ޚަބަރު

އެމްއެންޑީއެފްގެ އޮފިސަރުންނާއި ސެއިލަރުން ތަމްރީންކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފި

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ގިރިފުށީގައި ސިފައިން ތަމްރީނު ހެދުމުގެ ތެރެއިން/ ފޮޓޯ: ރާއްޖެ އެމްވީ

މޯލްޑިވްސް ނޭޝަނަލް ފޯސް (އެމްއެންޑީއެފް)ގެ އޮފިސަރުންނަށާއި ސެއިލަރުންނަށް ތަމްރީނުގެ ފުރުޞަތުތައް އިތުރުކުރުމުގެ ގޮތުން ބަނގްލަދޭޝްގެ އަސްކަރިއްޔާ އެކު ރާއްޖެއިން މަޝްވަރާކޮށްފިއެވެ.

Ads by MWSC

މި މަޝްވަރާތައް ކުރައްވައިފައި ވަނީ ބަނގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފް އެޑްމިރަލް އެމް ޝާހީން އިޤްބާލް، ރާއްޖޭގެ ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައެވެ.

ބަންޑާރަ ކޮށީގައި ކުރިއަށް ގެންދެވި މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު މާރިޔާ ވަނީ މި ދެ ގައުމުގެ ދެމެދުގައިވާ ބަދަހި ގުޅުން ފާހަގަކޮށްފައެވެ. އަދި ދެ ގައުމުގެ ސަލާމަތީ ބާރުތައް ވަރުގަދަކޮށް، ދެ ގައުމު ހިމެނޭ ކަނޑުގެ ސަރަހައްދުގެ ސަލާމަތީ ރައްކާތެރިކަން އިތުރުކުރުމަށް އެއްބާރުލުން ދޭނެކަމަށް އުންމީދުކުރައްވާކަމަށް އެ ކަމަނާ ވަނީ ވިދާޅުވެފައެވެ.

އަދި އެމްއެންޑީއެފްއާއި ބަނގްލަދޭޝް ނޭވީގެ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންނާއި އެމްއެންޑީއެފްގެ ސެއިލަރުންނަށާއި އޮފިސަރުންނަށް އިތުރު ތަމްރީންތަކެއް ދިނުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

މިއީ ބަނގްލަދޭޝްގެ ޗީފް އޮފް ނޭވަލް ސްޓާފުކަމުގައި ހުންނެވި ބޭފުޅަކު ރާއްޖެ ވަޑައިގަތް ފުރަތަމަ ފަހަރު ކަމަށްވުމުން މިކަމުން ދޭހަވަނީ ދެގައުމުގެ އަސްކަރިއްޔާގެ ދެމެދުގައިވާ ގުޅުންތައް އިތުރަށް ވަރުގަދަ ވެފައިވާކަން ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އަދި ދިވެހި ސަރުކާރުން ގެންގުޅުއްވާ އިންޓަރނޭޝަނަލް ޑިފެންސް ޑިޕްލޮމަސީ އެންޑް ކޯޕަރޭޝަން ސިޔާސަތުގެ ހަރުދަނާކަން ވެސް މިކަމުން ރަމްޒުކޮށްދޭކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

މި ބައްދަލުވުމަށް ފަހު މިނިސްޓަރ މާރިޔާ ވަނީ އެޑްމިރަލް ޝާހީންގެ އަނބިކަނބަލުން އަދި ބަނގްލަދޭޝް ނޭވީ ފެމިލީ ވެލްފެއަރ އެސޯސިއޭޝަންގެ ރައީސާ މުނީރާ ރައުޝަން އަޚްތަރާ ފޯނުން ވާހަކަފުޅުދައްކަވައި، އެ ކަމަނާއަށް ހެޔޮ އެދުންތައް ރައްދުކުރައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!