ޚަބަރު

ރައީސް ޔާމީންގެ ވަކީލުކަން ކުރެއްވީ ރަނިންމޭޓްކަން ހޯއްދެވުމަކަށް ނޫން: ޑރ.ޖަމީލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިދިކޮޅު ލީޑަރު، ރައީސް ޔާމީން އަބްދުލް ޤައްޔޫމުގެ ވަކީލުކަން ކުރެއްވީ، ބަދަލުގައި އެއްޗެއް ބޭނުންވެގެން ނޫން ކަމަށް، ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް، ޑރ.މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ހުކުމް މިއަދު ސްޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން، އެކަމާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް ޔާމީންގެ ރަނިންމޭޓްކަން ޖަމީލަށް ލިބިއްޖެ ނަމަ ފުރުސަތުގެ ބޭނުން ކުރައްވާނަންތޯ ނޫސްވެރިޔަކު ވަނީ ސުވާލު ކުރައްވައިފައެވެ.

އެ ސުވާލުގެ ޖަވާބުގައި ޖަމީލް ވިދާޅުވީ، ރައީސް ޔާމީންގެ މައްސަލައިގެ އިސް ވަކީލުކަން ކުރެއްވީ، ވަކި އެއްޗެއް ނުވަތަ ވަކި ކަމެއް ބޭނުންފުޅު ވެގެން ނޫން ކަމަށެވެ.

"ވަކި އެއްޗެއްގެ ބަދަލުގައި ނުވަތަ އެއްޗެއް ހޯދުމުގެ ނިޔަތުގައި ކުރި ކަމެއް ނޫން މިއީ" ޖަމީލް ވިދާޅުވިއެވެ،

ޖަމީލް ވިދާޅުވީ، މުސްތަޤްބަލުގައި ވާނެ ގޮތެއް ނޭނގޭ ކަމަށާއި ނަމަވެސް މި ވަގުތު އެކަމަށް ޝައުޤުވެރިކަން ނެތް ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ ވަރަށް ގިނަ ބޭފުޅުންނަށް ވަކީލުކަން ކުރައްވާ ބޭފުޅެއްކަމަށް ވިދާޅުވެ، ޖަމީލް ވިދާޅުވީ ސިޔާސީ މަސައްކަތް ކުރުމަކީ އެއީ ވަކިކަމެއް ހޯދަން އުޅޭކަމުގެ ވިސްނުން ގެންގުޅޭ ސަބަބެއް ނޫން ކަމަށެވެ.

ޑރ. ޖަމީލް ނައިބު ރައީސްގެ މަޤާމުން ވަކިކޮށްފައި ވަނީ އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިގެން ޖަމީލް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތުކޮށް ޕީޕީއެމްގެ އަޣުލަބިއްޔަތު އޮތް މަޖިލީހުން ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. ނައިބު ރައީސް ކަމުން ވަކި ކުރެއްވުމުން ޖަމީލު ވަނީ އިނގިރޭސިވިލާތުގައި ހުންނަވައިގެން ރައީސް ޞާލިޙް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރައްވައިފައެވެ. އެހެން ނަމަވެސް ފަހުން އެމަނިކުފާނު ވަނީ އަލުން ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.

ޖަމީލް މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމުން އޭނާ އެ މަގާމުން ވަކިކުރަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވީ މިހާރުގެ ޔޫތު މިނިސްޓަރު އަދި އޭރު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހްލޫފާއި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިންއެވެ. ޖަމީލް މަގާމުން ވަކިކުރަން ފެންނަ ކަމަށް 78 މެންބަރުން ވޯޓު ދެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!