އިސްރާއީލުގެ ބޮޑު ވަޒީރު ޗުއްޓީ ހޭދަ ކުރަން ރާއްޖެއަށް

ފަލަސްތީނުގެ މުސްލިމުންގެ ޙައްޤުތައް ،އެތައް އަހަރެއް ވަންދެން ހިފަހައްޓައިފައިވާ، އަދި ކުށެއް ނެތް ފަލަސްތީންގެ އެތައް ކުޑަ ކުދިންނާއި އާއްމުން މަރަމުން އަންނަ އިސްރާއީލުގެ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް ރާއްޖެ ވަޑައިގަންނަވައިފިއެވެ.
އިސްރާއީލުގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިސްރާއީލުގައި ބޮޑު ވަޒީރު ބެނެޓް ޗުއްޓީއަށް އާއިލާ އެކު ދަތުރު ކުރައްވާނެކަން ވަނީ ހާމަކޮށްފައެވެ. އެހެން ނަމަވެސް ވަޑައިގަންނަވާނެ ވަކި ޤައުމެއް ނޭނގޭ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބޮޑު ވަޒީރު ބެނެޓް ޗުއްޓީއަށް ވަޑައިގަތީ ރާއްޖެއަށެވެ. އަދި ވަޑައިގަތީ އަމިއްލަ ސެކިއުރިޓީ ޓީމަކާ އެކުގައި ކަމަށާއި އެއާޕޯޓުން ވަޑައިގެންނެވީ މެދު އަތޮޅުތަކުގެ ރިސޯޓަކަށް ކަމަށް އެނގިފައިވެއެވެ.
ބޮޑު ވަޒީރު ބެނެޓް ޗުއްޓީ ހޭދަކުރަން ވަޑައިގެންފައި ވަނީ، ޗުއްޓީ ހޭދަ ކުރަން އެހެން ޤައުމުތަކަށް ދަތުރު ނުކުރުމަށް އެ ޤައުމުގެ ފަރާތްތަކަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިލްތިމާސް ކުރެއްވުމަށް ފަހުއެވެ.
"މީހަކު އަހަރެންނާ ސުވާލު ކޮށްފި ނަމަ، މިވަގުތު އަހަރެން ރެކޮމެންޑް ނުކުރަން މިކަހަލަ ނުތަނަވަސްކަމެއްގެ ތެރޭގައި ގައުމުން ބޭރަށް އުދުހުމަށް،" ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބެނެޓް ވިދާޅުވިއެވެ.
ބޮޑުވަޒީރުގެ އޮފީހުން ބުނީ އާއިލާއިން ފުރަތަމަ ރާވައިފައި އޮތީ ކުދިންނާ އެކު އެހެން ތަނަކަށް ދަތުރުކުރަން ކަމަށާއި ނަމަވެސް އަސްލު މަންޒިލަކީ "ރަތް" މަންޒިލެއްގެ ގޮތުގައި ފާހަގަކުރެވި އިސްރާއީލު މީހުންނަށް ދަތުރުކުރުން މަނާވުމުން މަންޒިލް ބަދަލުކުރި ކަމަށެވެ. ނަމަވެސް ދަތުރު ކުރާނެ މަންޒިލެއް ހާމަކޮށްފައެއް ނުވެއެވެ.