ޚަބަރު

މިހާރު މިތިބީ މާގިނައިން އޮޅޭ ވެރިންތަކެއް: ޖަމީލު

ދެން އެމްވީ ، ދެން އޮންލައިން

މިހާރު މަގާމުތަކުގައި ތިއްބެވީ މާގިނައިން އޮޅޭ ވެރިންތަކެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރިސޯޓުތަކުގެ މުވައްޒަފުންނަށްދޭ ސާވިސް ޗާޖާ ގުޅޭ ގޮތުން މީޑިއާގައި ދެއްކެވި ވާހަކައިގެ މާނައިން އެއްވެސް ރައްޔިތެއްގެ ހިތުގައި ނުތަނަވަސްކަމެއް ވާނަމަ އެކަމަށް މައާފަށް އެދޭކަމަށް ވިދާޅުވެފައި ވާތީ އެކަމަށް ރައްދު ދެއްވި ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ތިއްބެވީ މާގިނައިން އޮޅޭ ވެރިންތަކެއް ކަމަށާއި އެގޮތުން ނިމިގެންދިޔަ ރިޔާސީ އިންތިހާބަށް އިންޑިއާ އިން ނުފޫޒު ފޯރުވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ވިދާޅުވެވުނީ އޮޅިގެން ކަމަށެވެ. އަދި މިފަހަރު ޓޫރިޒަމް މިނިސްޓަރަށް ވެސް އޮޅުނީ ކަމަށް ޖަމީލު ވިދާޅުވިއެވެ.

"މިއީ އޮޅުންތޯ ނުވަތަ ހޫނު ފެނަށް ވެއްޓުމުން ރާގު ބަދަލު ކުރަނީ ނޫންބާ" ޖަމީލު ވިދާޅުވިއެވެ.

މިދިޔަ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވަނީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށް ވިދާޅުވެފައެވެ. އެއާއެކު އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުން ވަނީ މިނިސްޓަރަށް އަމާޒުވެފައެވެ.

އެ ވާހަކަތައް ސާފުކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ ޖުމްލަ ގޮތެއްގައި ސާވިސް ޗާޖު ދިނުމުގައި އަމަލުކުރަނީ ރަނގަޅު ކަމަށް ނުވަތަ ގޯސް ކަމަށްވެސް ސީދާ މިނިސްޓަރު ވިދާޅުނުވާ ކަމަށެވެ. އޭގެ ބަދަލުގައި މިނިސްޓަރު ވިދާޅުވީ ފާހަގަކޮށްލެވޭ ބޮޑެތި "ކީ" އިންވެސްޓަރުންގެ ވާހަކަ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!