ލައިފްސްޓައިލް

އޭނާ އެ އިއްވަނީ އޭނާގެ ސިކުނޑީގެ އަޑުތަކެވެ. ހިތުގެ އުދާސްތަކެވެ.

ޢަލީ މާޖިދު ، ދެން އޮންލައިން

މިއީ ލިޔަން އެހާ ފަސޭހަ ވާހަކަތަކެއް ނޫނެވެ. އެކަމަކު މިއީ ނުލިޔެ ދޫކޮށްލެވެން އޮތް ވާހަކަތަކެއް ވެސް ނޫނެވެ. މިއީ ސަމާސާއެއް ނުވަތަ ޖޯކެއް ވެސް ނޫނެވެ. އަދި ޚިޔާލީފޮލާއެއް ވެސް ނޫނެވެ. މީ މިއަދު ވެސް އަހަރުމެންގެ ތެރެއިން ގިނަ މީހުން އުފަލަމުންދާ ވޭނެކެވެ. ބަރުދާސްތު ކުރަމުންދާ ކެކުޅުންތަކެއްގެ ވާހަކައެވެ.

Ads by Sosun Fihaara

އެހެނަސް މި އުދާސްތައް މި އުނދަގޫތައް އިހްސާސްވަނީ ވަރަށް މަދު މީހަކަށެވެ. ރޭގަނޑު ނުނިދި އެނދުގައި ފުރޮޅިފުރޮޅި އޮންނާން އެކަކު ވެސް ބޭނުމެއް ނުވާނެއެވެ. ބޮކި ދިއްދާލީމާ ސިއްސައިގެން ގޮސް ފާރުގެ ކަނެއްގައި ލައްވެ އިންނަށް ބޭނުންވާނީ ހުދު ކާކުތޯއެވެ. އިވޭ އަޑުތަކުން ސަލާމަތްވާން ދެކަންފަތްމަތީ ބާލީސް އަޅައިގެން އޮންނާން ފަސޭހަ ވާނީ ވަކި ކާކަށް ހެއްޔެވެ. މި އުނދަގޫތައް ތަހައްމަލް ކުރަން އެކަކަށް ވެސް ފަސޭހައެއް ނުވާނެއެވެ. އެހެނަސް މިއުދަނގޫތަކާ އެކު އެތައް ބަޔަކު ދިރިއުޅެމުން އެބަދެއެވެ.

މިދައްކަނީ ޑިޕްރެޝަން ނުވަތަ ހާސްވުމާއި، ފިކުރު ބޮޑުވުން ތަހައްމަލް ކުރަމުންދާ ފަރާތްތަކުގެ ވޭނީ ދިރިއުޅުމުގެ ވާހަކަތަކެވެ. އެކަނިވެރިކަމާއި ހިމޭން ކަމެއްގައި ޙަޔާތެއް ވޭތުކުރަމުންދާ އެތައް ބައެއްގެ ވާހަކައެވެ. ޙަޔާތެއް އަނދިރި ކަމާއި ނުވަނަވަސް ކަމުގައި ވޭތުކުރަމުންދާ ލޮލަށް ފެނުނަސް ފާހަގަ ކުރަން ނޭނގޭ ކަންފަތަށް އަޑު އިވުނަސް ޤަބޫލުކުރަން ބޭނުން ނުވާ އަދި ބުނެދިނަސް ދެނެގަންނަން ދަތި އިހްސާސް ތަކެއްގެ ވާހަކަތަކެކެވެ.

އެފަދަ މީހާ އެކަނިވެރިކަން ބޭނުން ވަނީ އޭނާ އެކުވެރިކަން ބޭނުން ނުވާތީއެއް ނޫނެވެ. ނަމަވެސް އެކުވެރިން އެކަން ޤަބޫލުކުރަން ބޭނުން ނުވާތީއެވެ. ގިނަފަހަރު އެފަދަ މީހެއްގެ މޫޑް ކުއްލިއަކަށް ބަދަލު ވިޔަސް ހީކުރެވެނީ އޭނާ ގަސްދުގައި ކުރާ ކަމެއްގެ ގޮތުގައެވެ. ނުވަތަ މަސައްކަތް ކުރާ މާހައުލުގައި ތަންކޮޅެއް ނެގި މަޑުވެފައި އިނަސް ދެކެވެނީ މަސައްކަތް ނުކުރަން ވެގެން ދައްކާ ބަހަނާއެއްގެ ގޮތުގައެވެ. 

އާއިލީ ދިރިއުޅުމުގައި ވެސް ގޭތެރޭގައި އާއިލާ ތެރޭގައި ގައި ވެސް ކަންތައް ހިނގަމުންދާނީ މިފަދަ ގޮތަކަަށެވެ. އަންނަމުންދާ ބަދަލުތައް ދެނެގަނެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި އަމިއްލައަށް ހެދިގެން އުޅޭ ގޮތެއްކަމަށް ބުނެ އެކަހެރިކޮށް ބާކީކޮށްލަނީއެވެ. ވިސްނައި ފިކުރުތައް ގިނަވާ ވަރަކަށް މީހާގެ ހާސްކަން އިތުރުވާނެއެވެ. 

އެ ހާލަތަށް މީހަކު ދިޔުމުން ނޫނީ އަސްލު އެ ހާލަތުގައި ކުރެވޭ އިހްސާސްތައް ވަޒަން ކޮށްލުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ ކެތްތެރިކަން ހުންނާނީ އެކި މީހުންގެ އެކިވަރަށް ކަމެވެ. ބައެއް މީހުން މި އުދާސްތަކުގެ ޝިކާރަޔަކަށް ވުމުން ހަނދާނެ ގޮތް ހުސްވެއެވެ. ދައްކާ ވާހަކަ އަޑު އަހާނެ މީހަކު ވަނީއެއް ނޫނެވެ. އަޑު އެހިޔަަސް ޤަބޫލުކުރާ މީހަކު ވަނީއެއް ވެސް ނޫނެވެ. އެހިސާބުން ދެން އޭނައަށް ވިސްނޭނީ އޭނާއަކީ ބޭކާރު މީހެއްގެ ގޮތުގައެވެ. އަމިއްލަ ނަފުސަކީ އެއްވެސް އަގެއް ނެތް އެއްޗެއްގެ ގޮތުގައެވެ.

އަމިއްލަ ނަފުސަށް އަނިޔާ ކުރާ ހާލަތަށް ދަނީ އެއް ދުވަހަކުން ނޫނެވެ. އެތައް ދުވަހަކުން އޭނާގެ ސިކުނޑި ހާސްކުރަމުން ކުރަމުން ގޮހޮއެވެ. އެންމެ ފަހުން ކެތްނުވާ ދަރަޖައަށް ގޮސް އޭނާ ، އޭނާގެ ނަފުސްގެ ޤާތިލަކަށްވާ ހިސާބަކީ ހަޤީގަތުގައި އޭނާ އެތައް ރެޔަކާއި ދުވާލު އެ އުފުލަމުން ދިޔަ ވޭންތައް އެހެން މީހުންނަށް އިހްސާސްވާން ހަނދާންވާ ފަށާ ހިސާބެވެ.

އެދުވަހު އެންމެން ވެސް ދައްކަނީ އޭނާގެ ޙަޔާތުގައި އޭނާ ވަރަށް ކެތްގަދައޭ އެހެންނޭ މިހެންނޭ ކިޔައި އޭނާގެ ރަނގަޅު ހުރިހާ ސިފަތަކެއްގެ ވާހަކައެވެ. ދަންނަ ގާތް އެކުވެރިން މީޑިއާގައި ފުރާލާނީ އޭނާ ދެކެ ވާ ލޯބި ހާމަކޮށް ތައުޒިޔާގެ މެސެޖްތަކެވެ. އާއިލާއިން ވެސް އެދުވަހު ކުރާނީ އޭނާ ވަކިވުމުގެ ހިތާމައެވެ. މުޅި މުޖުތަމަޢަށް ވެސް އެދުވަހުން އޭނާވާނީ ވަރަށް މުހިއްމު މީހަކަށެވެ.

އެކަމަކު! އޭނާ އެންމެ ބޭނުންވި ވަގުތު އޭނާގެ އިހްސާސްތައް ދެނެގަނެވުނީ ކިތައް މީހުންނަށްތޯއެވެ.؟ އެންމެ ކައިރީގައި އުޅޭ މީހުންގެ ތެރެއިން އޭނާގެ ހާލަތު ވަޒަން ކޮށްލެވުނީ ކާކަށްތޯއެވެ. އަހަރުމެންގެ ލޯ ހުޅުވެންވީ އޭނާގެ ލޯ މަރައިލުމުގެ ކުރިންނެވެ. އަހަރުމެން އޭނާއަށް އެހީވާންވީ އޭނާއަށް އަހަރުމެންނަށް އެހީ ނުވެވޭނެހައި ދުރަށް ދިއުމުގެ ކުރިންނެވެ. 

މިފަދަ ހާލަތުގައި ތިބި މީހުންގެ ވާހަކަތައް އަޑު އަހާށެވެ. އަހަރުމެންނަށް އެހާ ޝައުގުވެރި ވާހަކައަކަށް ނުވެދާނެއެވެ. އެހެނަސް އޭނާ އެ އިއްވަނީ އޭނާގެ ސިކުނޑީގެ އަޑުތަކެވެ. ހިތުގެ އުދާސްތަަކެވެ. އޭނާއަށް އޭނަކީ ބަލި މީހެއް ނުވަތަ ކުށްވެރިއެއް ގޮތަށް އިހްސާސްކޮށްދިނުމުގެ ބަދަލުގައި އެއީ ކޮންމެ މީހަކަށް ވެސް ދިމާވެދާނެ ގޮތެއްކަމާއި އެކަމުން އަރައިގަނެވޭނެ ކަމާއި ހިތްވަރާއި އެހީތެރިކަންދޭށެވެ. އެންމެ ގާތުން އޭނާގެ ހާލަތު ފެންނަ މީހުން އެ ހާލަތު ދެނެގަންނާށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!