ޝިފާއުގެ "ޝަކުވާގެ ސަރިންދާ" ފުމެ އިއްވައިފި
ލަަވަކިޔުމުގެ ދާއިރާގެ އެންމެ އުހުގައި ފިޔަ ޖަހަމުން އަންނަ ޒުވާން ލަވަކިޔުންތެރިޔާ މުހައްމަދު ޝިފާއު އައު ލަވައެއް ބެލުންތެރިންނާ ހަމައަށް ދޫކޮށްލައިފިއެވެ.
އޭނާގެ މި ލަވައަށް ވެސް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. މި ލަވަ އަކީ ހިންދީ ލަވައެއްގެ ރާގަކަށް ހަދާފައިވާ ލަވައެކެވެ. މިއީ ބޮލީވުޑްގެ މަޝްހޫރު ފިލްމު "އޭ ދިލްހެ މުޝްކިލް"ގެ އެންމެ ހިޓު އެއް ލަވަ ކަމަށްވާ "ބުލެޔާ"ގެ ރާގަށް ހަދާފައިވާ ލަވައެކެވެ.
މި ލަވައިގެ ޅެން ހަދާފައިވަނީ މާނަފުން ގިނަ ޅެންތަކެއް ހަދައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ "ތަރުވާޒް" އިންނެވެ. މި ލަވައިގެ ނަމަކީ "ޝަކުވާގެ ސަރިންދާ" އެވެ. މިލަވައިގައި މީހެއްގެ ހިތުގައި އުފެދިފައިވާ ގިނަ ޝަކުވާތަކެއް ވަނީ ވަރަށް ރީއްޗަށް ގެނެސްދީފައެވެ.
މި ލަވައިގެ މިއުޒިކް ތައްޔާރު ކޮށްފައި ވަނީ ޝިފާއު މީގެ ކުރިން ނެރެފައިވާ 3 ލަވައިގެ ވެސް މިއުޒިކް ތައްޔާރު ކޮށްދިން އަބްދުﷲ ޝާފިއު (ޝާ) އެވެ. ޝާ ސްޓޫޑިއޯގެ މި މިއުޒިކަށް ވެސް ގިނަ ބަޔަކު އަންނަނީ ތައުރީފުގެ ބަސްތައް އޮއްސަމުންނެވެ.
މި ލަވައިގެ ރިކޯޑިންގ އަދި މިކްސިންގ ހަދާފައި ވަނީ ޓޮނިކް ލައިވް ސްޓޫޑިއޯ އިންނެވެ.
ޝިފާއުގެ އަޑު އާންމުންނަށް އިވި އޭނާއަށް ބޮޑު މަގުބޫލުކަމެއް ފުރަތަމަ ލިބުނީ "މަންމަ" ލަވަ އިންނެވެ. އަދި މީގެ ކުރިން ޝިފާއު ނެރެފައިވާ 3 ލަވަ އަށްވެސް ގިނަ ބައެއްގެ މަގުބޫލުކަން ވަނީ ލިބިފައެވެ. އޭނާ މީގެ ކުރިން ނެރެފައިވާ 3 ލަވަ އަކީ "މަންމަ"، "ޔާރާ" އަދި "އެކަމެއް ނުވިޔޭ" އެވެ. މި ތިން ލަވައިގެ ތެރެއިން "ޔާރާ" ވަނީ 2 ލައްކައަށް ވުރެ ގިނަ މީހުން އަޑު އަހާފައެވެ.
ޝިފާއުގެ "ޝަކުވާގެ ސަރިންދާ" ލަވަ މިހާރު ސައުންޑް ކުލައުޑުން އަޑު އަހާލެވޭނެެއެވެ.
ސަރިންދާ: ރާގު ފުމެން ބޭނުން ކުރާ އޮނެއް. މި ހުންނަނީ މައްޗަށް ހުންނަ ފަރާތުގައި ލޯވަޅު ބަރިއެއް ތޮރުފައިފައެވެ.