މާފުށިވަރުގެ ތިމާވެއްޓަށް ގެއްލުން ދިނުމުން ހަތަރުލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

އދ. މާފުށީގައި ގަވާއިދާ ޚިލާފަށް މަސައްކަތްކުރުމާ ގުޅިގެން އެ ރިސޯޓު ތަރައްގީކުރުމަށް ހަވާލުވި ކުންފުނި 402500 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.
އެންވަޔަރަމެންޓު ޕްރޮޓެކްޝަން އެޖަންސީ (އީޕީއޭ)އިން ނެރެފައިވާ ނޫސް ބަޔާނުގައިވާ ގޮތުން ޕެރެޑައިސް ރިސޯޓު ޑިވަލޯޕްމެންޓު މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑުން މާފުށި ތަރައްގީކުރުމުގެ މަސަތްކަތް ކޮށްފައި ވަނީ މިނިސްޓްރީ އަދި އީޕީއޭއިން ހުއްދަ ދީފައިވާ ގޮތާ ޚިލާފަށް ކަމަށެވެ.
އީޕީއޭއިން ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށްދޭ ގެއްލުންތަކަށް ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން ޑިސެމްބަރު 28ގައި އެ ކުންފުނި ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
އަދި އިއްޔެއިން ފެށިގެން 30ދުވަހުގެ މުއްދަތެއްގެ ތެރޭގައި ޖޫރިމަނާގެ ފައިސާ ދެއްކުމަށް އީޕީއޭއިން ވަނީ ޕެރެޑައިސް ރިސޯޓު ޑިވަލޮޕްމެންޓު މެނޭޖްމެންޓު ޕްރައިވެޓް ލިމިޓެޑަށް އަންގައިފައެވެ.
އަރިއަތޮޅު ދެކުނުބުރީގައި ތަރައްގީކޮށްފައިވާ މި ރިސޯޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭންގައި 25 މިނެޓުތެރޭ ދެވޭނެއެވެ. ދިގުމިނުގައި 500 މީޓަރު ހުންނަ މި ރަށުގައި ތެޗްރޫފްޑް ވިލާތަކާއި ސްޕާއެއްގެ އިތުރުން ޖިމެއް ވެސް ހުރެއެވެ.