އާދަމް ނަބުލްސީ ، މާތްﷲއަށް ޓަކައި ލަވަކިޔުން ހުއްޓައިލައިފި

އަރަބި ދުނިޔޭ ސިއްސުވައިލި ކުޅަދާނަ ލަވަކިޔުންތެރިޔާ އާދަމް ނަބުލްސީ މާތް ﷲއަށް ޓަކައި ލަވަކިޔުން ހުއްޓައިލައިފިއެވެ.
ލަވަކިޔުން ހުއްޓައިލިކަން އޭނާ އިއުލާނު ކޮށްފައި ވަނީ އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލް މެދުވެރިކޮށް އާންމު ކުރި ވީޑިއޯއެއްގައެވެ.
އެ ވީޑިއޯގައި އާދަމް ބުނީ، ކޮންމެ މީހަކު ވެސް ކުރާ ހިތްވާނެ ކަމަކާއި ދެކޭ ހުވަފެންތަކެއް ހުންނާނެ ކަމަށާއި ނަމަވެސް ތިމާ ކުރާ ހިތްވާ ކަންކަމާއި ދެކޭ ހުވަފެންތަކަކީ މާތް ﷲގެ ރުއްސެވުން ލިބިގެންވާ ކަންތައްތަކެއްތޯ ބެލުން މުހިންމު ކަމަށެވެ.
އާދަމް ބުނީ ލަވަކިޔުން ހުއްޓައިލާން ނިންމި ނިންމުމާ މެދު އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހި އުފާވާ ކަމަށެވެ.
"ހަގީގަތުގައި، އަހަރެން ހާސިލު ކުރަން އުޅުނު ލަނޑުދަނޑިއަކީ އަހަރުމެން ހެއްދެވި ފަރާތުގެ ރުހުން ލިބިގެންވާ ކަމެއް ނޫންކަން އަހަންނަށް މިހާރު ޤަބޫލު ކުރެވޭ. އަހަރެންގެ ވަރަށް ގާތް ބައެއް މީހުން ވެސް ވިސްނައިދިނީ އެގޮތަށް. އަހަންނަށް އެނގޭ ފަހު ދުވަހެއް އަންނާނެކަން. އެހެންވީމަ މިއަދު އަހަރެން އުފަލާ އެކު މި އިއުލާނު ކުރަނީ، ލަވަޔާއި މިޔުޒިކާ ދުރަށް ދާން ނިންމައިފިންކަން." އާދަމް ނަބުލްސީ ބުންޏެވެ.
އާދަމް ނަބުލްސީ އަކީ ޖޯޑަންއަށް އުފަން މީހެކެވެ. އޭނާ ލަވަކިޔުމުގެ ދާއިރާއަށް ތައާރަފްވީ "އެކްސް ފެކްޓަރ" މުބާރާތުންނެވެ.