ޚަބަރު ދުނިޔެ

ރަޝިއާ-ޔޫކްރެއިންގެ ހަމަނުޖެހުން: ކިހިނެތް ހިނގާ ކަމެއް؟

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބައެއް ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި މިއީ ތިންވަނަ ބޮޑު ހަނގުރާމައެއްގެ ފެށުމެވެ. އެއްކޮޅުގައި އޮތީ ދުނިޔޭގެ އެންމެ ބޮޑު ބާރެއް ކަމަށްވާ ރަޝިއާއެވެ. އަނެއްކޮޅުގައި އޮތީ ޔޫކްރެއިންއެވެ. އެ ޤައުމަށް ވާޤިވެރި ވަނީ ދުނިޔޭގެ ބޮޑު ބާރު ކަމަށްވާ އެމެރިކާއިންނެވެ. އެމެރިކާއާއި ރަޝިއާގެ ވާހަކަ އިހަށް އެއްފަރާތުގައި ބާއްވައިފައި، ރަޝިއާއާއި ޔޫކްރެއިންއާ ދެމެދު ޖެހިގެން އުޅޭ މައްސަލައަށް ބަލާލަމާ ހިނގާށެވެ.

Ads by STELCO
Ads by WAMCO

ޔޫކްރެއިން އަދި ރަޝިއާގެ ތާރީޚް

ރަޝިއާ-ޔޫކްރެއިންގެ ހަމަނުޖެހުން މައްސަލައަށް ނަޒަރު ހިންގައިލާ ނަމަ ޖެހިލަން ޖެހޭނީ ނަވާރަސަތޭކައިގެ އަހަރުތަކަށެވެ. އޭރު ޔޫކްރެއިނާއި ރަޝިއާއަކީ އެއް ބާރެކެވެ. އެއީ ސޯވިއަޓް ޔޫނިއަންއެވެ. ޔޫކްރެއިންނަށް އަމިއްލަ މިނިވަން ދައުލަތެއްގެ ލަޤަބު ލިބުނީ 1991ވަނަ އަހަރުގައެވެ. އެއީ ސޯވިއަޓް ޔޫނިއަން ވެއްޓުމާ ގުޅިގެންނެވެ. ސޯވިއަޓް ޔޫނިއަންގެ އުވިދިއުމާ އެކު، އުފަންވި ޤައުމުތަކުގެ ތެރެއިން އެއް ޤައުމަކީ ޔޫކްރެއިންނެވެ.

އަމިއްލަ މިނިވަން ދައުލަތެއްގެ ގޮތުގައި ޔޫކްރެއިން އޮތް ނަމަވެސް، އެ ޤައުމުން އަބަދުވެސް ދިޔައީ ރަޝިއާއާ އެކު ގާތް ގުޅުމެއް ބާއްވަމުންނެވެ. މި ގުޅުން އެންމެ ފަހުން 'ޓެސްޓް' ކުރެވިފައި ވަނީ، 2014ވަނަ އަހަރުއެވެ. އެ އަހަރު ހުޅަނގުގެ ޤައުމުތަކުގެ އިއްތިހާދު، ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ޔޫކްރެއިންނަށް ވަނީ އިޤްތިޞާދީ ދާއިރާއިން، ޔޫކްރެއިން ޔޫރަޕްއާ ގުޅިގެން ކުރިޔަށް ގެންދިއުމަށް ހުށަހެޅުމެއް ހުށަހަޅައިފައެވެ.  އީޔޫގެ ހުށަހެޅުމާ އެކު، ރަޝިއާއިން ވެސް ވަނީ ކައުންޓަރ އޮފާއެއް ހުށަހަޅައިފައެވެ. އެ ފަހަރު ޔޫކްރެއިންއިން ޤަބޫލުކޮށްފައި ވަނީ ރަޝިއާގެ ހުށަހެޅުމެވެ. ނަމަވެސް މިކަންވީ، ޔޫކްރެއިންގެ އާއްމުން ބަލައިގަތް ކަމަށް ނޫނެވެ. އެ އަހަރު ޔޫކްރެއިންގެ މަގުތަކުގައި ބޮޑެތި މުޒާހަރާތައް ކުރިއެވެ. އަދި ވެރިކަމުގައި އޭރު ހުންނެވި، ރަޝިއާގެ ވާޤިވެރިޔާ، ވިކްޓަރ ޔަނުކޮވިޗް ޤައުމުން ފިއްލެވިއެވެ.

2014ވަނަ އަހަރު އެ ޤައުމަށް އައި ، ވެރިޔަކު ނެތް ހުސްކަމުގެ ތެރޭގައި ބައިބައިވުންތައް ބޮޑުވިއެވެ. އަދި އެ ޤައުމުގައި ދާޚިލީ ހަނގުރާމަތައް ފެށުނެވެ. ދަނޑިވަޅުގެ ބޭނުން ހިފައި ރަޝިއާއިން ވަނީ ބްލެކްސީއާ ދިމާލުގައި އޮންނަ ޔޫކްރެއިންގެ ބައެއް ކަމަށްވާ ކްރީމިއާ އިސްތިއުމާރުކޮށްފައެވެ. އަދި އިސްތިއުމާރު ކުރުމަށް ފަހު، އެ ސަރަހައްދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގިއެވެ. އެ ވޯޓުން، އެ ސަރަހައްދުގެ ރައްޔިތުން ނިންމީ އެ ސަރަހައްދަކީ ރަޝިއާގެ ބައެއް ކަމަށް ހަދާށެވެ.

