މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
![](https://dhen.mv/wp-content/uploads/2022/02/cdcsdv.jpg)
ވެރިރަށް މާލޭގެ ގެއެއްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، މ.ޑޯންލައިޓް ހައުސް 5ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރުއެސް)އިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މި ހާދިސާގެ މަޢުލޫމާތު އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް ލިބިފައި ވަނީ މިއަދު ހެނދުނު 06:12 ހާއިރުއެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައި ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދީފައި ވެއެވެ.
![](https://dhen.mv/wp-content/uploads/2022/02/fvdfg.jpg)
އަލިފާނުގެ ހާދިސާ ހިނގި ގެއަށް ލިބުނު ބައެއް ގެއްލުން-- ފޮޓޯ: އެމްއެންޑީއެފް
މި ހާދިސާ ހިނގަން މެދުވެރިވީ، ކައްކަން އުނދުންމައްޗަށް އުދާފައި ހުރި ތެޔޮ ތާހެއްގައި ހުޅުހިފުމުން، ބަދިގޭގެ ހުޑާއި ކަބަޑުގައި އަލިފާން ރޯވެގެން ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.
އެފްއާރްއެސްގެ ސިފައިން 06:15 ހައިއިރު އެ ގެއަށް ދިޔައިރު އެގޭގެ މީހުން ވަނީ ތެތް ތުވާޔެއް ބޭނުންކޮށްގެން ރޯވި އަލިފާން ނިއްވައިލައިފައެވެ. ނަމަވެސް އެ ގޭ ތެރޭގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ހުރުމުން އެފްއާރުއެސްގެ ފަޔަރމަނުން ވަނީ ދުންތައް ބޭރުކުރުމުގެ މަސައްކަތް ކޮށްފައެވެ.
![](https://dhen.mv/wp-content/uploads/2022/02/ފސދފސ.jpg)
މިއަދު އަލިފާނުގެ ހާދިސާ ހިނގި ގެއަށް ލިބުނު ބައެއް ގެއްލުންތައް
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެތަނުގެ ތެރޭގައި ހުރި ބައެއް ސާމާނަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ.