ކޮވިޑުގެ ހާލަތު ހުލާސާކޮށް!
- ދުވާލެއްގެ މައްޗަށް ފައްސިވާ އަދަދު 6،000އަށް އުފުލިދާނެ
- ހާލަތު ގޯސްވާ މީހުންގެ އަދަދު ނިސްބަތުން މަދު
- ބޫސްޓާ ޑޯޒް ޖެހުން މުހިންމު
ކޮވިޑް-19ގެ ހަތަރުވަނަ ރާޅެއް ނަގައި މުޅި ދިވެހިރާއްޖެ މިވަނީ މިބަލިމަޑުކަމުގެ ތެރެއަށް ގަންބައިލައިފައެވެ. 24 ގަޑިއިރުގެ ތެރޭގައި ފަނަރަސަތޭކައިން މަތީ އަދަދަކަށް މީހުން ފައްސިވަމުން އަންނައިރު ފައްސިވާ ރޭޓު އުޅެނީ 29 އިންސައްތައިގައެވެ. ހުމާއި ރޯގާގެ އަލާމާތްތައް ފެންނަ މީހުންގެ އަދަދު އިތުރުވެ ބައްޔަށް ޓެސްޓުކުރަން އޮތް ޑިމާންޑު ވަނީ އިންތިހާއަށް އުފުލިފައެވެ. ކުރިން 24 ގަޑިއިރުގެ ތެރޭގައި ޓެސްޓުތަކުގެ ނަތީޖާ ލިބުނު ނަމަވެސް ލޯޑު ބޮޑުވެ މިހާރު ނަތީޖާ ލިބެން 36 ގަޑިއިރުގެ ވަގުތެއް އެބަ ނަގައެވެ. މިފަހަރުގެ ރާޅުގައި ހާލު ދެރަވާ މީހުންގެ އަދަދު މަދެވެ. އެހެންކަމުން ހޮސްޕިޓާތަކަށް އޮތް ބާރު އެންމެ ބޮޑެކޭ ދެންނެވޭކަށް ނެތެވެ.
ކަމާ ބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި މިހާރު ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު ހުރި މިންވަރަށް ވުރެ ދެގުނައަށް ނަމްބަރުތައް ދިޔުމުގެ ބިރު އެބައޮތެވެ. މިއާ އެކު ކޮވިޑުގައި މިހާރު މަރުވާ ރޭޓު ވެސް ދެގުނަ ވެދާނެއެވެ. އޮމިކްރޮން ވޭރިއެންޓު ރާއްޖޭގައި ފެތުރެމުން ދަނީ ވަރަށް ހަލުވިމިނުގައެވެ. އެޗްޕީއޭގެ ޕްރޮޖެކްޝަނުން ދައްކާ ގޮތުގައި މިހާރު މިދާ ރޭޓުގައި ދާނަމަ ލަސްތަކެއް ނުވެ ދުވާލަކު ފައްސިވާ މީހުންގެ އަދަދު 4،000އިން މައްޗަށް ހިނގައިދާނެއެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ހަމަ ކުރިން ވެސް ދެންނެވިން ކަންނޭނގެ ޕްރޮޖެކްޓެޑް ނަމްބާޒް (ލަފާކުރާ އަދަދުތައް) ރިއާލިޓީއާއި މެޗް ކުރާއިރު، އަސްލުގައި ފެންނަ ކޭސް އެއަށް ވުރެ މަދުވެގެން ދަނީ ހަގީގަތުގައި އެ އަޅަންޖެހޭ ފިޔަވަޅުތަކާ އެއްޗެހި އެޅީމަ އޭގެ ސަބަބުން އާންމުން ވެސް އެކަމަށް، އެއްބާރުލުން ލިބިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލުކުރަން ފެށީމަ"
- ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އިބްރާހިމް އަފްޒަލް
ދެން އޮތީ އޮމިކްރޮންގެ ވާހަކައެވެ. މީގެ ކުރިން އުފެދި ފެތުރުނު ޑެލްޓާ ވޭރިއެންޓާ އަޅާ ބަލާއިރު އޮމިކްރޮންގެ ސަބަބުން ނުރައްކާވާ މީހުންގެ އަދަދު މަދެވެ. މާނައަކީ އޮމިކްރޮންގެ އަސަރު ކުޑައެވެ. އެހެން ނަމަވެސް އަދަދުތައް އިތުރުވާ ވަރަކަށް ހޮސްޕިޓަލް ވޭދަނަތައް ވެސް އިތުރުވުމުގެ ފުރުސަތު އޮންނާނެއެވެ. ސީދާ އަދަދުތައް ނުދެންނެވި ނަމަވެސް ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ކުރިއަށް އޮތް ތަނުގައި މަރުވާ މީހުންގެ އަދަދު ވެސް އިތުރުވާނެއެވެ. އެހެން ނަމަވެސް މަރުވާ މީހުންގެ ނިސްބަތް އުފުލޭނެކަމަކަށް ނުބެލެވެއެވެ.
ކޮވިޑް ވޭދަނަތައް އިތުރުވަމުން ގޮސް ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ވެސް ގިނަ ބަޔަކު ވަނީ ބައްޔަށް ފައްސިވެފައެވެ. މީގެ ސަބަބުން މަސައްކަތް ކުރާ މުވައްޒަފުންނަށް ވަނީ ލޯޑު ބޮޑުވެފައެވެ. އެހެން ނަމަވެސް އެޗްޕީއޭއިން ދެކޭ ގޮތުގައި ކޮވިޑުގެ މިހާރުގެ ހާލަތަށް ސިއްހީ ނިޒާމު އޮތީ ތައްޔާރުވެފައެވެ. އެގޮތުން ބައްޔަށް ޓެސްޓު ކުރުމުގެ ހިދުމަތް ގިނަ ތަންތަނުން ލިބޭނެ ގޮތް ހަމަޖައްސައިފައިވާ އިރު، ފަރުވާ ދިނުމަށް ވެސް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރެ ވެސް އޮތީ ތައްޔާރަށެވެ. އޭގެ އެންމެ ބޮޑު ހެއްކަކީ މިހާރު ގިނަ އަދަދަކަށް މީހުން ފައްސިވަމުން ދިޔަ ނަމަވެސް ބެކްލޮގު މަދުވެމެވެ. އެގޮތުން މިހާރު ފައްސިވާ އަދަދުތަކުން ފެންނަނީ ފާއިތުވާ 48 ގަޑިއިރުގެ އަސްލު އަދަދުތައް ކަމަށާއި ބެކްލޮގު މުޅިން ނޫޅޭނެކަމަށް ވެސް ދެންނެވިދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
ގޮންޖެހުން އޮތީ ކޮންޓެކްޓު ޓްރޭސިންގެ މަސައްކަތުގައެވެ. ދުނިޔޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް އޮމިކްރޮން ވޭރިއެންޓުގައި ހާލު ދެރަވާ މީހުންގެ އަދަދު ވަރަށް މަދެވެ. އަނެއްކޮޅުން ކޮވިޑު ބަލީގައި ދެ އަހަރެއްހައި ދުވަސް ހޭދަކޮށްފައިވާއިރު މިބައްޔާ އެކު ދިރިއުޅެން މިވަނީ ހޭނިފައެވެ. އެހެންކަމުން މިހާރު ބަލި ޖެހުމުން އެކަހެރިވެ ހުރެ ބަލީގެ މުއްދަތު ވޭތުކުރަން ގިނަ މީހުން މި ވަނީ އާދަވެފައެވެ. އެޗްޕީއޭއިން ދެކޭގޮތުގައި އެއްތާވި މަސައްކަތަށް މިހާރު ވަކި ބަޔަކު ހާއްސަކޮށް އެމަސައްކަތް ކުރިއަށް ގެންދިޔުން މުހިންމެއް ނޫނެވެ.
"ދެން އަނެއް ކަމަކީ އެވެއާނެސް، އަޅުގަނޑުމެން ހަމަ މިހާވަރަށް ވާހަކަ ދެކެވޭއިރު، އަދި މިވާހަކަ ދެކެވޭތާ މިހާ ދުވަސްވެގެން ދާއިރު އާންމު މީހާއަށްވެސް މިހާރު އިނގޭނެތާ އޭނައަކީ ކޮންޓެކްޓެއް ކަމަށް ވެއްޖެއްޔާ. އެގޮތަށް އައިޑެންޓިފައިވާ ހާލަތުވެސް އަދި އެހެން ވެއްޖެއްޔާ އޭނަ ކަރަންޓީނުގަ މަޑުކުރަންޖެހޭނެކަން. އެހެންވީމަ އަޅުގަނޑު ދަންނަވަނީ މިފަދަ ބައްޔަކީ ހަމައެކަނި މުއައްސަސާއަކުން އެކަނި ކޮންޓްރޯލް ކުރެވޭނެ ބައްޔެއް ނޫނޭ. މިދަނޑިވަޅުގަ ވަރަށް ބޮޑަށް ބޭނުންވާނެ އާންމު މީހާގެވެސް ސަޕޯޓު އަޅުގަނޑުމެންނަށް"
- ޑރ. އިބްރާހިމް އަފްޒަލް
މިހާރުގެ ވިސްނުމަކީ ކޮވިޑާއިއެކު ދިރިއުޅެން ދަސްކުރުމެވެ. މިއީ ހަމައެކަނި ދިވެހި ސަރުކާރުގެ ވިސްނުމެއް ނޫނެވެ. މިއީ މުޅި ދުނިޔޭގައިވެސް ވިސްނުން ހުރި ގޮތެވެ. ކޮވިޑުގައި ދެ އަހަރު ފާއިތުވެ ދިޔައިރު އިގްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންވެސް އޮތީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ތައުލީމީ ދާއިރާއަށްވެސް ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. މިގޮތުގައި ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން އިތުރު އަހަރުތަކެއް ވޭތު ކުރުމަކީ އުނދަގޫ ކަމެކެވެ. އެހެންކަމުން ދެން އޮތް ގޮތަކީ ލުއި ފިޔަވަޅުތަކަކާއިއެކު ބައްޔާއެކު ދިރިއުޅެން ދަސްކުރުމެވެ.
ހަގީގަތުގައި މިހާރު މުއައްސަސާތަކުން ކަމެއް މަނާކުރަންދެން ނުވަތަ ކަމެއް މަޖުބޫރު ކުރުވަންދެން ތިބުމުގެ ބަދަލުގައި އެކަމަކީ ކޮވިޑަށް އޮތް ނުރައްކަލެއް ކަމުގައިވާނަމަ އަމިއްލައަށް އެކަމެއް މަނާވުން ބުއްދިވެރިއެވެ. މިސާލަކަށް ބަލީގެ އަލާމާތެއް ހުރެއްޖެ ނަމަ މަސައްކަތުގެ މާހައުލަށް ނުވަތަ ކެފޭ ރެސްޓޯރެންޓާއި ފިހާރަ ފަދަ ތަންތަނަށް ނުދިއުމެވެ. އަދި ބޭނުމެއް ނެތި ބޭރުގައި އާންމު ތަންތަނުގައި ނޫޅުމެވެ. މިފަދަ ކަންކަމަކީ ފަރުދީގޮތުން އަދާކުރަން ޖެހޭ ޒިންމާގެ ގޮތުގައި ދެކި އެކަންކަން ކުރުން މުހިންމެވެ. އެޗްޕީއޭއިން ބުނާ ގޮތުގައި ހަފްތާއަކު އެއްފަހަރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އާކުރާނެއެވެ. އެހެން ނަމަވެސް ހަރުކަށި ކުރުމުގެ ވިސްނުމެއް ނެތެވެ.
