ޚަބަރު

ރައީސް ޔާމީން ޖަލުން މިނިވަންވުމާ އެކު ޕީޕީއެމްއަށް ދިރުން ލިބިއްޖެ، އަލުން ބަންދު ވެދާނެހެނެއް ހިއެއް ނުވޭ: ޝަހީމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ: ދެން އިމޭޖްސް

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލައިފައި ވަނީ ސިޔާސީ ދައުވާތަކެއް ކަމަށާއި ދެން އެމަނިކުފާނު ޖަލު ބަންދަކަށް ދާން ޖެހިދާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް، ރައީސް ޔާމީންގެ އެންމެ ފަހުގެ ރަނިންމޭޓް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝަހީމް މިހެން ވިދާޅުވީ، އޮންލައިން ނޫސް "އަވަސް" އިން ގެނެސްދިން ޕްރޮގްރާމެއްގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމް ސްޕްރީމް ކޯޓުން ބާތިލް ކުރި ނަމަވެސް، އެމަނިކުފާނުގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ އުފުލައިފައެވެ.އަލުން ޖަލު ބަންދަކަށް ވަޑައިގަންނަވަން ޖެހި ވަޑައިގަންނަވާނެ ކަމަށް ޤަބޫލުފުޅު ކުރައްވަންތޯ ސުވާލު ކުރުމުން، ޝަހީމް ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށްކޮށްފައިވާ ދައުވާތަކަކީ، އެމަނިކުފާނު "ނައްތައިލާން" އުފުލައިފައިވާ ދައުވާތަކެއް ކަމަށެވެ.

ސްޕްރީމް ކޯޓުގެ ހުކުމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ޑރ. ޝަހީމް ވިދާޅުވީ، އެއީ ވަރަށް އަދުލުވެރި، އަދި އިންސާފުވެރި ހުކުމެއް ކަމަށެވެ. އަދި ސްޕްރީމް ކޯޓުގެ އެ އަމުރާ އެކު، ދަށު ކޯޓުތަކަށް ވެސް އުންމީދު ލިބިގެން ދިޔަ ކަމަށާއި ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އުޅުމުން ދަށު ކޯޓުން އެކަމަށް ތާއީދު ނުކުރިކަން ޝަހީމް ފާހަގަ ކުރެއްވިއެވެ.

"ވަރަށް ބޮޑަށް ސާފު ދެއްތޯ، އެ ދައުވާތައް އެ އުފުލެނީ ސިޔާސީ ގޮތުން ވަކި މީހަކު ނައްތާލަންކަން. އަޅުގަނޑުމެންނަށް ފެނިގެން އެ ދިޔައީ ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓަކުން އެ ގޮތަކަށް ހުކުމެއް ނުކުރައްވާނެ ކަމަށް. މިހާރު ހުރި ދައުވާތަކަށް ބަލާއިރު ވެސް އަޅުގަނޑަށް ފެންނަނީ ހަމަ އެ މަންޒަރު." ޝަހީމް ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލައިފައިވާ ދައުވާތަކުގައި ބުރަދަނެއް ނެތް ކަމަށް ޤަބޫލު ކުރެވޭތީ ރިޔާސީ ޓިކެޓްގައި ރައީސް ޔާމީންގެ ނަން އޮންނާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!