ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 314 ކިލޯގެ މަސްތުވާތަކެތި ނައްތައިލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަ ގިނަ އަދަދެއްގެ މަސްތުވާތަކެތީ ނައްތައިލައިފިއެވެ.

Ads by Hajj Corporation

މިތަކެތި ނައްތައިލައިފައި ވަނީ މިއަދު ހެނދުނު ދޫނިދޫގައެވެ. މަސްތުވާތަކެތި ނައްތައިލުމުގެ ހަރަކާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއާއި ޕޮލިސް ބޯޑުގެ ނައިބު ރައީސްއާއި ފުލުހުންގެ ސީނިއަރ ބައެއް އޮފިސަރުން ބައިވެރިވެލެއްވިއެވެ.

މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ 1048 ރަބަރު ޕެކެޓާއި، 154 ސެލޯފިންކޮޅާއި، ފިލްމު ހުސްކުރި 90 ދަޅާއި، 15 ބިޑީއާއި ދެ ބޭސް ގުޅައިގެ އިތުރުން އެހެނިހެން 2171 އައިޓެމެވެ. މިއަދު ނައްތައިލި މަސްތުވާތަކެތީގެ ބަރުދަނަކީ 314.82 ކިލޯއެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، މަސްތުވާތަކެތީގެ މައްސަލައަކީ މިހާރު ދިވެހިރާއްޖޭގައި އޮތް އިޖުތިމާއީ އެންމެ ބޮޑު މައްސަލަ ކަމަށާ އަދި މި މައްސަލަ ހައްލުކުރުމަށް ފުލުހުން އެކަނި މަސައްކަތްކޮށްގެން އެދެވޭ ނަތީޖާއެއް ނުނުކުންނާނެކަމުގައި ވިދާޅުވިއެވެ. އަދި މި މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ޓަކައި ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކަށް ދިވެހި ފުލުހުންގެ ހިދުމަތުގެ ވެރިންނަށާއި ހާއްސަ ގޮތެއްގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، ފުލުހުން އަމަލުކުރަމުންދާ އުސޫލުގެ ދަށުން އަދި ގާނޫނީ ހަމަތަކުގެ ތެރެއިން އެކިއެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ވީ އެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި ނައްތައިލުމަކީ ވަރަށް ބޮޑު އިސްކަމެއްދީގެން ކުރާ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ފާއިތުވި ތިން އަހަރެއްހައި ދުވަސްތެރޭގައި ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުމަށް ހިންގި ހަރަކާތްތައް ހުއްޓުވައި އަދި ޓްރެފިކް ކުރުމުގެ ތެރޭގައި ހިމެނޭ މަސްތުވާތަކެތި އަތުލައިގަތުމަށް ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި އެކަމުން ރަމްޒުކޮށްދެނީ ދިވެހި ފުލުހުންގެ ހިދުމަތުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތައް އިތުރަށް ފުޅާވެފައިވާ ކަމުގައި ވިދާޅުވިއެވެ.

މަސްތުވާތަކެތި ނައްތާލުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު ވެސް ވާހަކަފުޅު ދެއްކެވިއެވެ. އޭނާ ދެއްކެވި ވާހަކަފުޅުގައި، ބޮޑެތި މައްސަލަތަކުގައި ހިމެނޭ މަސްތުވާތަކެތި ނައްތައިލުމުގެ ހުއްދަ ފުލުހުންނަށް ލިބިގެންދަނީ މައްސަލައިގެ ތަހުގީގު ފުލުހުން ނިންމައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދައުވާކުރުމަށް ފޮނުވުމަށް ފަހުގައި ކަމަށް ވިދާޅުވިއެވެ. އަދި ހުއްދަ ލިބުމަށް ފަހު ވީ އެންމެ އަވަހަކަށް އެތަކެތި ނައްތާލުމުގެ މަސައްކަތް ކުރަމުންދާކަމުގައި ވިދާޅުވިއެވެ.

މަސްތުވާތަކެތި ނައްތާލުމުގެ ހަރަކާތުގައި އާންމު މީޑިޔާތަކަށާއި އޮބްޒާވަރުންގެ ގޮތުގައި ބައިވެރިވުމަށް އާންމު ރައްޔިތުން ހުޅުވައިލި ފުރުސަތުގައި ނަންނޯޓުކުރި މީހުންނަށް ފުރުސަތުދީފައި ވެއެވެ. މި ހަރަކާތުގެ ތެރެއިން، މީޑިޔާތަކާއި އޮބްޒާވަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމާއި މަސްތުވާތަކެތިން ސުންކު ނަގައި ޓެސްޓް ކުރުމަށް ފަހު އެ ތަކެތީގެ ބާވަތް ބުނެދީފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!