ބޫސްޓާ ޑޯޒް މުހިންމު ވަނީ ކީއްވެ؟
ކޮވިޑް-19އިން ދިފާއުވުމުގެ ގޮތުން ވެކްސިނެއް ތައާރަފު ކުރެވިގެން ދިޔައީ މި ބަލިމަޑުކަމަށް ގާތްގަނޑަކަށް އަހަރެއްހައި ދުވަސް ފާއިތުވެދިޔަ ފަހުންނެވެ. އޭރު ބެލެވިފައި އޮތީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުން، ގާތްގަނޑަކަށް 80 އިންސައްތަ ބަލިން ދިފާއު ވެވޭނެ ކަމަށެވެ. އެހެން ނަމަވެސް ބަލީވެ ވޭރިއެންޓުތައް އިތުރުވުމާއި، ފަރުވާ ހޯދޭނެ ބޭހެއް ތައާރަފު ކުރެވިފައި ނުވާތީ އިތުރު ޑޯޒްތައް ދޭން ފަށަން ޖެހުނެވެ.
އެންމެ ފުރަތަމަ ބޫސްޓާ ޑޯޒް ދޭން ފެށީ ހައި ރިސްކު ކެޓެގަރީތަކުގެ މީހުންނަށެވެ. އެހެން ނަމަވެސް ބަލިން ރައްކާތެރިވުމުގެ ގޮތުން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިންގެ ބޫސްޓާ ޑޯޒް ދިނުން މުހިންމުކަމަށް ދެކި އެކަން ވަނީ ފަށައިފައެވެ. ސެންޓާޒް ފޮރ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން ލަފާ ދެނީ ބޫސްޓާ ޑޯޒް ޖެހުމުގައި ލަސް ނުކުރުމަށެވެ. އެގޮތުން ދެވަނަ ޑޯޒް ފުރިހަމަކުރިތާ ހަ މަސްދުވަސް ފާއިތުވެފައިވާ ނަމަ ވީ އެންމެ އަވަހަކަށް ބޫސްޓާ ޑޯޒް ޖަހަން އެ ސެންޓަރުން އެދެއެވެ.
ދުނިޔޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އަދި ސައިންސްވެރިންގެ ދިރާސާތައް ދައްކާ ގޮތުން ބޫސްޓާ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކޮވިޑް-19އާ ދެކޮޅަށް 90 އިންސައްތައިގެ ރައްކާތެރިކަމެއް ލިބެއެވެ. އަދި މިބަލި އަނެކުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ބޫސްޓާ ޑޯޒް ފުރިހަމަކޮށްފައިވާ މީހެއްގެ ފުށުން އޮންނަނީ ސާޅީސް އިންސައްތައަށެވެ. ދިފާއީ ނިޒާމު މުޅިން ވަރުގަދަ ކުރުމުގެ ބަދަލުގައި ސައިންސްވެރިން ސިފަކުރަނީ ބޫސްޓާ ޑޯޒްއަކީ "ގޭމް ޗޭންޖިންގް" ނުވަތަ ކަން ބަދަލުކޮށްލައިދޭނެ ކަމެއްގެ ގޮތުގައެވެ.
ޑަބްލިއުއެޗްއޯގައި މަސައްކަތް ކުރައްވާ ޑރ. ކެތަރިން އޯ ބަރަރަން ވިދާޅުވީ ވެކްސިންގެ ފުރަތަމަ ދެ ޑޯޒް ފުރިހަމަކުރާތާ ދުވަސްވަމުން ދާވަރަކަށް އެވެކްސިނުން ހަށިގަނޑަށް ރައްކާތެރިކަން ފޯރުކޮށްދޭ މިންވަރު ދާނީ ދަށްވަމުންނެވެ. އެހެންކަމުން ރައްކާތެރިކަން އަލުން ބޫސްޓުކުރަން އިތުރު ޑޯޒެއް ވަރަށް މުހިންމެވެ. މީގެ ސަބަބުން އަލަށް އުފެދިދާނެ ކޮވިޑުގެ ވޭރިއެންޓުތަކުން ވެސް ހަށިގަނޑު ރައްކާތެރިކޮށްދޭނެއެވެ.
