މަޙްލޫފްގެ މައްސަލަ ހައިކޯޓުން ބަލައިގެންފި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނާތާ ގުޅިގެން ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ރިޝްވަތު ހިފުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލުމުން ހައިިކޯޓުގައި އިސްތިއުނާފް ކުރި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.
ދަށު ކޯޓުން މި މައްސަލަ ބޭރުކޮށްލައިފައި ވަނީ އެއީ މަދަނީ މިންގަނޑުން ބެލޭނެ ދައުވާއެއް ނޫން ކަމަށް ކަނޑައެޅުމަށް ފަހު މި މަހުގެ ފުރަތަމަ ދުވަހުއެވެ. އެ ކޯޓުން ބުނި ގޮތުގައި އެ މައްސަލަ ބެލެން ނެތް ކަމަށް ނިންމީ މަހްލޫފްގެ މައްޗަށް އުފުލައިފައިވާ ދައުވާ ސާބިތުކުރެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅައިފައި ނެތުމުންނެވެ.
އެ މައްސަލަ ދައުލަތުން މި ހަފްތާ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، މައްސަލަ ބަލައިގެންފައިވާކަން އަންގައިފައި ވަނީ މިއަދެވެ.
މިނިސްޓަރ މަހްލޫފްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް މިދިޔަ ފެބްރުއަރީ މަހުގެ 10ވަނަ ދުވަހު ބާއްވައިފައިވާ އިރު، އެ ދުވަހު މިނިސްޓަރ ވަނީ އެ ދައުވާތަކަށް އިންކާރު ކުރައްވައިފައެވެ.
މިނިސްޓަރ މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާ އުފުލައިފައި މިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރުކަމުގައި ހުންނެވިއިރު، 2014ވަނަ އަހަރުގެ އޮގަސްޓް 27ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި، ރިޝްވަތު ހިފި ކަމަށް ތުހުމަތު ކޮށްފައެވެ. އެގޮތުން މަހްލޫފަށް ރިޝްވަތު ދިނީ އޭރުގެ ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަދީބު ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.