ލައިފްސްޓައިލް

މާޔޫސް ބަލި: ސަލާމަތް ވާނީ ކިހިނެއް؟

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މާޔޫސް ބަލި ނުވަތަ ޑިޕްރެޝަންއަކީ، ބަލި ޖެހޭ މީހާގެ ކިބައިން ޖިސްމާނީ ގޮތުން ގިނަ އަލާމާތްތަކެއް ނުފެނުނު ކަމުގައިވިޔަސް، މީހާ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބަލިކޮށްލާ ބައްޔެކެވެ.

Ads by MWSC

މިބަލީގައި އެކި މީހުން ތަހައްމަލު ކުރަނީ އެކި ކަންކަމެވެ. ޑިޕްރެޝަންގެ ވޭން އިހްސާސްކުރާ މީހުންގެ ތެރެއިން، އަންހެނުންނާއި ފިރިހެނުންގެ ކިބައިން ފެންނަ ކަންކަން ވެސް ތަފާތު ވެއެވެ.

ޑިޕްރެޝަންގެ އަލާމާތްތަކަކީ ކޮބާ؟  

ޑިޕްރެޝަންގެ ބައެއް އަލާމާތްތަކުގެ ތެރޭގައި، ދެރަވެ، މާގިނައިން ރޮވުމާއި، ކާހިތްނުވެ، ހަށިގަނޑުގެ ބަރުދަނަށް ބަދަލު އައުމާއި، އަވަހަށް ރުޅި އައުމާއި، ކަންކަމަށް ސަމާލުކަން ދިނުމަށް އުނދަގޫވުމާއި، އަމިއްލަ ނަފްސަށް ގެއްލުމެއް ދޭން ހިތަށް އެރުން ފަދަ ކަންކަން ހިމެނެއެވެ.

އަދި އެހެން މީހުންނާ ހެދި އުނދަގޫވެ، އެކަނި ހުރުމަށް ލޯބި ކުރުމާއި، ތިމާ ކުރިން ހިތްހަމަޖެހުނު އެއްވެސް ކަމަކުން އުފާވެރިކަން އިހްސާސް ނުކުރެވުމަކީ ވެސް، މިބަލީގެ އަލާމާތެކެވެ.

ޑިޕްރެޝަން ހުންނަ މީހަކަށް މި އަލާމާތްތައް ކޮންމެ ދުވަހަކު، ނުވަތަ މެދުކެނޑުމެއް ނެތި، ދެ ހަފްތާ ވަންދެން ވެސް އިހްސާސް ކުރެވިދާނެއެވެ.

ޑިޕްރެޝަނުން ސަލާމަތް ވާނީ ކިހިނެއް؟

ޑިޕްރެޝަނުން ސަލާމަތްވުމަށްޓަކައި ސިއްހީ މާހިރެއްގެ ލަފާ ހޯދުން މުހިންމެވެ. އަދި އޭގެ އިތުރުން ވެސް ތިބާއަށް ކުރެވިދާނެ ބައެއް ކަންކަން އެބަހުއްޓެވެ.

ދީނީ ކަންކަމަށް ސަމާލުކަން ދިނުން:

މާޔޫސްކަމާއި ހިތާމައިން ސަލާމަތްވުމަށް ޓަކައި، މުސްލިމުންނަށް ކުރެވިދާނެ އެންމެ މުހިންމު އެއް ކަމަކީ އަޅުކަން ކުރުން އިތުރު ކުރުމެވެ.

ނަމާދަށް ފަރުވާތެރިވުމުގެ އިތުރުން، ކީރިތި ޤުރުއާން ކިޔެވުން ގިނަ ކުރުން މުހިންމެވެ. ކީރިތި ޤުރުއާނަކީ ނަފްސާނީ، އަދި ޖިސްމާނީ ބަލިތަކަށް ވެސް ޝިފާއެކެވެ.

ދީނީ އިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވީ ޤުރުއާން ކިޔަވަމުންދާ މީހާއަށް، އޭނާ ތަހައްމަލު ކުރަމުންދާ އެކި ބަލިތަކަށް މާތް ރަސްކަލާނގެ ޝިފާ ދެއްވާނެ ކަމަށެވެ. އަދި ޤުރުއާނުގައި ޝިފާއެއް ވާކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ތިމާއަށް ހިތްހަމަޖެހުން ގެނެސްދޭ ކަންކަމުގައި މަޝްއޫލުވުން:

ކޮންމެ މީހަކު ވެސް އެންމެ ކުރާ ހިތްވާ ކަމެއް ނުވަތަ ކަންކަން ހުންނާނެއެވެ. ޑިޕްރެޝަނުން ސަލާމަތްވުމަށް ޓަކައި، އެކަނިި ގިނަ ވަގުތު ހޭދަ ނުކޮށް، ރަހްމަތްތެރިންނާާއި އާއލާގެ މެމްބަރުންނާ އެކު ވަގުތު ހޭދަ ކުރުން ގިނަ ކުރާށެވެ. ތިބާއަށް ހިތްހަމަޖެހުން ލިބެނީ ރައްޓެހިންނާ އެކު ބޭރަށް ދިޔުމުން ކަމަށްވާ ނަމަ، އެކަން ކުރާށެވެ. ފުރަތަމަ ދުވަސްކޮޅު އެކަމުން ހިތްހަމަ ޖެހުމެއް ނުލިބުނު ނަމަވެސް، ބޭރަށް ދިޔުން މަދު ނުކުރާށެވެ. ފިކުރުތަކުން ދުރުވާން، ވަގުތު ނަގާނެއެވެ.

ޒިންމާ ނެގުން:

މާޔޫސްވުމުން ގިނަ މީހުންނަށް ވާގޮތަކީ، އެމީހެއްގެ ޒިންމާތަކުން އެކަހެރިވެ، ވަކިވެ ގަންނަން ބޭނުންވަނީއެވެ. ގޭތެރޭގެ ޒިންމާތަކުންނާއި، މަސައްކަތުގެ މާހައުލުގެ ޒިންމާތަކާ ދުރަށް ދެވެނީއެވެ.

އެހެން ނުހަދާށެވެ! ތިބާގެ އަމިއްލަ ނަފްސު "ބިޒީ"ކޮށް، ޒިންމާތައް އަދާ ކުރުމަކީ، ކަމެއް ހާސިލުވެއްޖެ ކަމުގައި އިހްސާސް ތިބާއަށް ކުރުވައިދީ، މާޔޫސްވާނެ ފަދަ ވިސްނުންތަކާއި ހިޔާލުތަކުން ދުރުކޮށްދޭނެ ކަމެކެވެ. އެހެންކަމުން މާޔޫސް ވިޔަސް، ހިތްވަރުކޮށްފައި، ޒިންމާތަކާ ދުރަށް ނުދާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!