ޑރ. ކެތަރިން ވިދާޅުވީ އައު ވޭރިއެންޓުތައް އުފެދިގެން އައިސްފައި ވަނީ ކޮވިޑުގެ ވައިރަސްއާއި އެހެން ކޮންމެ ވެސް ބައްޔެއްގެ ވޭރިއެންޓާއި ހަށިގަނޑުގެ ތެރޭގައި އެކުވެގެންނެވެ. ވުމާ އެކު ވެކްސިން ޖަހައިފައި ހުރެއްޖެ ނަމަ އައު ވޭރިއެންޓުތައް އުފެދުމަށް އޮންނަ ފުރުސަތު ވެސް ކުޑަކޮށްދޭނެއެވެ.
"ފާހަގަކުރެވިފައި އެބަހުރި ބައެއް ބަލިތައް ހުންނަ މީހުންނަށް ވެކްސިން ދިންތާ ވަކި މުއްދަތެއް ފާއިތުވެދިޔުމުން ފުރަތަމަ ދެ ޑޯޒް އެއްވެސް ވަރަކަށް މަސައްކަތް ނުކުރާކަން. ބޫސްޓާ ޑޯޒެއް ޖެހުމުން އެފަދަ ފަރާތްތަކަށް އަލުން ރައްކާތެރިކަން ލިބޭނެ."
- ޑރ. ކެތަރިން އޯ ބްރަޔަން
ސައިންސްވެރިންގެ މެދުގައި ސުވާލު އުފެދެނީ ބޫސްޓާ ޑޯޒެއް މިހައި އަވަހަށް މުހިންމުވާނެތޯއާ މެދުއެވެ. އަދި ބޫސްޓާ ޑޯޒްގެ އަދަދާ މެދުއެވެ. ބައެއް ގައުމުތަކުގައި މިހާރު ގެންދަނީ ދެވަނަ ބޫސްޓާ ޑޯޒެއް ވެސް ދެމުންނެވެ. ތުރުކީއާއި އިޒްރާއީލު ފަދަ ގައުމުތަކުގައި ތިންވަނަ ބޫސްޓާ ޑޯޒެއް ޖަހަން ފަށަން ދަނީ ތައްޔާރުވަމުންނެވެ. ޑަބްލިއުއެޗްއޯއިން ދެކޭ ގޮތުގައި ބޫސްޓާ ޑޯޒެއް ޖަހަން މިހާރު އަވަހެއް ނޫނެވެ. އެހެން ނަމަވެސް ދެ ޑޯޒަށްވުރެއް އިތުރަށް ބޫސްޓާ ޑޯޒެއް ދޭން ޑަބްލިއުއެޗްއޯއިން ރެކޮމެންޑެއް ނުކުރެއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަން ނިމުމަކަށް ގެނައުމަށް ވެކްސިނަކީ މުޅިން ހައްލެއް ނޫނެވެ. އެހެން ނަމަވެސް ގައިން ގަޔަށް މިބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އޮތް ހަމައެކަނި ހައްލަކީ ވެކްސިނޭ ދެންނެވިދާނެއެވެ. ބޭހެއް އާންމުކޮށް ދެވެންދެން ކޮވިޑް ދިފާއު ވެކްސިން ޖެހުން ވަރަށް މުހިންމެވެ. ރާއްޖޭގައި މިހާރު ކޮވިޑުގެ ހާލަތު މިއޮތް މިންވަރު ރަނގަޅުކުރަން ވެސް ވެކްސިން މުހިންމު ދައުރެއް އަދާކުރެއެވެ.