ޚަބަރު

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ޝާހިދު ޗައިނާއާ މަޝްވަރާ ކުރައްވައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އދގެ ޢާއްމު މަޖިލީހުގެ ރައީސް އަދި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ޢާއްމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެޤައުމުގެ ޚާރިޖީ ވަޒީރު އަދި ސްޓޭޓް ކައުންސިލަރ ވާންގް ޔީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

Ads by Sosun Fihaara

މި ބައްދަލުކުރެއްވުމުގައި މޫސުމީ ބަދަލުތަކާއި، މަލްޓިލޭޓަރަލިޒަމް، އދގެ ހިންގުން ހަރުދަނާކުރުން އަދި ޗައިނާގެ ގްލޯބަލް ޑިވެލޮޕްމަންޓް އިނީޝިއޭޓިވްއާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އުއްމީދުގެ ރިޔާސަތަށް ޗައިނާގެ ތާއީދު އެބައޮތްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި މިއަދު ވަނީ ޗައިނާގައި ޤާއިމްކޮށްފައިވާ އދގެ އޮފީސްތަކުގެ ޓީމްތަކާ ބައްދަލުކުރައްވައިފައެވެ. އަދި ޗައިނާގެ ފޮރިން އެފެއާޒް ޔުނިވަރސިޓީގައި ޒުވާން ޑިޕްލޮމެޓުންނާ އެކު ވަރޗުއަލްކޮށް ބައްދަލު ކުރައްވައި، ވާހަކަ ދެއްކެވިއެވެ. މީގެ އިތުރުން އޯލް ޗައިނާ ވިމެން ފެޑެރޭޝަނާ ވެސް މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުކުރެއްވިއެވެ. ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުވުމަކީ މިނިސްޓަރ ޝާހިދުގެ ރިޔާސަތުގައި ޚާއްސަ އިސްކަމެއް ދެއްވާ ކަންތައްތަކެކެވެ.

ކޮވިޑް-19ގެ އާލަމީ ވަބާގެ ސަބަބުން 2020ވަނަ އަހަރު ކުރީކޮޅު ޗައިނާއިން ބޭރުގެ އިއްޒަތްތެރިންނަށް މަރުހަބާ ކިޔުން މަޑުޖައްސައިލި ފަހުން، މިނިސްޓަރ ޝާހިދަކީ އެ ޤައުމުން ބޭރުގެ އިއްޒަތްތެރިއަކަށް މަރުޙަބާ ލިބިވަޑައިގެންނެވި ޢިއްޒަތްތެރިޔާއެވެ. ޗައިނާ ސަރުކާރުގެ ދައުވަތަކަށް މިނިސްޓަރ ޝާހިދު މިކުރައްވާ ދަތުރުފުޅަކީ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން 2019ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޗައިނާއަށް ޝާހިދު ދަތުރުކުރައްވައި، ފޮރިން މިނިސްޓަރ ވާންގް ޔީގެ އިތުރުން އެޤައުމުގެ ނައިބު ރައީސްއާ ބައްދަލުކުރެއްވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!