ރިޕޯޓް

ހިންގާލުމުގެ ފުރަތަމަ ޖަލްސާގައި އިވުނީ އޮޑީގައި އޮތް އުދާސްތައް!

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ތެރޭގައި އޮތީ ދެ ފެކްޝަނެއް އުފެދިފައެވެ. މިއީ އެންމެންނަށް އެނގޭ ބޮޑު ސިއްރެވެ. އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރައްވާ އެއްވެސް ބޭފުޅަކު ފާޅުގައި މިކަމަށް އެއްބަސްވެވަޑައި ނުގަންނަވައެވެ. އެހެން ނަމަވެސް މިހާރު ކަން ހިނގަމުން ދާގޮތުން އަދި ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކުން މި ދެފެކްޝަންގެ ދެމެދުގައި އޮތް ނުތަނަވަސްކަން ކިތަންމެ ރަނގަޅަށްކަށް ވެސް ހާމަވެއެވެ.

Ads by STELCO

އެއް ފެކްޝަނަކީ އެމްޑީޕީގެ "ހީރޯ" ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެވެ. އަނެއް ފެކްޝަނަކީ އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފެކްޝަނެވެ. ތާއީދު ބޮޑީ ކޮން ފެކްޝަނަކަށްތޯ ދަންނަވަން ދައްޗެވެ. އެހެން ނަމަވެސް މި ވޭތުވެދިޔަ ތިން އަހަރެއްހައި ދުވަސް ތެރޭގައި ބޭއްވި އެމްޑީޕީގެ އިންތިޚާބުތަކަށް ބަލާ ނަމަ އާންމު މެމްބަރުންގެ ތާއީދު ބޮޑީ ރައީސް ޞާލިހުގެ ފެކްޝަނަށްކަމަށް ގަބޫލުކުރެވެއެވެ.

ކުރިއަށް އޮތީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ މުހިންމު އިންތިޚާބެވެ. މިއީ ވަރަށް މުހިންމު އަދި ބޮޑެތި ކަންތައްތަކެއް ނިންމާނެ އިންތިޚާބަކަށް ވެގެންދާނެއެވެ. އަންނަ ޖޫން މަހުގެ ތެރޭގައި ބޭއްވުމަށް ތާވަލުކޮށްފައިވާ އެމްޑީޕީގެ ކޮންގްރެސްއަށް މުހިންމު ކަންތައްތަކެއް ނިންމަން ގަސްތުކުރާއިރު އެ ކޮންގްރެސް ޗެއާގެ މުހިންމުކަން ކިތަންމެހައި ވެސް ބޮޑެވެ. ޗެއާގެ މަގާމަށް އެއްކޮޅުން ނިކުންނެވީ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރު ފައްޔާޒު އިސްމާއީލެވެ. އަނެއްކޮޅުން ރައީސް ނަޝީދުގެ ތާއީދު ލިބިވަޑައިގެން ނިކުންނެވީ އިމްތިޔާޒު ފަހުމީއެވެ. ދެބޭފުޅުންނަކީ ވެސް އެމްޑީޕީގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވައިފައިވާ ދެ ބޭފުޅުންނެވެ.

ހުކުރު ދުވަހުގެ ރެއަކީ ރައީސް ޞާލިހުގެ ފެކްޝަންގެ ބޮޑު ކެމްޕެއިން ލޯންޗު ކުރި ރެއެވެ. ފައްޔާޒާ އެކު އަންހެނުންގެ ރޫހަށް ވާދަކުރައްވާ މީދޫ ދާއިރާގެ މަޖިލިސް މެމްބަރު ރޮޒައިނާ އާދަމްގެ "ހިންގާލަން" ކެމްޕެއިން ލޯންޗު ކުރި ރެއެވެ. މިޖަލްސާއަށް އެމްޑީޕީގެ އިސް ޓީމު މާލެއިން ށ. މިލަންދޫއަށް ވަޑައިގެންނެވުމުން އެރަށުން އެރުވީ ރައީސަކަށް އަރުވާ ވަރުގެ ހޫނު މަރުޙަބާއެކެވެ. އެއާ އެކު ޖަލްސާގެ ފޯރި ވެސް ފިސާރި ހުންނާނެކަން އެނގިއްޖެއެވެ.

