ޚަބަރު ސަރުކާރު

މީހެއްގެ މޫނަށް ނުބަލައި ހިދުމަތްތައް އަވަހަށް ފޯރުކޮށްދީ: ނައިބު ރައީސް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
އާސަންދަ ކުންފުންޏަށް 10 އަހަރު ފުރުމުގެ ރަސްމިއްޔާތު | ނައިބުރައީސް ފައިސަލް ނަސީމް، ހެލްތު މިނިސްޓަރު އަހުމަދު ނަސީމް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، އާސަންދައިގެ އެމްޑީ މަރިޔަމް ޝަފީގު

މީހެއްގެ މޫނަށް ނުވަތަ އިޖުތިމާއީ ހާލަތަށް ބެލުމެއް ނެތި ސަރުކާރުގެ ހުރިހާ މުއައްސަސާތަކާއި، ކުންފުނިތަކުން ވެސް ހިދުމަތްތައް ފޯރުކޮށްދިނުމަށް ނައިބުރައީސް ފައިސަލް ނަސީމް އިލްތިމާސް ކުރައްވައިފިއެވެ.

Ads by Hajj Corporation

އާސަންދަ ކުންފުންޏަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ހުކުރު ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބުރައީސް ވިދާޅުވީ ހިދުމަތެއް ލިބިގަތުމަށް ވަކި މީހެއްގެ ކައިރިއަށް ގޮސް ބުނުން މިހާރު ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި ގާނޫނު އަސާސީ އެފަދަ ކަންކަމަށް ތަން ނުދޭކަމަށެވެ. އަދި ހިދުމަތަކަށް ވަކި މީހަކު ކައިރިއަށް ދާން ޖެހުމަކީ ތަހުޒީބު މުޖުތަމައުތަކުގައި ދަންނަ ކަންކަން ނޫންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބުރައީސް ވިދާޅުވީ އެއްވެސް ހިދުމަތަކީ އަވަހަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތެއް ނަމަ ލަސްނުކޮށް އެހިދުމަތެއް ފޯރުކޮށްދިނުމަށް އެދިލައްވާކަމަށެވެ.

"ކަމެއް ކޮށްދޭއިރު، އެމީހަކު ބަލައިގަންނަ ފެންވަރަށް، ބަލައިގަންނަ ގޮތަށް އެކަންތައްތައް ކޮށްދެއްވާށޭ. އަޅުގަނޑުމެން ކަންތައްތައް ކޮށްދޭން ޖެހެނީ މީހުން ހިތްހަމަނުޖެހިގެން ރުޅިއައިސްގެން އެއްޗެހިކިޔާ ހިސާބަށް ދިޔުމުންނެއް ނޫން" ނައިބުރައީސް ވިދާޅުވިއެވެ.

އާސަންދަ ކުންފުންޏަށް 10 އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ނައިބުރައީސް ވާހަކަފުޅު ދައްކަވަނީ

އާސަންދައަށް 10 އަހަރު ފުރޭ މުނާސަބަތުގައި ހަނދާނަށް އަންނަނީ ކޮވިޑު-19ގެ ބަލިމަޑުކަމުގެ ސަބަބުން ގައުމުތައް ލޮކްޑައުންގައި އޮތްއިރު ހާއްސަ ހާލަތްތަކުގައި ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދާންޖެހިފައި ތިބި މީހުން ފޮނުވުމުގެ މަސައްކަތް ކުރިއަށް ދިޔަ ދުވަސްތައް ކަމަށް ނައިބުރައީސް ވިދާޅުވިއެވެ. އެގޮތުން ހާއްސަކޮށް އިންޑިއާއަށް ފަރުވާ ހޯދުމަށް ދާންޖެހިފައި ތިބި ފަރާތްތަކަށް އެގައުމުގެ ބޯޑަރު ބަންދުކޮށްފައި އޮތުމުން ނުދެވިފައި އޮތް ދަތި ދުވަސްތަކުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަރަށް މަސައްކަތް ކުރެއްވިކަމަށް ވިދާޅުވިއެވެ.

މުޅި އިންޑިއާ އެހެން ހުރިހާ ގައުމަކަށް ބަންދުވެފައި ވަނިކޮށް ރާއްޖޭގެ ރައްޔިތުންނަށް ޓަކައި ރައީސް ޞާލިހުގެ އެދިވަޑައިގެންނެވުމުގެ މަތިން ސީދާ އިންޑިއާ ސަރުކާރުން ބޮޑުވަޒީރު އިންތިޒާމުތައް ހަމަޖައްސަވައިދެއްވިކަމަށް ނައިބުރައީސް ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑު މިއަދު މިވާހަކަ ދަންނަވަން މިޖެހުނީ އޭރު ރެއާ ދުވާލު ހަމަ އެންމެ ދުވަހެއް ވެސް ވޭތުވެގެންނެއް ނުދޭ ހާއްސަކޮށް މަރިޔަމް ޝަފީގާ (އާސަންދަ ކުންފުނީގެ އެމްޑީ) އަޅުގަނޑުމެން ގުޅަން ނުޖެހޭ. ވަރަށް އުނދަގޫ ވަގުތުގައި ވެސް އަޅުގަނޑުމެން މި ކަންތައްތަކާ ގުޅަން ޖެހޭ" ނައިބު ރައީސް ފައިސަލް ވިދާޅުވިއެވެ.

ނައިބު ރައީސް ވަނީ މިމަސައްކަތަށް ޓަކައި އިންޑިއާގެ އޭރުގެ ސަފީރު ސަންޖޭ ސުދީރަށް ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން ރައީސް ޞާލިހަށް ވެސް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

Ads by HDC
  1. Anonymous

    ތިވާހަކަރަގަޅުު އަމަލުސަކަރާތްް ބޮޑުމީހާއައްް ބޮޑުގޮތްް ނިކަމެތިި ރައްޔިތުމީހާއައްް ނިކަމެތިގޮތްް ބޯގޯސްވާހަކަނުދައްކާާ ތީވާހަކަދައްކާއިރުބޭޭނުންކުރާާ ޢިބާރާތެއްް ތީދުވަހަކުވެސްް ވާނެކަމެއްނޫންް