ޢަބްދުﷲ ޝާހިދު ކޮވިޑަށް ފައްސި ވެއްޖެ

އދ.ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު ކަމުގެ މަގާމުގައި ވެސް ހުންނެވި ޝާހިދު ކޮވިޑަށް ފައްސިވެފައިވާކަން ޓްވިޓާ މެދުވެރިކޮށް އެމަނިކުފާނު ވަނީ އާންމުންނާ ހިއްސާ ކުރައްވައިފައެވެ.
ޝާހިދު ވިދާޅުވީ، އެމަނިކުފާނު ކޮވިޑަށް ފައްސިވިކަން އެނގިވަޑައިގަތީ ކޮންމެ ވެސް ވަރަކަށް މި ބަލީގެ އަލާމާތްތައް ފެނިގެން ކަމަށާއި މިހާރު އެމަނިކުފާނު ހުންނެވީ އެކަހެރިވެގެން ކަމަށެވެ.
މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ، އެ މަނިކުފާނު ވަނީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ބޫސްޓާ ޑޯޒް ވެސް ޖައްސަވައިގެން ކަމަށެވެ.
ވެކްސިން ފުރިހަމަ ކުރައްވައިގެން ހުއްޓާ ކޮވިޑަށް ފައްސިވީ ނަމަވެސް، ޝާހިދު މިރޭ ކުރެއްވި ޓްވީޓުގައި ވެސް ބާރު އަޅުއްވައިފައި ވަނީ ކޮވިޑުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށެވެ.