ކެމްޕެއިނަށް އިންތި ތިލަދުންމައްޗަށް!

އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ކެމްޕެއިން ދަތުރުފުޅެއްގައި ތިލަދުންމައްޗަށް ވަޑައިގެންފިއެވެ.
އިންތިގެ ކެމްޕެއިން ޓީމުން ބުނީ ހއ. ހދ. އަދި ށ. އަތޮޅަށް ކުރައްވާ މި ކެމްޕެއިން ދަތުރަކީ މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރާ ދަތުރެއްކަމަށެވެ.
މި ދަތުރުގައި އިންތިގެ ކެމްޕެއިންގައި އެންމެ އިސްކޮށް އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ އާއި، ރައީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒް ބައިވެރިވެވަޑައިގެންނެވިއެެވެ.
އިންތި ވަނީ މީގެ ކުރިން އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް ވެސް ވަޑައިގެންފައެވެ.
އިންތިއާއެކު ދެން ޗެއާޕާސަން ކަމަށް ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއެވެ.
އެމްޑީޕީގެ ޗެއަަރޕާސަން ހޮވުމަށް ބާއްވާ އިންތިޚާބު ފަސް ކުުރަން އެ ޕާޓީގެ ޤައުމީ މަޖިލީހުން ވަނީ ނިންމައިފައެވެ. ކުރިން މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް 16 ވަނަ ދުވަހުއެވެ.
މިހާރު އެ އިންތިހާބު ބޭއްވުމަށް ކަނޑައަޅައިފައި ވަނީ ރަމަޟާން މަސް ނިމި ޝައްވާލްމަހުގެ ވެސް ފުރަތަމަ ހަތް ދުވަސް ނިމުމަށް ފަހު، މެއި މަހުގެ 14 ވާ ހޮނިހިރު ދުވަހުގައެވެ.