ހޮޑުލުމާއި ބޭރަށްހިންގުމުގެ ރޯގާ ޖެހިގެން 3000އަށް ވުރެ ވޭދަނަ

މިދިޔަ އަހަރުގެ ޑިސެމްބަރު މެދުތެރޭގައި ފެތުރެން ފެށި ހޮޑުލުމާއި ބޭރަށް ހިންގުމުގެ ރޯގާ ޖެހިގެން 3000އަށް ވުރެ ގިނަ މީހުން މިހައިތަނަށް ޑޮކްޓަރަށް ދައްކައިފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އަނެއްކާ ވެސް ގޯސްވަމުން ދިޔުމާ ގުޅިގެން ސަރުކާރުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭއިން ވިދާޅުވީ ހޮޑުލުމާއި ބޭރަށް ހިންގުމުގެ ވޭދަނަތައް މި މަހުގެ ފުރަތަމަ ހަފުތާގައި ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.
އެގޮތުން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން މިހައިތަނަށް 3،491 މީހުން މިބަލީގައި ޑޮކްޓަރަށް ދައްކައިފައިވެއެވެ. އެއީ ފާއިތުވީ ތިން އަހަރާ ބަލާއިރު ވެސް އިތުރު އަދަދެކެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައި ގޮތުގައި، މި ބަލީގެ ވޭދަނަތައް އެންމެ ގިނައިން ފެނިފައި ވަނީ މާލެ ސަރަހައްދުގައެވެ. އެގޮތުން މާލެއާއި ވިލިމާލެ އަދި ހުޅުމާލެއިން މިދިޔަ ޑިސެމްބަރު މަހު 1،208 މީހަކަށް ހޮޑުލުމާއި ބޭރަށް ހިންގުން ޖެހުނުއިރު، މި މަހުގެ މިހައިތަނަށް އެކަނި ވެސް 2،935 ވޭދަނަ މި ސަރަހައްދުން ރިޕޯޓްކޮށްފައިވެއެވެ.
މާލެ ސަރަހައްދަށް ފަހު ދެން މި ބަލީގެ ވޭދަނަތައް އެންމެ ގިނައީ ކ. އަތޮޅުގެ ރަށްތަކުގައެވެ. އެ ރަށްތަކުން 198 ވޭދަނަ ރިޕޯޓުކޮށްފައިވެއެވެ.