ފައްޔާޒުގެ ވާހަކަފުޅުގައި އެމްޑީޕީގެ ސްޕީޑު ލަސްކަމުގެ ވާހަކަ

މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނެވީ މެމްބަރު ހަސަން ލަތީފެވެ. ހަސަންގެ ތާއީދު މިފަހަރު އޮތީ އިންތިއަށެވެ. ލީޑަޝިޕްގެ ބޮޑު ބައެއް ރައީސް ނަޝީދުގެ ފެކްޝަނަށް އޮތް އިރު ، ޖަލްސާގައި ވާހަކަ ދެއްކި ހުރިހައި ބޭފުޅުން ވެސް ވިދާޅުވީ ބަދަލެއް ބޭނުންވާ ކަމަށެވެ.

"މިއަދު މިޕާޓީ (އެމްޑީޕީ)ގެ ހިންގުން މިއޮތީކީ މިޕާޓީގެ ސައިޒުގައެއް ނޫން. މިޕާޓީގެ މެމްބަރުންނަށް ހައްގުވާ މިންވަރަކުއެއް ނޫން. އަޅުގަނޑުމެންގެ މިޕާޓީގެ މަސައްކަތް މިއޮތީ ހަގީގަތުގައި އަޅުގަނޑުމެން ލަދުވެތިވާންޖެހޭ ހިސާބެއްގައި"

- ފައްޔާޒު އިސްމާއީލް

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ އެތެރޭގައި އުފެދިފައި ވަނީ ކުދިކުދި ފިތުނަތަކެއް ކަމަށެވެ. އެހެން ނަމަވެސް އެފިތުނަތަކުގެ ތެރޭގައި ތާށިވެފައި އޮންނަން ޖެހޭ ވަރަށް ވުރެ އެމްޑީޕީ ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.

މެމްބަރު ރޮޒައިނާއަކީ ޑީއާރުޕީގެ އިސް ސަފުގައި އުޅުއްވުމަށް ފަހު މީގެ އަހަރުތަކެއް ކުރިން އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. މީގެ ސަބަބުން އަދިވެސް އޭނާއަށް އެމްޑީޕީގެ ބައެއް މެމްބަރުންގެ ނުރުހުން އަމާޒުވެއެވެ. މިކަމާ ގުޅުވައި ފައްޔާޒު ވިދާޅުވީ އެހެން ޕާޓީތަކުން އައިސް އެމްޑީޕީއާ ގުޅޭ ފަރާތްތަކަށް ވެސް އެމްޑީޕީގެ އެންމެ ކުރީ ސަފަށް ނިކުތުމުގެ ފުރުސަތު އަބަދު ވެސް އޮންނާނެ ކަމަށެވެ. އަދި ވަކި ގެއެއްގެ މީހަކަށް ނުވީތީ އެމްޑީޕީން ޖާގަ ނުދެވެންވީ އެއްވެސް ސަބަބެއް ނޯންނާނެކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ

ވޭތުވެދިޔަ އަހަރުތަކުގައި އެމްޑީޕީގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި ނިކަމެތިވެފައިވާ މިންވަރު ފައްޔާޒު ވިދާޅުވެދެއްވިއެވެ. އެގޮތުން ޕާޓީގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި އަންހެން ބޭފުޅުންނާއި ޒުވާނުންގެ ޚިޔާލު އެންމެ އެކަށީގެންވާ މިންވަރަށް ނުހޯދޭކަމަށް އޭނާ ވިދާޅުވިއެވެ.

