ޚަބަރު ސަރުކާރު

ޝަހީދުންގެ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ހިޖުރީ ގޮތުން ކޮންމެ ޝައުބާން މަހެއްގެ އެއްވަނަ ދުވަހު ފާހަގަކުރާ ޝަހީދުންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަރިސްކުރައްވައިފިއެވެ.

Ads by Sosun Fihaara

ހުކުރު ދުވަހު ފާހަގަކުރަމުންދާ 1443ވަނަ އަހަރުގެ ޝަހީދުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޞާލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ގައުމަށް ޓަކައި ޝަހީދުވެ ގޮސްފައިވާ ގައުމީ އަބުޠާލުންގެ އަގުހުރި ހިދުމަތުގެ ޒިކުރާ އާލާކޮށް އެ އަބުޠާލުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށް އެދި ދުއާ ދަންނަވާ ކަމަށެވެ.

ޝަހީދުންގެ ދުވަސް ފާހަގަކުރަނީ އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ޕޯޗްގީޒުންނާ ހަނގުރާމަ ކުރައްވައި ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވި ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. ޕޯޗުގީޒުންގެ އަތުން ރާއްޖެ މިނިވަންވީ ހިޖުރައިން 965ވަނަ އަހަރުގެ ޝައުބާން މަހުގެ އެއްވަނަ ދުވަހުއެވެ.

މިއަހަރު ފާހަގަކުރަމުން މިދަނީ 478 ވަނަ ޝަހީދުންގެ ދުވަހެވެ. ޝަހީދުންގެ ދުވަސް ނިސްބަތް ވަނީ އައްސުލްތާނު އަލީ (6 ވަނަ) އަށެވެ. ކޮލީ ނަންފުޅުން ނަމަ ސިރީ އައުދަ ސިއާކަ ކައްތިރި ބަވަނަ މަހާރަދުންނަށެވެ.

އަލީ ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގެންނެވީ ހިޖުރީ ގޮތުން 965ވަނަ އަހަރެވެ. އެއީ މީލާދީ ގޮތުން 1558ވަނަ އަހަރެވެ. ރަސްކަން ކުރެއްވީ ދެ މަހާއި 15 ދުވަހުގެ މުއްދަތަކަށެވެ.

ޝަހީދުންގެ ދުވަސް އަލީ ރަސްގެފާނަށް ނިސްބަތްވެވަޑައިގެންނެވި ނަމަވެސް މި ދުވަހު ގައުމީ ހުރިހާ ބަތަލުންގެ ޒިކުރާ އާކުރެއެވެ. އޭގެ ތެރޭގައި އަލިތަކުރުފާނާއި، އައްސުލްތާނު ކަޅު މުހައްމަދު ރަސްގެފާނާއި (ކަނބާ އައިސާ ރަނިކިލެގެފާނު)، އައްސުލްތާނު އިބްރާހީމް ކަލާފާނު (ކަލާފާނު) ހިމެނިވަޑައިގަންނަވައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!