ރިޕޯޓް ސިޔާސީ

ޕާޓީގެ ތިލަފަތް އިންތިގެ ކޮޅަށް!؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަކީ އަބަދުވެސް ވަރަށް ފޯރިގަދަ އިންތިހާބުތަކެކެވެ. މިހާރު ކެމްޕެއިންތައް ކުރިއަށްގެންދާ ޗެއާޕާސަންކަމުގެ އިންތިހާބުގެ ފޯރި އެހެން އިންތިހާބުތަކާ އަޅައިބަލައި ބޮޑުތަނުން ވަނީ އިތުރުވެފައެވެ. ވާދަކުރައްވާ ކެނޑިޑޭޓުންގެ ބުރަދަން ބޮޑުކަމުންކަމަށް ވެދާނެއެވެ. އަނެއްކޮޅުން ޕާޓީގެ އެންމެ ވަރުގަދަ ދެތަނބުގެ ތާއީދު ދެ ކެނޑިޑޭޓުންނަށް އޮތީތީކަމަށް ވެސް ވެދާނެއެވެ.

Ads by STELCO

ޗެއާޕާސަންކަމަށް އެއްކޮޅުން މި ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އެއީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެނޑިޑޭޓެވެ. ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އިންތިހާބަށް ނިކުންނަވަނީ އިމްތިޔާޒު ފަހުމީއެވެ. ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ 65 މެމްބަރުން ތިއްބެވިއިރު އޭގެ ތެރެއިން 40 މެމްބަރުންގެ ތާއީދު އޮތީ ފައްޔާޒަށެވެ. އިންތިއަށް ލިބިލެއްވީ 25 މެމްބަރުންގެ ތާއީދެވެ.

އެމްޑީޕީގެ ކުރު މާޒީގެ ތަޖުރިބާއަށް ބަލާ ނަމަ ފައްޔާޒަށް މިއިންތިހާބު ކާމިޔާބު ވެދާނެޔޭ ދަންނަވާ މީހުންގެ އަދަދު ގިނައެވެ. އެހެން ނަމަވެސް ޕާޓީގެ އާންމު މެމްބަރުންނާއި ހަމައަށް ދެ ފެކްޝަންގެ ވާދަވެރިކަން ދިޔައިރު ތާއީދު ބޮޑުވާނެ ވަކި ކެނޑިޑޭޓެއް ސީދާ ދެންނެވޭނެ ހާލަތެއް ނެތެވެ.

ޝައްކެއް ވެސް ނެތް ގޮތުގައި އިންތިއަކީ އެމްޑީޕީގެ އެންމެ ވަރުގަދަ އެއް މޫނެވެ. އެންމެ ގަދަ އެއް އަޑެވެ. އެންމެ ބާރުގަދަ އެއް ޖޯޝެވެ. އާންމު މެމްބަރުންގެ ތެރޭގައި އިންތިގެ މަގްބޫލުކަން ބޮޑެވެ. އެއީ ރައީސް ނަޝީދު ތާއީދު ކުރައްވާ ކެނޑިޑޭޓަށްވުން އެކަންޏެއް ވެސް ނޫނެވެ. އިންތިއަކީ ވެސް އޭނާގެ ޒާތުގައި ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެކެވެ.

އިންތިހާބުގެ ކެމްޕެއިންތައް ކުރިއަށްދާ ގޮތަށް ބަލާ ނަމް އިންތިއަށް އާންމު މެމްބަރުންގެ ލޯބި ލިބޭލެއް ބޮޑޭ ދެންނެވިދާނެއެވެ. ސީދާ ރައްޔިތުންގެ ސިޓިން ރޫމުތަކާއި ޖޯލިފަތިތަކުގައި އިންތި ވަގުތު ހޭދަކުރައްވައެވެ. އަދި ވޯޓު ދެއްވަންވީ ސަބަބު އިންތި ކިޔައިދެއްވައެވެ. ގިނަ ފަހަރު ސަބަބުތައް ކިޔައިދެނީ އެމްޑީޕީ މެމްބަރުންނެވެ.