"އާދެ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެންމެ ރަނގަޅު މިނަކަށް މިޕާޓީގެ އަންހެން ބޭފުޅުންގެ ވެސް އަދި ޒުވާނުންގެ އަޑެއް ވެސް އަޅުގަނޑުމެންގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި ބޭނުންކުރެވޭ ތަނެއް އަޅުގަނޑަކަށް ނުފެނޭ"

- ފައްޔާޒު އިސްމާއީލް

އެމްޑީޕީގެ އޮޑި ނުފެތުނު ނަމަވެސް މަރާމާތުކޮށް ކޮއްތު އެރުވުން މުހިންމުކަމަށް ވިދާޅުވެ ފައްޔާޒު ވަނީ އެކަން ކުރެވޭނެކަމުގެ ޔަގީންކަން އަރުވައިފައެވެ. ޕާޓީގެ ކަންކަން ވަރުގަދަކޮށް ހިންގައިލަނީ ހަމައެކަނި އިންތިޚާބަކާ ކުރިމަތިވީމައިކަމަށް ފައްޔާޒު ވެސް ގަބޫލުކުރައްވައެވެ. އެކަން އެހެން އޮތް ނަމަވެސް ކުރިއަށް އޮތްތަނުގައި ޕާޓީގެ ހަރަކާތްތައް މެދު ނުކެނޑި ކުރިއަށް ގެންދަވާނެކަމަށް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.

ރޮޒައިނާއަށް އެންމެ މުހިންމީ ކަނބަލުން ބާރުވެރިކުރުވުން

ހިންގައިލަން ކެމްޕެއިން ޖަލްސާގައި ރޮޒައިނާގެ ވާހަކަފުޅު ފެއްޓެވީ އެމްޑީޕީގެ ފިސާރި ކަނބަލުންނަށް ހައްގުވާވަރުގެ "ސްޓޭންޑިންގ އޯވޭޝަން"އަކާ އެކުއެވެ. އަދި ވިދާޅުވީ އަންހެނުން ތަރައްގީކޮށް ބާރުވެރިކުރުވުމަށް ސަރުކާރުން ވެސް ވަރަށް ގިނަ މަސައްކަތްތަކެއް ފަށައިފައިވާ ކަމަށާއި އޭނާގެ އެންމެ މުހިންމު މަސައްކަތަކަށް ވެސް ވާނީ ޕާޓީގައި އަންހެނުންގެ ދައުރު ފުޅާކުރުން ކަމަށެވެ.

ސަރުކާރުން ކޮށްފައިވާ ބައެއް މުހިންމު މަސައްކަތްތަކަށް އިޝާރާތް ކުރައްވަމުން ރޮޒައިނާ ވިދާޅުވީ ކައުންސިލްތަކުގެ 33އިންސައްތަ އަންހެނުންނަށް ހާއްސަކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ރަށު ކޮމިޓީތައް ބާރުވެރިކުރުވުން ވެސް ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް މި މަސައްކަތްތަކުން މަގްސަދު މުޅިން ހާސިލު ނުވާނެ ކަމަށާއި އެކަމަށް ޓަކައި ޕާޓީގެ އެތެރެއިން އަދިވެސް ބޮޑެތި މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"މިއީ އެމްޑީޕީގެ ސަރުކާރެއް. މިހުޅުވައިލި ދޮރާށި އެންމެ ބޮޑުކޮށް ބޭނުންކުރަން ޖެހޭ ބަޔަކީ އެމްޑީޕީ. މިކަން ކުރަން ވީހައި ވެސް ގިނަ އަންހެން ކައުންސިލަރުން ބިނާކުރަން، އެބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދޭން އޮތް ޕާޓީއަކީ އެމްޑީޕީ"

- ރޮޒައިނާ އާދަމް

މީގެ ކުރިން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސަކަށް ހުންނެވީ މާލޭ ސިޓީގެ ކުރީގެ ކައުންސިލަރު ޝިފާ މުހައްމަދެވެ. ޝިފާއަކީ ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅެކެވެ. ރޮޒައިނާ ވިދާޅުވީ ޝިފާގެ ދައުރުގައި އަންހެނުންގެ ދައުރު ފުޅާކުރަން އެކަށީގެންވާ މަސައްކަތްތަކެއް މީގެ ކުރިން ކުރެވިފައި ނުވާކަމަށެވެ.

