ލައިފްސްޓައިލް

ޑިޕްރެޝަން ގެ ޝިކާރައަކަށް ވެފައިވާ މީހުން ދެނެގަންނާނެ ބައެއް ގޮތްތައް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮންމެ މީހެއްގެ ވެސް ދިރިއުޅުމުގައި އަޑިގުޑަންތައް އަންނާނެއެވެ. އަދި އުސްގަނޑު ވެސް އަންނާނެއެވެ. ބައެއް މީހުންނަކީ މިފަދަ ހިތްދަތި ކަންކަމާއި ދިމާވި ނަމަވެސް އެފަދަ ކަންކަން ފޮރުވައިގެން އުޅޭ މީހުންނެވެ. އަދި ބައެއް މީހުން ފޮރުވަން ކިތަންމެ މަސައްކަތް ކުރިކަމުގައި ވީ ނަމަވެސް ފޮރުވަން އުނދަގޫ ވާނެއެވެ.

Ads by Sosun Fihaara

ޑިޕްރެޝަން އަކީ އެކި ގޮތްގޮތަށް ދެނެގަނެވި ދާނެ އެއްޗެކެވެ. އެގޮތުން ބައެއް މީހުން އާދަޔާ ޚިލާފަށް ހިނިތުން ވުމަކީ ވެސް މިކަމުގެ ސަބަބުން ވާ ކަމެކެވެ. އާންމުކޮށް މިހެން އުޅޭ އުޅުމުގައި ވެސް ހިނިތުންވާ މީހުން ދިރިއުޅުމުގައި ދިމާވާ އެކި އެކި ކުދި ކުދި އެންމެ އާދައިގެ ކަންތައްތަކާ ވެސް އެފަދަ މީހުން ހޭނެއެވެ. އެ ހުނުމުގައި ފޮރުވުފައިވާ އެތަކެއް ސިއްރުތަކެއް ވާނެެއެވެ.

އެންމެ އާންމުކޮށް ޑިޕްރެޝަންގެ ޝިކާރައަކަށް ވެފައިވާ މީހުންނަކީ އެހެން މީހުންނާ އެކަހެރި ކޮށް ތިބޭ މީހުންނެވެ. އާންމު ދިރިއުޅުމުގައި އުޅޭ އިރު ރައްޓެހިންނާއެކު ހީސަމާސާކޮށް ހަދާ މީހަކަށް މިފަދަ ބޮޑު ބަދަލެއް އަންނަ މަންޒަރު ފެންނަމުން ދާ ކަމުގައި ވާ ނަމަ އެމީހާ ކުރެން އެ ވާހަކަ ތައްް އަހާލުން ބުއްދިވެރިއެވެ. އެކަމަކު ވަގުތާއި ޙާލަތަށް ބަލާފައެވެ.

ރައްޓެހިން އެއްކޮށް ހީސަކަރާތް ޖަހާއިރުގައި އެކަކު އަނެކަކާ ދިމާ ވެސް ކުރާނެއެވެ. އެކަމަކު އެއީ ހަމަ ސަކަރާތަށެވެ. މިފަދަ ކަމަކާ ކުރިމަތިލަމުން އަންނަ މީހަކަށް އެޖަހަމުންދާ ސަކަރާތް ނަގައިގަނެވޭނީ އެހެން ގޮތަކަށެވެ. ވަރަށް އަވަހަށް ހިތުގައި ޖެހޭނެއެވެ. ކަންކަމާ ވަރަށް އަވަހަށް މާޔޫސް ވާން ފަށާނެއެވެ. މިފަދަ ކަންކަން އެހެންމީހުން ދަންނަން ޖެހޭނެއެވެ.

ދިރިއުޅުމުގައި އެއްވެސް ކަހަލަ މަޖާކަމެއް ކުރާ ހިތެއް ނުވާނެއެވެ. ބައެއްމީހުން ގެއިން ބޭރަށް ދާން ފޫހިވާނެއެވެ. ގެއިން ބޭރަށް ދިޔަ ކަމުގައި ވީނަމަވެސް ކުރާ އެއްވެސް ކަމެއްގައި ޝާމިލު ވާ ހިތެއް ނުވާނެއެވެ. އެއްތާކު މަޑުން އިންނަން ވެސް އެފަދަ މީހުނަށް މާ ރަނގަޅުވާނެއެވެ. ކުދި ކުދި ކަންތައްތަކާ ގެއްލި އިނދެވެން ފަށާނެއެވެ.

ޑިޕްރެޝަންއަކީ ފަރުވާ އޮތް ކަމެކެވެ. އެހެންމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެންމެ އަވަހަށް މީހާ މިފަދަ ކަމަކުން އަރައިގަންނަން މީހާ ނަމާދާއި ގާތްވުން ވަރަށް މުހިންމެވެ. ލިބޭ ހުސް ވަގުތުގައި ކީރިތި ޤުރުއާން ކިޔަވާލައި އަދި ރޯން ބޭނުން ވެއްޖެނަމަ 2 ރަކުއަތުގެ ސުންނަތް ނަމާދެއް ކޮށްލާށެވެ. އަދި ސަޖިދާގައި އޮވެ ރޯށެވެ. ހަގީގަތުގައިވެސް ހިތަށް ވަރަށް ހަމަޖެހުން ލިބޭނެއެވެ. އެއްވެސް ކަމަކީ ނިމުމެއް ނެތް ކަމެއް ނޫނެވެ. އެކަން ހަނދާނުގައި އަބަދުވެސް ބަހައްޓާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!