ފައްޔާޒަށް އައްޑޫން ހޫނު މަރުހަބާއެއް
އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަށް އައްޑޫ ސިޓީން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ފައްޔާޒާއި އޭނާގެ ޓީމަށް އެމްޑީޕީގެ މެމްބަރުން ވަނީ ގަން އިންޓަނޭޝަނަލް އެއާފޯޓުން މަރުހަބާ ދަންނަވައިފައެވެ. އެ އެއަރޕޯޓުން ފައްޔާޒަށް މަރުޙަބާ ދެންނެވި މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލިހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު ވެސް ހިމެނެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބުގެ ކެމްޕޭނަށް ފައްޔާޒު އައްޑުއަށް ވަޑައިގެންފައިވާ އިރު ފައްޔާޒާ ވާދަކުރައްވާ އިމްތިޔާޒް ފަހުމީ (އިންތި)ވެސް މި ވަގުތު ވަޑައިގެން އުޅުއްވަނީ އައްޑޫގައެވެ.
އޭޕްރީލް 16ވަނަ ދުވަހު އޮންނަ، ސަރުކާރު ހިންގާ މައި ކޯލިޝަން އެމްޑީޕީ ޗެއާޕާސަންގެ މި އިންތިހާބު ގިނަ ބަޔަކު ސިފަ ކުރަނީ އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދު އޮތް މިންވަރު ވަޒަން ކޮށްލެވޭނެ އިންތިހާބެއްގެ ގޮތުގައެވެ.