އެމްޑީޕީން އަންހެން ބޭފުޅުން ބޭނުންކުރަނީ އެކްޓިވިސްޓުންގެ ގޮތުގައިކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެހެން ނަމަވެސް އެ ވަރުން ފުއްދައިލެވެން ނެތް ކަމަށާއި މިހާރު ޖެހެނީ އަންހެން ވެރިން އުފައްދަންކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.

ރޮޒައިނާ ވެސް ވަނީ ވަކި އާއިލާއެއްގެ މީހަކަށް ވުމުން ނޫނީ އެމްޑީޕީގެ އެތެރެއިން ފުރުސަތު ނުލިބޭގޮތަށް އޮތް އޮތުން ބަދަލުކޮށް އެފުރުސަތު ތަންމިނަށް ހުޅުވައިލައްވަން މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

މިއަދުގެ ލީޑަޝިޕާ މެދު ހިތްހަމަނުޖެހުންތަކެއް

ރައީސް ޞާލިހުގެ ފެކްޝަނުން ދެކޭ ގޮތުގައި މިހާރު އޮތް އެމްޑީޕީގެ ލީޑަޝިޕް ވަނީ ވަރަށް ބޮޑަށް ފެއިލްވެފައެވެ. އޭގެ ސަބަބުތަ އްވެސް ބައެއް މެމްބަރުން ވިދާޅުވެދެއްވިއެވެ. ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވީ ރަށުގައި ހުންނަ އެމްޑީޕީ މީހާއަށް ޕާޓީން އަޅައިނުލާ ކަމަށެވެ. އެވާހަކަ އިތުރަށް ތަފްސީލުކޮށްދެއްވަމުން ސަނީފް ވިދާޅުވީ ޕާޓީއަށް ސޮއިކުރަން ބޭނުންވާ ނުވަތަ ސޮއިކޮށްފައިވާ ފަރާތްތައް ޕާޓީގައި ރަޖިސްޓްރީވެފައި އޮތްތޯ ވެސް ލީޑަޝިޕަށް ނުބެލޭކަމަށެވެ.

މީގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ގަބޫލުކުރައްވާ ގޮތުގައި މިހާރު އޮތް އެމްޑީޕީގެ ލީޑަޝިޕަކީ ވަރަށް ފަސޭހައިން ބަލި ގަބޫލުކުރައްވައި ފަހަތަށް ޖެހިވަޑައިގަންނަވާ ބޭފުޅުންތަކެއް ތިއްބެވި ލީޑަޝިޕެކެވެ. މިސާލު ނަންގަވަމުން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކައުންސިލްތަކުގެ ބައި އިލެކްޝަންތައް ގާތްގާތުގައި ބާއްވަމުން ދިޔައިރު 23 އިންތިހާބުގައި އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އެއާއެކު ޕާޓީގެ ލީޑަޝިޕުން ނިންމީ 24 ވަނަ އިންތިހާބުގައި ވާދަނުކުރަންކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބ.ކަމަދޫގެ ބައި އިލެކްޝަނެއް ކާމިޔާބުކޮށް އެމްޑީޕީން ތަކުރާރުކުރި ކާމިޔާބީ ، ޙަސަން ލަތީފަށް ރައްދުކޮށް ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުން ދައްކަވާ ވާހަކަތަކަށް ރައްދު ދެއްވިއެވެ.

