ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު އެކުލަވާލީ އިކޮނޮމިކް މިނިސްޓްރީން
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް އެކުލަވައިލީ އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ނޫން ކަމަށާއި، އެ މަސައްކަތް ކުރީ އިކޮނޮމިކް މިނިސްޓްރީން ކަމަށް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެ ގާނޫނަށް ހުށަހަޅާފައިވާ ބައެއް އިސްލާހުތަކާ މެދު އާއްމުން ދަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ވަޒީފާއާ ބެހޭ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ވަޒީފާގެ ޕްރޮބޭޝަން މުއްދަތު ހަ މަހަށް އިތުރު ކުރުމާއި، ސަލާމުގެ ޗުއްޓީ ނަގާ ކޮންމެ ދުވަހަކަށް މެޑިކަލް ސެޓްފިކެޓްއެއް ހުށަހަޅަންޖެހޭ ގޮތަށް ހެދުން ހިމެނެއެވެ.
މި އިސްލާހުތައް އެ ގާނޫނަށް ހުށަހަޅާފައިވަނީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ އެވެ.
ޓްވިޓާގައި ފާޑުކީ މީހަކު ބުނެފައި ވަނީ އެ ބިލް މަޖިލީހަށް ހުށަހެޅުމުގެ ކުރިން އޭޖީ އިބްރާހިމް ރިފްއަތު، އޭގެ ޑްރާފްޓް މިނިސްޓަރު ފައްޔާޒުއާ ހިއްސާ ނުކުރެއްވި ސަބަބާ މެދު ވިސްނޭ ކަމަށެވެ.
އެ ޓްވީޓާ ގުޅިގެން ފައްޔާޒު ވިދާޅުވީ އެ ބިލް ޑްރާފްޓް ކުރީ އޭޖީ އޮފީހުން ނޫން ކަމަށާއި، އެ މަސައްކަތް ކުރީ އޭނާގެ ބެލުމުގެ ދަށުން ކަމަށެވެ. އަދި އެ ބިލާ އޭޖީ ރިފްއަތާއި މަޖިލީހަށް ބިލް ހުށަހެޅުއްވި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާއާ ގުޅުމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި އަޅުގަނޑުމެންގެ ހުށަހެޅުންތަކަކީ ގިނަ މައްސަލަތަކަށް އެދެވޭ ހައްލެއް. އަޅުގަނޑުމެންނަކީ ޑިމޮކްރެޓިކް ގައުމެއް. އެހެންވީމާ ބަހުސް ކުރުމަށާއި، އިތުރު ހިޔާލު ހުށަހެޅުމަށް ފުރުސަތު އެބަ އޮތް،" ފައްޔާޒު ވިދާޅުވި އެވެ.