ވިޔަފާރި

ކުޅުދުއްފުށީ ޕޯޓާއި ތިނަދޫ ޕޯޓު މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފި

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯޓު ރީޑިވެލޮޕްމެންޓް މަޝްރޫއު އާއި ގދ. ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.

Ads by STELCO

އެމްޓީސީސީގެ ހެޑް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި، އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ ޝާހިދު އަލީ އަދި ޗީފް އިންޖީނިއާ އާދަމް މުހައްމަދެވެ. އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއާއި ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނީ ކުޅުދުއްފުށި ރީޖަނަލް ޕޯޓުގެ ރީޑިވެލޮޕްމަންޓް މަޝްރޫއުގެ ދަށުން، ފަޅު ފުންކުރުމާއި އާ މަގަތު ފާލަމެއް ހެދުމުގެ އިތުރުން ރިވެޓްމަންޓް ޖެހުމާއި ނެރުބައްތި ޖެހުން ހިމެނޭ ކަމަށެވެ. އޭގެއިތުރުން، އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި ވޯކްޝޮޕް އިމާރާތެއް ގާއިމުކުރުމާއި އެންވަޔަރަމެންޓަލް އިމްޕެކްޓް އެސަސްމެންޓެއް ހެދުން ހިމެނޭ ކަމަށެވެ.

ތިނަދޫ ރީޖަނަލް ޕޯޓު ޑިވެލޮޕްމެންޓް މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ޕޯޓް އެޑްމިނިސްޓްރޭޓިވް އިމާރާތެއް ގާއިމުކުރުމާއި، ގާޑް ހައުސް އިމާރާތަކާއި، ވެއާހައުސް އަދި ވޯކްޝޮޕް އިމާރާތެއްގެ އިތުރުން ނެރުބައްތި ހަރުކުރުމާއި ފެންޑާ ހަރުކުރުން ހިމެނޭ ކަމަށް އެކުންފުނިން ބުންޏެވެ.

ކުޅުދުއްފުށީ ރީޖަނަލް ޕޯޓު މަސައްކަތް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 139 މިލިއަން ރުފިޔާ އަށް 495 ދުވަސްތެރޭގައި ނިންމައި ހަވާލުކުރާ ގޮތަށެވެ. ތިނަދޫ ރީޖަނަލް ޕޯޓު ހަވާލުކޮށްފައިވަނީ 17.8 މިލިއަން ރުފިޔާ އަށް 330 ދުވަސްތެރޭގައި ނިންމާ ހަވާލު ކުރާ ގޮތަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!