"އަޅުގަނޑަށް ޔަގީން އެފަދަ ހާލަތެއް އައިސްފި ނަމަ އަޅުގަނޑު މިތާއީދު ކުރާ ކެނޑިޑޭޓު، ފައްޔާޒު އިސްމާއިލް ވިދާޅެއް ނުވާނެއޭ އަޅުގަނޑުމެންނަށް ނުނެގޭނެއޭ ކިޔާފަކާ 23 ބައި އިލެކްޝަނެއް ދުލެއް ނުކޮށްލާނެ"

- ހުސައިން ޝަހީމް

މީގެ އިތުރުން ވެސް މެމްބަރުންގެ ކަންބޮޑުވުންތަކެއް މިހާރުގެ އެމްޑީޕީ ލީޑަޝިޕަށް އެބަހުއްޓެވެ. އެގޮތުން ޕާޓީއާއި ސަރުކާރާ މާބޮޑު ގުޅުމެއް ނެތްކަން މެމްބަރުން ފާހަގަކުރެއެވެ. އެހެންކަމުން ދެން ލީޑަޝިޕަށް ބޭނުންވަނީ ސަރުކާރުގައި ވެސް ކަންކަން ކުރައްވާ ބޭފުޅަކު ކަމަށް އެ މެމްބަރުން ދެކެއެވެ.

ގްރާސް ރޫޓުގެ ތާއީދެއް ފައްޔާޒަށާ ރޮޒައިނާއަކަށް ނެތް

ރައީސް ޞާލިހުގެ ފެކްޝަނުން ޕާޓީ ހިންގާލަން ނިކުތް ނަމަވެސް އެމްޑީޕީގެ އެންމެ ބޮޑެތި ތަނބުތައް އަދިވެސް އޮތީ ރައީސް ނަޝީދު ކޮޅަށް ބުރަވެފައެވެ. އިންތިއަކީ ޕާޓީގެ މެމްބަރުންގެ ލޯބި އިންތިހާއަށް ހޯއްދަވައިގެން ހުންނެވި ނިކަން ދޫހެލޭ ބޭފުޅެކެވެ. ހާއްސަކޮށް ފެބުރުއަރީ 7ގެ ބޮޑު ހާދިސާއަށް ފަހު އެމްޑީޕީގެ މެމްބަރުންނަށް އައު ރޫހަކާއި ހިތްވަރެއް ގެނެސްދިނުމުގައި އިންތި މުހިންމު ރޯލެއް ކުޅުނުކަމަށް މެމްބަރުން ދެކެއެވެ.

މެމްބަރު އީވާ އަބްދުﷲއާއި ޒުވާން ސިޔާސީ ޝަހުސިއްޔަތު މީކާއިލް އަހުމަދު ނަސީމް ފަދަ ބޭބޭފުޅުން ވެސް ތިއްބެވީ ރައީސް ނަޝީދު ފަޅީގައެވެ. އެހެން ނަމަވެސް މިއަދު އެކުލެވިފައިވާ ސަރުކާރުގައި މި ބޭބޭފުޅުންގެ މާބޮޑު ދައުރެއް ނެތެވެ. ކުރުގޮތަކަށް ދަންނަވާ ނަމަ ހިނގަމުން މިދަނީ އެމްޑީޕީ ގްރާސްރޫޓު ވަރަށް ބޮޑަށް އެކަހެރި ކުރެވިފައިވާ ސަރުކާރެކެވެ.

ވެރިކަމަކީ ވަރަށް ބޮޑު ބާރެކެވެ. ރާއްޖޭގެ ތާރީހަށް ބަލާއިރު ސިޔާސީ ކަންކަން ގިނަ ފަހަރަށް ބުރަވަނީ ވެރިކަމުގައި އޮންނަ ބައެއްގެ ކޮޅަށެވެ. އެމްޑީޕީގެ އިންތިހާބުތަކާއި ނިންމުންތަކަށް ބަލާއިރު ވެސް މިމަންޒަރު ފެންނަން އެބަ އޮތެވެ. އެހެންކަމުން މިއީ އިންތިއަށާއި ޓީމަށް ވަރަށް ވާދަވެރި އިންތިހާބަކަށް ވާނެއެވެ. ހިންގާލަން ނިކުންނަވާ ފައްޔާޒަށާއި ރޮޒައިނާއަށް އެމްޑީޕީ ބުރަވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!