ޚަބަރު

މޭރީގެ މަރުގެ މައްސަލަ: ފިރިމީހައަށް އެއް ދައުވާ، ފިރިމީހާގެ ލޯބިވެރިޔާއަށް ތިން ދައުވާ!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުސް މޭރީ ގްރޭސް މަރައިލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާއާއި އޭނާ ލޯބީގެ ގުޅުން އޮތް ދިވެހި އަންހެން މީހާއަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

Ads by STELCO

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މޭރީގެ މަރުގެ ތުހުމަތުގައި އޭނާގެ ފިރިމީހާގެ މައްޗަށް ކޮށްފައި ވަނީ އެއް ދައުވާއެވެ. އަދި ފިރިމީހާގެ ލޯބިވެރިޔާގެ މައްޗަށް އުފުލައިފައި ވަނީ ތިން ދައުވާއެވެ.

ޕީޖީ އޮފީހުން ބުނީ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާވިން އެސް.ވައި ވާރގަސް އާއި ޅ.ހިންނަވަރު/ މާފިނި ހަލީމަތު ލަމްޙާ އަބްދުއްރަހްމާނު، 19 އޮކްޓޫބަރު 2021 ދުވަހު، ދުރާލައި ރާވައިގެން، މާރވިންގެ އަންހެނުން، (ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ) މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) ދިރިއުޅެމުން ގެންދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި މަރައިލައިފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި އަންނަނިވި ދަޢުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

▪︎ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް (30އ)ގެ މައްޗަށް:

- ދަޢުވާ 1: އެނގިހުރެ މީހަކު މެރުން

ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން.

ސަބަބު: މާރވިން އެސް.ވައި ވާރގަސް، 19 އޮކްޓޫބަރު 2021 ދުވަހުގެ 12:00އާއި 12:49އާ ދެމެދުގެ ވަގުތެއްގައި، މީނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މީނާގެ އަންހެނުން، ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރައިލައިފައިވާތީއެވެ.

މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ.

▪︎ ޅ.ހިންނަވަރު/ މާފިނި، ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނު (24އ) ގެ މައްޗަށް:

- ދަޢުވާ 1: އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން

ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 110 ވަނަ މާއްދާގެ (ހ) އާއި، 30 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ޙަވާލާދީ، 110 ވަނަ މާއްދާގެ (ރ) އާއި، 30 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން.

ސަބަބު: ޙަލީމަތު ލަމްޙާ ޢަބްދުއްރަހްމާން، ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް 19 އޮކްޓޫބަރު 2021 ދުވަހުގެ 12:00 އާއި 12:49އާ ދެމެދުގެ ވަގުތެއްގައި، މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މާރވިން އެސް.ވައި ވާރގަސްގެ އަންހެނުން، ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ) މަރައިލުމުގައި އެހީތެރިވެދީފައި ވާތީއާއި، މޭރީ މަރައިލާން ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރައިލުމުގެ ޢަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފައި ވާތީ.

މި ކުށުގެ އަސާސީ އަދަބަކީ 6 އަހަރަށް ޖަލަށްލުމެވެ.

- ދަޢުވާ 2: އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދަޢުވާ

ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 211 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގެ ދަށުން.

ސަބަބު: މި މައްސަލައާ ގުޅިގެން 27 އޮކްޓޫބަރު 2021 ދުވަހު ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނު ދިރިއުޅޭގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، އެ ގޭގައި މީނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހުއްދައަކާ ނުލައި، އެ ހޮސްޕިޓަލުން މީނާ ނަގައިފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ، އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވާތީ.

މި ކުށުގެ އަސާސީ އަދަބަކީ 2 މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.

- ދަޢުވާ 3: ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން

ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 613 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގެ ދަށުން.

ސަބަބު: މި މައްސަލައާ ގުޅިގެން 27 އޮކްޓޫބަރު 2021 ދުވަހު ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނު ދިރިއުޅޭގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު، އެ ގޭގައި ޙަލީމަތު ލަމްޙާ ޢަބްދުއްރަޙްމާނު ދިރިއުޅޭ ކޮޓަރި ތެރެއިން، ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފައިވާތީ.

މި ކުށުގެ އަސާސީ އަދަބަކީ 2 މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!