ޚަބަރު

މިސްކިތްތައް ބެލެހެއްޓުމުގެ ޒިންމާ ހަވާލު ކުރިޔަސް ސަަރުކާރުން ބަޖެޓެއް ނުދޭ: މޭޔަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޑރ.މުޙައްމަދު މުޢިއްޒު --ދެން އިމޭޖްސް

ލާމަރުކަޒީ ޤާނޫނުގެ ދަށުން މާލޭގެ މިސްކިތްތައް ބެހެލެއްޓުމުގެ ޒިންމާ މާލޭ ސިޓީ ކައުންސިލަށް ދީފައި ވިޔަސް، މިސްކިތްތައް މަރާމާތު ކުރުމަށް އެކަށީގެންވާ ބަޖެޓެއް ސަރުކާރުން ދީފައިނުވާ ކަމަށް މާލޭ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިރޭ ވީޓީވީން ގެނެސްދިން "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު ވިދާޅުވީ މާލޭގައި އެތައް މިސްކިތެއް ހުރިއިރު މިސްކިތްތަކުގެ މަރާމާތަށް ދީފައި ވަނީ ނިސްބަތުން ވަރަށް ކުޑަ ބަޖެޓެއް ކަމަށެވެ. އަދި ޓެލެތޯނެއް ބާއްވައިގެން މިސްކިތްތަކުގެ މަރާމާތަށް ފައިސާ ހޯދަން މަޖުބޫރުވީ ވެސް، ސަރުކާރުން ކަންތައް ކުރި ގޮތުން ކަމަށް މޭޔަރު ވިދާޅުވިއެވެ.

"މާލޭ ސިޓީ ކައުންސިލަށް މާލޭ ސިޓީގެ މިސްކިތްތައް ބަލަހައްޓަން ހަވާލުކޮށްފައި ހުރިއިރުގައި، ސަރުކާރުން އަޅުގަނޑުމެންނަށް ދެއްވާފައި ހުރީ އެއް މިލިޔަން ރުފިޔާ. މާލޭގައި ހުރީ 42 މިސްކިތް. އަނެއްކާ އިތުރުވަމުން އެދަނީ، އިތުރު 3 މިސްކިތް ހުޅުވައިފި، ޖުމްލަ 45 މިސްކިތް އެވީ" މޭޔަރު ވިދާޅުވީ، އެ ބޭފުޅުން ޖެއްސެވި ހިސާބުން މާލޭ މިސްކިތްތައް މަރާމާތު ކުރަން 13 މިލިޔަން ރުފިޔާ ޚަރަދުވާ ކަމަށެވެ. ބޮޑު ޚަރަދެއް ކުރަން ޖެހުނީ ހަވާލު ކުރިއިރު، ބައެއް މިސްކިތްތައް މަރާމާތު ނުކޮށް ގިނަ ދުވަސް ވެފައި ހުރުމުން ކަމަށް މޭޔަރު ފާހަގަ ކުރެއްވިއެވެ.

މާލޭ ސިޓީ ކައުންސިލުން ކުރަން ބޭނުންވާ ބައެއް ކަންކަން ކުރުމުގައި ސަރުކާރުން ދަތި ކުރަމުންދާ ކަމަށް ވެސް މޭޔަރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މިގޮތުން ވިދާޅުވީ، ޓެލެތޯން ބޭއްވުމަށް ޚާއްސަ ބޭންކް އެކައުންޓެއް ހަދަން އެދުމުން އެކަން ނުކޮށްދީ ޤާނޫނީ އުުޒުރު ދެއްކި ކަމަށެވެ. އަދި ސަަރުކާރުން ބޭނުންވީ، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް އެހީ ވެވޭނެ ގޮތަށް އިވެންޓް ކުރިޔަށް ގެންދިއުމަށް ކަމަށާއި އެގޮތަށް ކުރިޔަށް ގެންގޮސްފި ނަމަ ތަރުޙީބު ކުޑަވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މިކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވަމުން މޭޔަރު ވިދާޅުވީ، ކައުންސިލްގެ އިތުރު ކަންކަމުގައި އެއްބާރުލުން ނުދިން ނަމަވެސް ދީނީ ކަންކަމުގައި އެއްބާރުލުން ދެއްވަން ޖެހޭނެކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

"ސަރުކާރުން ކަންކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދޭން ބޭނުން ނުވާ ކަމުގައި ވިޔަސް އޮންނަން ވާނެ ނޫން ކަންނޭނގެ ލިމިޓެއް. ދީނީ ކަންކަމުގައި ޖެހޭނެ ކަމަށް އަޅުގަނޑު ޤަބޫލު ކުރަނީ، އެހެން ކަންކަމުގައި ނުދެއްވިޔަސް އެއްބާރުލުން ދެއްވަން." މޭޔަރު ވިދާޅުވީ، މިސްކިތްތަކަށް ފަންޑް ހޯދަން އިސްލާމިކް މިނިސްޓްރީ ކުރެން ވެސް އެދުނު ކަމަށާއި ނަމަވެސް އެކަންކޮށްދީފައި ނުވާ ކަމަށެވެ.

"ވަޤްފް ފަންޑުގެ އެހީއަށް އެދުނިން ސަރުކާރުގައި. އިސްލާމިކް މިނިސްޓްރީން އެއަކަށް އެއްވެސް އެހީތެރިކަމެއް ނުދެއްވި. އެ ބޭފުޅުން ވިދާޅުވި، އަޅުގަނޑުމެންނަކަށް ނުދެވޭނޭ މާލޭ ސިޓީ ކައުންސިލޭ ކިޔައިފައި ފައިސާއެއް. ތިމަންނަމެންނަކީ މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް އެހީވާން ޖެހޭ ބައެކޭ. ދެން އަޅުގަނޑު ދެންނެވިން އާދޭހޭ، އެގޮތުން އެންމެ ބޮޑު އާބާދީއެއް އޮތީ މާލޭގައިވީމާ، ނިސްބަތުން ބޮޑު އިންސައްތައެއް ދެއްވަންވާނެ ނޫންހޭ، އެހެން ނަމަވެސް ނުދެއްވި."

މުއިއްޒު ވިދާޅުވީ، ސަރުކާރުން އެއްބާރުލުން ނުދިން ނަމަވެސް ކައުންސިލްގެ ޒިންމާ އަދާކޮށް، މިސްކިތްތައް ބަލަަހައްޓަވާނެ ކަމަށެވެ. އަދި ސްކޫލު ހުޅުވި، ހަމައަކަށް އެޅުމުން، ޓެލެތޯން ވެސް ބާއްވައި ފަންޑް ހޯއްދަވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!