ޚަބަރު ސިޔާސީ

ފުއްގިރި މައްސަލައިގައި ޕާސްޕޯޓު ހިފެހެއްޓީ ރައީސް ޔާމީންގެ އެކަންޏެއް ނޫން: ޕީޖީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުގައި ޕާސްޕޯޓު ހިފަހައްޓަން ކޯޓު އަމުރަކަށް އެދުނީ ހަމައެކަނި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނޫންކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

Ads by STELCO

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ޝަފީއު އަބްދުﷲ ވިދާޅުވީ ފުއްގިރި މައްސަލައާ ގުޅިގެން ޕާސްޕޯޓު ހިފެހެއްޓީ ރައީސް ޔާމީންގެ އެކަނި ނޫންކަމަށެވެ. މައްސަލައިގައި ޝާމިލުވާ އިތުރު މީހުންގެ ޕާސްޕޯޓު ހިފެހެއްޓިކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ. އެހެން ނަމަވެސް ކޮން ބައެއްކަން ތަފްސީލުކޮށެއް ނުދެއެވެ. ފުއްގިރި މުއާމަލާތުގައި މީދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސިޔާމްގެ ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ވެސް ވަނީ ކޮރަޕްޝަންގެ ދައުވާ އުފުލައިފައިއެވެ.

މީގެ އިތުރުން އާރަށު މައްސަލައިގައި ވެސް ރައީސް ޔާމީންގެ އިތުރުން ވ. ފެލިދޫ ހަނދުވަރީގޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ކޮރަޕްޝަންގެ ދައުވާތަކެއް ވަނީ އުފުލައިފައެވެ. އަދި ރައީސް ޔާމީންގެ އިތުރުން މިމައްސަލައިގައި ދައުވާ އުފުލާފައިވާ މީހުންގެ ޕާސްޕޯޓު ވެސް ހިފަހައްޓާފައިވާކަމަށް ޝަފީއު ވިދާޅުވިއެވެ. ޝަފީއު ވިދާޅުވީ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ދައުވާ ލިބޭ އަދި ތުހުމަތު ކުރެވޭ މީހުންގެ ޕާސްޕޯޓު ހިފެހެއްޓުމަކީ ޕީޖީން އަމަލުކުރަމުންދާ އެސްއޯޕީގައި އޮންނަ ކަމެއް ކަމަށެވެ. އަދި ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދުމަށް ފުލުހުންނަށް ލަފާދީފައި ވަނީ، އެފަދަ އަމުރަކަށް އެދެވޭނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކަށް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނާތީކަމަށް ވެސް ޝަފީއު ވިދާޅުވިއެވެ.

ރައީސް ޔާމީން ޖަލު ހުކުމުން މިނިވަން ވުމުގެ ކުރިން ވެސް ޕީޖީން އެމަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް އެދި ފުލުހުންނަށް ލަފާދިންކަމަށް އަޑު ފެތުރުނެވެ. އެހެން ނަމަވެސް އޭރު ޕީޖީން އެވާހަކަ ދޮގުކުރިއެވެ. މިކަމާ ގުޅިގެން ސުވާލު ކުރުމުން މިއަދު ޕީޖީން ބުނީ ޕާސްޕޯޓު ހިފަހައްޓަން އެދުނީ ހުކުމުގެ ފަހުން ކަމަށެވެ. އެއީ ހުކުމުގެ ކުރިން ރާއްޖެއިން ބޭރަށް ފުރައިފާނެކަމުގެ ބިރު ނެތްކަމަށާއި، އެހެންކަމުން ޕާސްޕޯޓު ހިފެހެއްޓުމުގެ އަސާސެއް ވެސް ނެތްކަމަށް ޕީޖީން ބުނެއެވެ. އާރަށު މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރިކަމުގެ ދައުވާއެވެ. މީގެ އިތުރުން މިމައްސަލައިގައި އިއްޔެ ދައުވާ އުފުލި ނައީމުގެ މައްޗަށް ކުރަނީ ރިޝްވަތު ދިނުމުގެ ދައުވާއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!