އެމްޑީޕީއަކީ އަބަދުވެސް ގާތުން ކެމްޕެއިން ކުރާ ޕާޓީއެކެވެ. ރިޔާސީ އިންތިހާބެއް ވިޔަސް މަޖިލިސް އިންތިހާބެއް ވިޔަސް މިމަންޒަރު އެންމެ ބޮޑަށް ފެންނާނީ އެމްޑީޕީންނެވެ. އިންތިއަކީ މިފަދަ އިންތިހާބުތަކުގެ ތަޖުރިބާ އެންމެ ބޮޑަށް ލިބިވަޑައިގެން ހުންނެވި އެއް ބޭފުޅާއެވެ. އެ މަންޒަރު ވެސް އެބަ ފެނެއެވެ. ބޮޑެތި ޖަލްސާތައް ބާއްވައި މޮޅެތި ވާހަކަތައް ދެއްކެވުމުގެ ބަދަލުގައި އިންތި ހިޔާރު ކުރެއްވީ ރައްޔިތުންގެ ގާތަށް ގޮސް ޕާޓީއާ މެދު އުފެދިފައިވާ ޝަކުވާތައް އަޑުއެހުމެވެ.

އަނެއްކޮޅުން ފައްޔާޒުގެ ކެމްޕެއިނަށް ބަލާ ނަމަ ކޮންމެ ރަށެއްގައި ވެސް ކެމްޕެއިންގެ އެންމެ ކުރީގައި ހުންނަވަނީ ސަރުކާރުގެ ކޮންމެ ވެސް މަތީ މަގާމަކަށް ނިސްބަތްވާ ބޭފުޅެކެވެ. އާންމު މެމްބަރުންގެ ތެރެއިން ވެސް ފައްޔާޒަށް ތާއީދު ކުރައްވަނީ ކޮންމެ ވެސް ކުންފުންޏެއްގެ މަގާމެއްގައި ހުންނެވި ބޭފުޅެކެވެ. އެހެންވެ ފޮޓޯތަކާއި ވީޑިއޯތަކުގައި ވެސް ތިއްބަވަނީ މިބޭބޭފުޅުންނެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާ ދިމާކޮށް އިންތިގެ ޓީމުން ކުރަމުން ގެންދާ އެންމެ ބޮޑު ޝަކުވާއަކީ ރައީސް ޞާލިހުގެ ކެނޑިޑޭޓުންނަށް ތާއީދު ނުކުރާ ނަމަ ވަޒީފާތަކުން ވަކިކުރާކަމުގެ ޝަކުވާއެވެ. ފައްޔާޒުގެ ކެމްޕެއިންތަކުގައި ސަރުކާރު ކުންފުނިތަކުގެ ވެރިން ފެންނަނީ މިހެންވެގެން ކަމަށްވުން އެކަށީގެން ވެއެވެ.

ޕާޓީގެ އާންމު ގިނަ މެމްބަރުން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދަށް ވުރެ އެމްޑީޕީއަށް ވަކި ހެޔޮ އެދޭނެ އިތުރު ބޭފުޅަކު ނުހުންނަވާނެއެވެ. އެހެންކަމުން އެމަނިކުފާނު ތާއީދު ކުރައްވާނީ ޕާޓީއަށް އެންމެ ހެޔޮ އެދޭ ބޭފުޅުންނަށެވެ. ރައީސް ނަޝީދުގެ ތާއީދެއް ފައްޔާޒަކަށް ނެތެވެ. އެމަނިކުފާނަށް ވެގެންވާ ނަމަ ފައްޔާޒު މަގާމުން ވެސް ދުރުކުރާނެއެވެ. އެއްވެސް ވަރެއްގެ އިތުބާރެއް ފައްޔާޒަކަށް ނެތެވެ. ނަޝީދު މީގެ ކުރިން އެއްފަހަރަކު ވިދާޅު ވެސް ވިއެވެ. "ޕާޓީއަށް އެންމެ ރަނގަޅު ގޮތަކީ ފައްޔާޒު އެއްފަރާތުގައި މަޑުކުރެއްވުމެވެ."

Ads by HDC
  1. ނާޒީ (މެނޭޖަރު)

    އަހަންނަކީ ފެށުނީއްސުރެ ކޮންމެ ފަހަރަކު އިންތިއަށް ވޯޓު ހޯދަން ހިނގި މީހެއް. ނަމަވެސް މިފަހަރު އިންތިގެ ކެމްޕޭނުގައި އަހަރެން ބުނެފައިވަނީ ވަރަށްބައްޔޭ..ނެތޭ ދެވޭކަށް… ސަބަބަކީ ކުރީފަހަރު ދޭނަމޭ ބުނުވަރަށްވުރެ 40 ހާސް ރުފިޔާމަދުން ދީފަ ވާތީ.