ޚަބަރު

ހައެއް ފަހެއްގެ ހަމަލާ: ކޮމިޓީ ބައްދަލުވުން ސިއްރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
241 ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން، ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން މިއަދު ބޭއްވި ބައްދަލުވުން ސިއްރު ކޮށްފިއެވެ.

Ads by Sosun Fihaara

އެެ ކޮމިޓީ ބައްދަލުވުމުގައި މިއަދު އެޖެންޑާކޮށްފައި ވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން އެ ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެކުލަވައިލައިފައިވާ އިންކުއަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ރެކޮމަންޑޭޝަންތައް ތަންފީޒް ކުރަމުންދާ ގޮތާ ގުޅޭ ގޮތުން ރައީސް އޮފީހުން ކޮމިޓީއަށް ފޮނުވި ސިޓީއާ މެދު މަޝްވަރާ ކުރުމެވެ.

ކޮމިޓީގެ ބައްދަލުވުން ފައްޓަވައި ދެއްވަމުން، ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރެކޮމަންޑޭޝަންސްތަކާ ގުޅޭގޮތުން އެންމެ ފަހުގެ އަފްޑޭޓް މި މަހުގެ ދެވަނަ ދުވަހު ރައީސް އޮފީހުން ފޮނުވައިފައިވާ ކަމަށާއި، އެ ސިޓީގައި ސިއްރު ޖަހައިފައިވާ ކަމަށެވެ. އެހެން ވިދާޅުވުމަށް ފަހު އެ ސިޓީއާ ގުޅޭ ގޮތުން ކޮމިޓީގައި މަޝްވަރާކުރުމަށް މިއަދުގެ ބައްދަލުވުން ވަނީ ސިއްރުކޮށްފައެވެ.

މިއަދުގެ ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ ކޮމިޓީގެ ނައިބު މުގައްރިރު އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!