ފަހި ދިރިއުޅުން ކޯޕަރެންޝަނުން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ހިންގަނީ
މަސައްކަތުގެ މާހައުލުގައި ތިބެގެން ޒުވާނުންނަށް ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފް.ޑީ.ސީ)އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްއާ ދެމެދު އެމް.އޯ.ޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެފް.ޑީ.ސީގައި ބޭއްވުނު އެމް.އޯ.ޔޫ ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ އިސްވެރިންނާއި އެފް.ޑީ.ސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދު ސޮއިކުރެވުނު އެމް.އޯ.ޔޫގައި އެފް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސަލްފިއްޔާ އަންވަރެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް ހުސައިން އިސްމާއީލްއެވެ.
މިފަދަ ޕްރޮގްރާމުތައް ހިންގުމުގެ މައިގަނޑު މަގުސަދަކީ ޒުވާނުންނަށް ދިގު މުއްދަތަށް ދެމިގެންދާ ތަމްރީނު ފުރުސަތުތައް ތަނަވަސްކުރުންކަމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް ހުސައިން އިސްމާއީލް ވިދާޅުވިއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވައިލާން ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ 6 މަސްދުވަހެވެ. މި ޕްރޮގްރާމް ފުރިހަމަކުރައްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް)ގެ ސެޓްފިކެޓެއް ލިބިވަޑައިގަންނަވާނެއެވެ.
މެނޭޖިންގ ޑިރެކްޓަރ ސަލްފިއްޔާ އަންވަރުގެ ވާހަކައިގައި މި ޕްރޮގްރާމް ކާމިޔާބުކަމާ އެކު ކުރިއަށްގެންދިއުމަށް އެފް.ޑީ.ސީގެ ފަރާތުން ބޭނުންވާ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.
މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެފް.ޑީ.ސީއިން ވަނީ 10 ކޮންސްޓްރަކްޝަން އޮފިސަރުން ތަމްރީނުކުރުމަށް ނިންމައިފައެވެ. އެގޮތުން ނޭޝަނަލް ސެޓްފިކެޓް 3އިން ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ކޮންސްޓްރަކްޝަން އޮފިސަރުންނަށް ކައިރި މުސްތަޤުބަލުގައި ހުޅުވާލެވިގެންދާނެއެވެ.
އެފް.ޑީ.ސީގެ އުންމީދަކީ އިމާރާތްކުރުމުގެ މަޝްރޫއުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ތެރެއިން މަގުފަހިކުރެވި، މުސްތަޤުބަލުގައި އިމާރާތްކުރުމުގެ ދާއިރާގެ ފަންނީ މަސައްކަތްތަކުގައި މަސައްކަތްކުރާ ދިވެހި ޒުވާން ތަޖުރިބާކާރުން އިތުރުކުރުމެވެ.