އުރީދޫގެ ހިއްސާއަކަށް 2.70ރ. ބަހަން ބޯޑުން ހުށަހަޅައިފި
ޓެލެކޮމިއުނިކޭޝަން ކުންފުނި، އުރީދޯ މޯލްޑިވްސްގެ މިދިޔަ އަހަރުގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2.70ރ. ބަހަން އެ ކުންފުނީގެ ބޯޑުން ހުށަހަޅައިފިއެވެ.
އެ ގޮތަށް ނިންމައިފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކުންފުނީގެ ބޯޑު ބައްދަލުވުމުގައެވެ. އެ ކުންފުނިން ބުނި ގޮތުގައި، ހިއްސާގެ ފައިދާ ބަހާނީ މި މަހުގެ 17ވަނަ ދުވަހުގެ ކުރިން ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންގެ މެދުގައެވެ.
އެކަން އެ ގޮތަށް ނިންމާނީ އެ ކުންފުނީގެ އާންމު ހިއްސާދާރުންގެ މެދުގައި ބާއްވާ ޖަލްސާގައި އެ އަދަދު ފާސް ކުރުމަށް ފަހުއެވެ. އެ ކުންފުނީގެ އަހަރީ އާންމު ޖަލްސާ އޮންނާނީ އަންނަ މަހުއެވެ.
އުރީދޫން ބުނީ އެ ކުންފުނިން 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އަހަރީ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ، ފެބްރުއަރީ 20، 2022ވާ އާދީއްތަ ދުވަސް ނިމުމުގެ ކުރިން ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށެވެ.
އަހަރީ އާންމު ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި، ތަން، އެޖެންޑާ އައިޓަމްތައް އަދި ވޯޓުލުމާ ގުޅޭ އިތުރު މައުލޫމާތުތައް އާންމު ކުރާނެ ކަމަށް އުރީދޫން ބުނެއެވެ.