ޚަބަރު

ގުރުއާނުގެ އާޔަތްތައް ނުލިޔަން ބުނި ބުނުން ފަހުން ބާތިލު ކުރިން: މިނިސްޓްރީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ގުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި ރިފަރެންސް ދިނުމަށް ކުރިން ބުނި ނަމަވެސް، އެ ބުނުން ފަހުން ބާތިލު ކުރި ކަމަށް އެޑިއުކޭޝަން މިނިސްޓްރީ މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އަލަށް ޗާޕްކޮށްގެން ނެރުނު ބައެއް ފޮތްތަކާއި ކުރީގެ ޗާޕްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތަކާއި ކަލިމަތައް ލިޔުމުގައި ކުށްހުރިކަން ފާހަގަކުރެވި، އެކަން ހައްލުކުރުމަށް ކުރެވުނު މަޝްވަރާތަކުގައި ޤުރުއާނުގެ އާޔަތްތައް ފޮތްތަކުގައި ލިޔުމުގެ ބަދަލުގައި
ޚަތިމަށް ނުވަތަ ޢައްމަފޮތަށް ހަވާލާދިނުމަށް، މަޝްވަރާކުރެވި މިކަން ބަޔާންކޮށް ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަން (އެންއައިއީ)އަށް ސިޓީއެއް ފޮނުއްވައިފައިވާ ކަމަށެވެ.

މިގޮތަށް މަޝްވަރާ ކުރެވުނީ އެއްވެސް ހާލެއްގައި ދަރިވަރުން ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން ކުޑަކުރުމުގެ ނިޔަތެއްގައި ނޫން ކަމަށާއި އެ ގޮތަށް މަޝްވަރާ ކުރެވުނީ ޤުރުއާން ލިޔާއިރު ޖެހޭ ކުށްތައް ތަކުރާރު ނުވާނެގޮތެއް ހެދުމަށް ކަމަށާއި އެ ފޮތްތައް ނައްތައިލާއިރު ޤުރުއާންގެ އާޔަތްތަކަށް އިހާނެތިކޮށް ބައެއް ފަހަރު ޢަމަލުކުރެވޭކަމަށް ބައެއް ޢިލްމުވެރިން ވިދާޅުވާތީ ކަމަށެވެ.

ނަމަވެސް އެއީ ރަނގަޅު ކަމެއް ނޫން ކަމަށް ވިސްނި އަދި ދަރިވަރުންނަށް ކޮންމެ ފަހަރަކު ޚަތިމަށް ނުވަތަ ޢައްމަފޮތަށް ބެލުމަކީ ދަތި ކަމަކަށް ވާނެ ކަމުން އެ ސިޓީއަށް ޢަމަލު ނުކުރުމަށް ޖެހިގެން އައި ދުވަހު ވާނީ އެންއައިއީއަށް އަންގަވައިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން އިތުރަށް ވިދާޅުވީ ފަހުން ލިޔުމުން ކުރިން ފޮނުވުނު ސިޓީ ބާތިލް ކޮށްފައިވާ ކަމަށާއި އެ މިނިސްޓްރީން  ނިންމަވައިފައި ވަނީ އިސްލާމް ފޮތާއި ޤުރުއާން ފޮތްތަކުގައި ހުރި ކުށްތައް އިސްލާހުކޮށް ޕްރޫފް ރީޑިންގ ވަރުގަދަ ކުރުމަށް ކަމަށެވެ. އަދި މިފަހަރު ފޮތްތައް ޗާޕުކުރަން ފޮނުވާ އިރު ކުށްތައް އިސްލާހުވެފައިވާކަން ކަށަވަރު ކުރަން ވެސް އެންއައިއީއަށް އަންގަވައިފައިވާ ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ މީގެ ކުރިން މި ސުވާލު މީޑިއާތަކުން ކުރުމުން ވެސް ޤުރުއާންގެ އާޔަތްތައް އެފޮތްތަކުން އުނި ނުކުރާނެ ކަމަށް ދަންނަވައިފައިވާ ކަމަށާއި މިކަމުގައި ޢަމަލުކުރަން ނިންމައިފައިވާ ގޮތް ވެސް ހިއްސާކުރައްވައިފައިވާ ކަމަށެވެ.

މިނިސްޓްރީން ވަނީ ޚަބަރާ ގުޅިގެން ބެލެނިވެރީންގެ ހިތުގައި އުފެދުނު ނުތަނަސްކަމަށް ޓަކައި މާފަށް އެދިވަޑައިގެންފައެވެ.

  1. ލިޔާހިތުން

    ކޮންމެވެސް އެއްޗެއް ކިޔާފަ ހަމަ ޖާއްސާލާނެ. ތިނޫންވަރެއްވިތަ؟

  2. ލިޔާހިތުން

    ކޮންމެވެސް އެއްޗެއް ކިޔާފަ ހަމަ ޖާއްސާލާނެ. ތިނޫންވަރެއްވިތަ

  3. އަދިވެސް

    ޕީޕީއެމް ވެރިކަމަށް ގެނެސްގެންނޫނީ ތިކަހަލަ ކަންތައްތައް ރަނގަޅު ނުވާނެ. ރައްޔިތުން ވިސްނާލުން ރަނގަޅު މިހަދާއެތި

  4. ޖާނޭ

    ކޮންމެ ކަމެއް ކޮށްފައިވެސް އޮޅުމެކޭ ބުނުމަކީ ވަރށް ބޮޑު އާދައެއް މިގޮއްޔެގެ. މަކުނު ފިނދުން ވައު ހުހެއް ނުވާނެޔޭ މަކުނު ދިރި އޮތްހާ ހިނދަކު. މިޑރ. ޢައިޝަތު އަލީގެ ވާހަކަ ހުހެއް ނުވާނެ ވިއްޔާ