މުޅި ޖެންޑަރ މިނިސްޓްރީ އޮތީ ބޮއްސުންލައިފައި: ޖަމީލް

މުޅި ޖެންޑަރ މިނިސްޓްރީ އޮތީ ބޮއްސުންލައިފައި ކަމަށް ކުރީގެ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޖަމީލު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުގައި މީހަކަށް ދޫކުރާވަރުގެ މީހެއް، އަދި ވުޒާރާއެއް ވެސް ނެތެވެ. އަދި ކުޑަކުދިންގެ ހިޔާއަކީ މައްސަލަތަކުގެ ހާއްޔަކަށްވެ، ޖެންޑަރ މިނިސްޓްރީ ވެސް ބޮއްސުންލައިފައިވާ ކަމަށް ޖަމީލު ވިދާޅުވިއެވެ.
މިއަދު ފާހަގަ ކުރަމުން އަންނަ އަންހެނުންގެ ދުވަހާ ގުޅިގެން، މަލާއި ޗޮކްލެޓް ހަދިޔާކޮށް، އަންހެނުންނަށް ހާއްސަވެގެންވާ ފިޔާތޮށި ކުލަ ފަދަ ކުލަތައް ބޭނުން ނުކުރުމަށް ޖެންޑަރ މިނިސްޓްރީން އިލްތިމާސް ކުރި ކުރުމަށް ވެސް ޖަމީލު ފާޑުވިދާޅުވިއެެވެ.
"ކުއްލިއަކަށް އަންހެނުންގެ ދުވަހާ ގުޅިގެން މި ހިންގީ އެ މިނިސްޓްރީގެ އެންމެ ބިޔަ މަޝްރޫޢުބާ؟ ނާގާބިލްކަމުގެ ލާމަސީލު މިސާލެއް." ޖަމީލު ވިދާޅުވިއެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ ޝިއާރަކީ"ޖެންޑާ އީކުއަލިޓީ ޓުޑޭ ފޯ އަ ސަސްޓެއިނަބަލް ޓުމޯރޯ"އެވެ.
މި ޝިއާރު ދެމެހެއްޓުމަށް ޓަކައި، މިއަދު އަންހެނުންގެ ދުވަސް ފާހަގަކުރާއިރު މަރުހަބާ ކިޔުމަށް ރަތް ދޫލަ އެޅުމާއި، މާބޮނޑި، ފިނިފެންމާ އަދި ޗޮކުލެޓް ފަދަ ތަކެތި ހަދިޔާއަށް ނުދިނުމަށް ޖެންޑަރ މިނިސްޓްރީއިން ވަނީ އެދިފައެވެ.