ގައުމުގެ ހައްގުގައި އުމުރު ދުވަހަށްވެސް ޖަލުގައި އޮންނަވަން ޔާމީން ތައްޔާރު: އަދުރޭ
ގައުމުގެ ހައްގުގައި އުމުރު ދުވަހަށްވެސް ޖަލުގައި އޮންނަވަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ތައްޔާރަށް ހުންނެވި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ދ. ކުޑަހުވަދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ޔާމީންއާ ބައްދަލުކުރުމުގެ ފުރުސަތު ލިބި ދެ ގަޑިއިރު ވަންދެން ވާހަކަދެއްކި ކަމަށާއި އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތު ކަމާއެކު ކަމަށެވެ.
އެގޮތުން ގައުމާއި ދީނުގެ ހައްގުގައި އުމުރު ދުވަހު ޖަލުގައި އޮންނަވަން ޖެހުނަސް އޮންނަވާނީ ވަރަށް ސާބިތުކަމާއެކުކަން ޔާމީން ހާމަކުރެއްވި ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދި މައިބަދައިގެ ރިއްސާތީ، ކޮނޑުހުޅުގައި ރިއްސާތީ، އުނަގަނޑުގައި ރިއްސާތީ ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ވިސްނުންފުޅެއް އެމަނިކުފާނު ނުގެންގުޅުއްވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.
"ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ބަދަލުގައި ރައީސް ޔާމީން ބޭނުންފުޅުވަނީ ގައުމާއި ދީނުގެ ހައްގުގައި އަލުން އަނބުރާ ދިވެހިން އެދޭ ދިވެހިރާއްޖެ ދިވެހިންނަށް ހޯދައިދިނުމަށް" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ޔާމީން މިނިވަންކުރަން ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބު އިދިކޮޅު ކޯލިޝަނަށް ކާމިޔާބުކޮށްދިނުން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ މިދިޔަ ނޮވެމްބަރު މަހުގެ 28ވަނަ ދުވަހުއެވެ. ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މީރާއަށް ދައްކަން ވެސް ހުކުމުގައި ބުނެފައިވެއެވެ. މި ހުކުމް ހައިކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު، ޔާމީންގެ އެކައުންޓްގައި ހުރި ފައިސާ ދައުލަތަށް ނަގަން ކޯޓު އަމުރެއް ނެރެ ދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓުގައި މިދުޔަ ބުރާސްފަތި ދުވަހު ވަނީ އެދިފައެވެ.