އަދުރޭގެ ރައްދު ނަޝީދަށް: "އިންޑިއާ އައުޓް އޭ" ކިޔާނެ، އެކަމެއް ނުހުއްޓުވޭނެ
ރާއްޖޭގައި ތިބޭ އިންޑިއާގެ އަސްކަރިއްޔާ ބޭލުމަށް އިދިކޮޅުން ހިންގާ ކެންޕެއިން ، "އިންޑިއާ އައުޓް" ކެންޕެއިން ކުރިޔަށްދާނެ ކަމަށާއި އަދި "އިންޑިއާ އައުޓް" ކިޔޭނެ ކަމަށާއި އެން ނުހުއްޓުވޭނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެެއެވެ.
"އިންޑިއާ އައުޓް" ހަރަކާތްތައް އަތޮޅު ތެރޭގައި ފެށުމަށް ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައި އިއްޔެ ވަނީ ކ.ގުރައިދޫއަށް ވަޑައިގެން އެރަށުގައި ހަރަކާތެއް ބާއްވައިފައެވެ. އެ ހަރަކާތުގައި ރައީސް ޔާމީން ހުންނެވީ "އިންޑިއާ އައުޓް" ޖަހައިފައިވާ ޓީޝާޓެއް ތުރުކުރައްވައިގެންނެވެ. މިކަމާ ގުޅިގެން މިއަދު މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ އިންޑިއާ އައުޓްއޭ ނުބުނެވޭނެ ކަމަށް ވިދާޅުވެފައެވެ.
މިގޮތުން ވިދާޅުވީ، ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރާއި އިންޑިއާ ކަނޑުގައި އޮތް ދިވެހިރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅުވައިލެވޭނެ ދައުރެއް ނޫން ކަމަށެވެ. އަދި އެފަދައިން އެކަން އޮތުމުން "އިންޑިއާ އައުޓް"އެކޭ ވެސް ދިވެހިންނަށް ނުބުނެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގައި އޮތް އިންޑިއާގެ ދައުރު އަދި އިންޑިއާ ކަނޑުގައި އޮތް ދިވެހި ރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދައުރެއް ނޫން. އިންޑިއާ އައުޓް ކަމަށް ނުބުނެވޭނެ" ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
މިކަމަށް ރައްދު ދެއްވަވާ މިއަދު އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާގެ ދައުރު ދިވެހިންނަށް ނޯޅޭ ކަމަށާއި އިންޑިއާ އައުޓް ގޮވަނީ މިހެންވެ ކަމަށެވެ.
"ރާއްޖޭގައި އޮތް އިންޑިޔާގެ ދައުރު ދިވެހި ރައްޔިތުންނަށް އޮޅިފައި ނެތީމަ ރައްޔިތުން އިންޑިޔާ އައުޓް ކިޔަނީ. ރައްޔިތުންނަށް އިންޑިޔާ އައުޓް ކިޔޭނެ. ކިޔާނެ. އެ ކަމެއް ނުހުއްޓުވޭނެ. އެ ކަން ދާނީ ކުރިއަށް. ދިވެހި ރައްޔިތުން މިތިބީ ހޭލާ.މީ ދިވެހީންގެ ދިވެހިރާއްޖެ" އިންޑިއާ އައުޓް ހޭޝްޓެގް ބޭނުން ކުރައްވަމުން އަދުރޭ ވިދާޅުވިއެވެ.