އެހެން ނަމަވެސް ޔޫއެންއާއި އެ ނޫން ވެސް ބައިނަލް އަޤްވާމީ ޖަމާއަތްތަކުން މި ވޯޓް ބަލައިގަނެފައެއް ނުވެއެވެ. ޔޫކްރެއިން އިން ބުނެފައި ވަނީ މިއީ ބިރު ދައްކައިގެން ނެގި ވޯޓެއް ކަމަށާއި، ޔޫކްރެއިންގެ ޤާނޫނާ ޚިލާފަށް ނެގި ވޯޓެއް ކަމަށެވެ.

ހަމަ މި އަހަރު އޭޕްރީލް މަހުގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީ ކަނުގައި އޮންނަ ޑޮންބާސް ރީޖަންގައި، ވަކިވެ ގަތުމަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ނިކުތެވެ. ޔޫކްރެއިންގެ ސަލާމަތީ ބާރުތަކާއި ޑޮންބާސް ރީޖަންގައި ހިމެނޭ ލުހާންސްކް އަދި ޑޮނާސްކްގެ އުފެދިގެން އައި ވަކިވެ ވަގުމަށް މަސައްކަތް ކުރާ ޖަމާއަތާ ދެމެދު ބޮޑު ހަނގުރާމައެއް އެ އަހަރު ކުރެވުނެވެ.

ޔޫކްރެއިންއިން ތުހުމަތު ކުރާ ގޮތުގައި، ވަކިވެ ގަތުމަށް މަސައްކަތް ކުރާ ޖަމާއަތްތަކަކީ ރަޝިއާއިން ފަންޑު ކުރާ ޖަމާއަތްތަކެކެވެ. ނަމަވެސް ރަޝިއާއިން މި ތުހުމަތުތަކަށް އިންކާރު ކުރެއެވެ ރަޝިއާއިން މީގެ ކުރިން ބުނެފައި ވަނީ، ރަޝިއާގެ ބައެއް މީހުން މި ހަނގުރާމައިގައި ބައިވެރިވެފައިވާ ކަމަށާއި ނަމަވެސް އެއީ އަމިއްލައަށް ގޮސް ބައިވެރިވި ބައިވެރިވުމެއް ކަމަށެވެ.

ޑޮންބާސް ރީޖަން ކުރަމުން އަންނަ މި ހަނގުރާމައިގައި މިހައިތަނަށް 14،000 މީހުން ވަނީ މަރުވެފައެވެ. ވަކިވެ ގަތުމަށް މަސައްކަތް ކުރާ ޖަމާއަތާއި، ޔޫކްރެއިންގެ ސަލާމަތީ ބާރުތަކާ ދެމެދު އިއްޔެ ވެސް ކުރިމަތި ލުމެއް ހިނގާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

ޔޫކްރެއިނުން ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބޭނުން ވަނީ އެ ސަރަހައްދުގައި މިނިވަން ޤައުމެއް ޤާއިމުކުރުމަށް ނުވަތަ ރަޝިޔާގެ ބާރުގެ ދަށަށް ދިޔުމަށެވެ.

މައްސަލަ ފެށިގެން އައީ ކިހިނެތް؟

މިހާރު ރަޝިއާ އަދި ޔޫކްރެއިންގައި އުފެދިގެން އުޅޭ މައްސަލަ ފެށިގެން އައީ މިދިޔަ އަހަރު ނޮވެންބަރު މަހުގެ ތެރޭގައެވެ. ރަޝިއާއިން ވަނީ، މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ޔޫކްރެއިންގެ ބޯޑަރު ކައިރިއަށް ލައްކައަކަށް ވުރެ ގިނަ ސިފައިން ޖަމާކޮށްފައެވެ. އަދި ހުޅަނގުގެ ޤައުމުތަކަށް ޑިމާންޑްތަކެއް ހުށަހަޅައިފައެވެ.

އެއީ؛ 1997ވަނަ އަހަރުގެ ތެރޭގައި އިރުމަތީ ޔޫރަޕްގައި ނޭޓޯ ސިފައިން ތިބި ހިސާބަށް ނޭޓޯގެ ލަޝްކަރުތައް ފަހަތަށް ޖެއްސުމަށެވެ. އޭގެ އިތުރުން، ޔޫކްރޭނާއި ކުރީގެ ސޮވިއެޓް ޔޫނިއަންގެ ގައުމުތަކަށް ނޭޓޯގެ މެމްބަރުކަން ނުދޭނެކަން، ހުޅަނގުން ކަށަވަރުކޮށްދޭން ވެސް ރަޝިއާއިން ވަނީ ހުށަހަޅައިފައެވެ.

ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނޭޓޯ)އަކީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު، އޭރުގެ ސޯވިއަޓް ޔޫނިއަންއިން އެހެން ޤައުމުތަކަށް އަތްގަދަކޮށްފާނެ ކަމުގެ ބިރަށް ހުޅަނގުގެ ޤައުމުތަކުން ހެދި މުއާހަދާއެކެވެ. މި މުއާހަދާގައި ހިމެނޭ ޤައުމަކަށް އެހެން ޤައުމަކުން ހަމަލާދީފި ނަމަ، ނޭޓޯގެ މެންބަރު ޤައުމުތަކުން އެ ޤައުމެއްގެ ދިފާއުގައި ތެދުވަން ޖެހޭނެއެވެ. 1991ވަނަ އަހަރު ސޯވިއަޓް ޔޫނިއަން އުވި ދިޔަ ނަމަވެސް ނޭޓޯ އުވައިލައިފައެއް ނުވެއެވެ. އަދި އެ ޤައުމުން ގެންދަނީ މެންބަރު ޤައުމުތައް އިތުރު ކުރަމުންނެވެ. ރަޝިއާއިން ޤަބޫލު ކުރާ ގޮތުގައި ރަޝިއާގެ ބޯޑަރު ކައިރީ ނޭޓޯގެ ޤައުމުތައް އޮތުމަކީ އެޤައުމުގެ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!