލައިފައެވެ. އުމްރާ ކުރުމަށް ހުއްދަ ދޭން ސައުދީން ނިންމައިފައި ވަނީ ކޮވިޑް19ގެ ހަތަރު ވެކްސިނެއް ފުރިހަމަ ކޮށްފައިވާ މީހުންނެވެ. އެއީ ފައިޒާ، މޮޑާނާ، އެސްޓްރާޒެނިކާ، ޖޯންސަންސް އެންޑް ޖޯންސަންސްއެވެ. މީގެ އިތުރުން ޗައިނާގެ ވެކްސިން (ސިނޮފޯމް) ޖަހައިފައިވާ ފަރާތްތަކަށް ފައިޒާ، މޮޑާނާ، އެސްޓްރާޒެނިކާ، ޖޯންސަންސް އެންޑް ޖޯންސަންސް ވެކްސިންގެ ބޫސްޓަރ ޝޮޓެއް (އިތުރު ޑޯޒެއް) ޖެހުމުން ސައުދީއަށް އެތެރެވެވޭނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!