ކޮމަންޑޫ ދާއިރާގެ ކެނޑިޑޭޓުން އެންޓި-ކެންޕެއިން ކުރޭ: ފުއާދު
ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަ ކުރައްވާ ތިން ކެނޑިޑޭޓުންގެ ފަރާތުން ވެސް އެންޓި-ކެންޕެއިން ކުރައްވާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށާއި އެގޮތަށް އެކަން ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.
މިރޭ ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ، ތިން ކެނޑިޑޭޓުންގެ ވެސް ކެންޕެއިން ހަރަކާތްތައް އިލެކްޝަން ކޮމިޝަނުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި މިހައިތަނަށް އެއްވެސް ކެނޑިޑޭޓެއްގެ ކެންޕެއިނާ ގުޅޭ ޝަކުވާއެއް އައިސްފައި ނުވާކަމަށާއި ޝަކުވާއެއް އަތުވެއްޖެ ނަމަ ބަލާނެކަމަށް ފުއާދު ވިދާޅުވިއެވެ.
ފުއާދު ވިދާޅުވީ، އިލެކްޝަނުން ގެންގުޅެމުން އަންނަނީ މޮނިޓަރު ކުރުމުގެ އުސޫލެއް ކަމަށާއި މައްސަލައެއް ބަލަން ފަށާނީ މީހަކު ނުވަތަ ޕާޓީއަކުން ޝަކުވާ ހުށަހެޅުމުން ކަމަށެވެ. އަދި ކެންޕެއިން ކުރުމުގެ ޤަވާއިދުތަކަށް ބޯލެނބުމަށް ފުއާދު އިރުޝާދު ދެއްވިއެވެ.
"ކެންޕެއިން ކުރުމުގެ ޤަވާއިދުތަކުގައި އަޅުގަނޑުމެން ހުރިހާ ފަރާތަކަށް ތަކުރާރުކޮށް މިދަންނަވަނީ ނެގެޓިވް ކެންޕެއިން ނުކުރައްވާށޭ. އަމިއްލަ ޕާޓީ، ކެނޑިޑޭޓްގެ ޕޮޒިޓިވް ކެންޕެއިން ކުރައްވާށޭ" ފުއާދު ވިދާޅުވީ، މިހާރު ވެސް ބައެއް ކެނޑިޑޭޓުން އެންޓި-ކެންޕެއިން ކުރައްވާ ކަމަށާއި އެގޮތަށް އެކަން ނުކުރުމަށް އެދިލައްވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް މުޅިން ފެންނަނީ އެ މަންޒަރެއް ނޫނޭ. ތިން ކެނޑިޑޭޓުންގެ ފަރާތުން ވެސް އަޅުގަނޑުމެންނަށް އެބަފެނޭ ހަމަ އެ ބޭފުޅުންގެ ޕޮޒިޓިވް ކެންޕެއިނާ އެކީގައި، އޮޕޯނަންޓުންނަށް ނެގެޓިވްކޮށް ރެސްޕޮންޑް ކުރައްވާ ތަން. އަޅުގަނޑުމެންގެ އިލްތިމާސަކީ އެހެން ނުހައްދަވާށޭ"
ފުއާދު އިތުރަށް ވިދާޅުވީ، މަޖިލީހަށް ހޮވޭ ބޭފުޅަކީ ޤާނޫނު ހައްދަވަން ވަޑައިގަންނަވާ ބޭފުޅެއް ކަމަށާއި މިހެންކަމުން ޤާނޫން ހައްދަވަން ވަޑައިގަންނަވާ ބޭފުޅަކު ވަޑައިގަންނަވަންވާނީ ޤާނޫނާ ޚިލާފު ނުވެ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަންނަ މަހު ފަސް ވަނަ ދުވަހުއެވެ. އިންތިޚާބަށް ވާން ޖެހޭ އެންމެހައި ތައްޔާރީތައް ވަމުން ގެންދަވާ ކަމަށް ފުއާދު ވިދާޅުވިއެވެ.