ރާއްޖެއަށް 4 ކިލޯގެ ޑުރަގް އެތެރެކުރަން އުޅުނު ދިވެހި އަންހެނަކު އިންޑިއާއިން ހައްޔަރުކޮށްފި
ރާއްޖެއަށް 4 ކިލޯގެ ޑުރަގް އެތެރެކުރަން އުޅުނު ދިވެހި އަންހެނަކު އިންޑިއާއިން ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފައި ވަނީ 4 ކިލޯގެ އޮޕިއަމް ރާއްޖެއަށް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި 50 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އައިމިނަތު ރަޝީދާ ނަމަކަށް ކިޔާ މި އަންހެން މީހާ ހައްޔަރުކޮށްފައި ވަނީ ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
އޮފިޝަލުން ބުނީ މަސްތުވާތަކެތި ފެނުމާ އެކު އިމިގްރޭޝަން އޮތޯރިޓީން ވަގުތުން އޭނާ ހިފަހައްޓައި އެންސީބީގެ މުމްބާއީ އޮފީހަށް އެންގި ކަމަށެވެ. އަދި އެރްނަކުލަމްގައި ހުންނަ ނެޑަމްބަސެރީ ޕޮލިސް ސްޓޭޝަނަށް އޭނާ ގެންގޮސްފައިވާ ކަމަށް ވެސް ރިޕޯޓްކޮށްފައިވެއެވެ.
އެންސީބީން ބުނީ އެ މައްސަލައަކީ ޑިސެމްބަރު މަހުގެ 11ވަނަ ދުވަހު ލިބުނު މައުލޫމާތަކާ ގުޅިގެން ބެލުނު މައްސަލައެއް ކަމަށެވެ. އެގޮތުން ޕޯސްޓު އޮފީހެއްގައި ހުރި ޕާރުސަލްއެއް ބަލައި، އެ ޕާރުސަލްގައި 3.9 ކިލޯގެ އޮޕިއަމް ފޮރުވައިފައި ހުއްޓާ ފެނިފައިވާ ކަމަށް އެންބަސީން ބުނެފައިވެއެވެ.
އެ ޕާރުސަލްތައް ފެނިފައި ވަނީ އިލެކްޓްރިކް އާލާތެއްގައި ފޮރުވައިފައި ވަނިކޮށެވެ.