ކޮމަންޑޫ ބައި-އިލެކްޝަންގައި ބަހައްޓާ ވޯޓު ފޮށިތަކުގެ ތަފްސީލު އާންމުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ބަހައްޓާ ވޯޓުފޮށިތަކުގެ ތަފްސީލު އިލެކްޝަންސް ކޮމިޝަން (އީސީ)އިން އާންމުކޮށްފިއެވެ.
އީސީއިން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ ކޮމަންޑޫ ބައި-އިލެކްޝަނުގައި މިހާރު ބަހައްޓަން ނިންމައިފައި ވަނީ ޖުމުލަ 7 ވޯޓު ފޮށި ކަމަށެވެ.
ވޯޓު ފޮށި ބަހައްޓަން ހަމަޖެހިފައި ވަނީ ށ. ފޯކައިދޫ ސްކޫލް - 2 ފޮށި، ށ. މަރޮށި އިޖުތިމާއީ މަރުކަޒު - 1 ފޮށި، ށ. އަތޮޅު ތައުލީމީ މަރުކަޒު (ކޮމަންޑޫ) - 1 ފޮށި، ށ. ކޮމަންޑޫ ޕްރީސްކޫލް - 1 ފޮށި އަދި އިސްކަންދަރު ސްކޫލް - 2 ފޮށްޓެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާ ތަމްސީލުކުރެއްވި އެމްޑީޕީގެ މެމްބަރު ޙުސެއިން ވަހީދު އަވަހާރަވުމުންނެވެ. މިއިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ މުޙައްމަދު ރާޝިދެވެ. އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓަކީ މޫސާ ފަތުހީ އާދަމެވެ. އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ އަބްދުލް ހަންނާން އިދުރީހެވެ.
ކޮމަންޑުއާއި ފޯކައިދޫ އަދި މަރޮށި ހިމެނޭ މި ދާއިރާގައި 3316 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބިގެންވެއެވެ.