ނިހާންގެ މައްޗަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ފަސްކޮށްފި
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކުގެ މައްޗަށް އުފުލައިފައިވާ ދައުވާތަކުގެ މިއަދުގެ އަޑުއެހުން ކެންސަލް ވެއްޖެއެވެ.
މިއަދު 9 ޖަހާއިރު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ތާވަލްކުރެވުނު އަޑުއެހުން ކެންސަލް ކޮށްފައިވާ ސަބަބެއް ކްރިމިނަލް ކޯޓުން ހާމަކޮށްފައެއް ނުވެއެވެ.
ނިހާނުގެ މައްޗަށް ކުރާ ދަޢުވާ އަޑުއެހުމެއް އެންމެ ފަހުން ބާއްވައިފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. ނިހާންގެ މައްޗަށް ދައުލަތުން ވަނީ ހަ ދައުވާއެއް އުފުލައިފައެވެ. އެގޮތުން އޭނާގެ މައްޗަށް އުފުލައިފައި ވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ތިން ދައުވާއަކާއި ރިޝްވަތު ލިބި ގަތުމަށް އެެދުމުގެ ކުށުގެ ދެ ދައުވާއަކާއި މަނީލޯންޑަރިންގެ ކުށުގެ ދައުވާއެކެވެ.
ނިހާނަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވުމުގެ ކުށުގައެވެ.
ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވިކަމުގެ ތުހުމަތު ކުރެވުމާ އެކު ނިހާންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ. ނަމަވެސް އެ ތުހުމަތުތަކަށް އޭނާ ދަނީ އިންކާރު ކުރައްވަމުންނެވެ.
ރައީސް ޔާމީނުގެ ވެރިކަމުގައި ނިހާންއަކީ ޕީޕީއެމްގެ މެމްބަރެކެވެ. ނަމަވެސް ވެރިކަން ބަދަލުވުމާ އެކު އޭނާ ވަނީ ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.