ދެ ސަރަހައްދެއްގައި ސިފައިންގެ ތަމްރީނުތަކެއް މި މަހު ކުރިއަށްދާނެ

ރާއްޖޭގެ ދެ ސަރަހައްދެއްގައި ސިފައިންގެ ތަމްރީނުތަކެއް މިމަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާތީ އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އެދިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ކޮޅުމަޑުލާއި އައްޑު ސިޓީގައި ކަމަށެވެ.
އެގޮތުން ކޮޅުމަޑުލުގެ ފަސް ރަށެއްގައި މި ތަމްރީނުތައް ކުރިއަށް ގެންދާނެ ކަމަށާއި ތަމްރީނުތައް ކުރިއަށް ދާނީ މިމަހުގެ 15އިން 22އަށް ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އެމްއެންޑީއެފްއިން ބުނީ ކޮޅުމަޑުލުގައި ތަމްރީންތައް ކުރިއަށް ގެންދާނީ އެލާ، ވޭމަންޑޫ، ތިމަރަފުށި، ގުރައިދޫ އަދި ދިޔަމިގިލީގައި ކަމަށެވެ.
އައްޑޫސިޓީގައި ތަމްރީންތައް އޮންނާނީ އެ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ގަން އިންޓަރނޭޝަނަލް އެއާޕޯޓާއި އެ ތަންތަނާ ގުޅިފައިވާ ކަނޑުގެ ސަރަހައްދުގައި ކަމަށާއި މި ތަމްރީންތައް އޮންނާނީ މި މަހުގެ 10އިން 14އަށް ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.
އެމްއެންޑީއެފްއިން ބުނީ މި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރި ވާނެ ކަމަށާއި ސިމިއުލޭޝަންގެ ގޮތުގައި ހަތިޔާރާއި ގޮވާ ތަކެތި ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.