ޚަބަރު

މަޑުއްވަރީން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ސިފައިންނާއި ފުލުހުން ރ.މަޑުއްވަރީގައި ފެށި އޮޕަރޭޝަނުގެ ތެރެއިން ހައްޔަރުކުރި ތިން މީހުންގެ ބަންދުގެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށްފިއެވެ.

Ads by MWSC

ހައްޔަރުކުރި ތިން މީހުންނަކީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި، އުމުރުން 30 އަހަރުގެ ދިވެހި ދިރިހެނެއްގެ އިތުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެމީހުންގެ ބަންދަށް އެންމެ ފުރަތަމަ ޖެހި 10 ދުވަސް ހަމަވުމުން މިއަދު ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދަށް އިތުރު 10 ދުވަސް ވަނީ އިތުރުކޮށްފައެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނަކީ މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުގެ ބޭރުން، ވަކިން ޖަމާއަތް ހަދައިގެން އުޅޭ ބަޔަކު، އަންހެނުންނާއި ކުޑަކުދިން ހައްގުތަކުން މަހްރޫމްކޮށް އެ ފަރާތްތަކުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ މި ކަންކަން ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން މި އޮޕަރޭޝަނުގައި މަޑުއްވަރީގެ ހަ ގެއަކާއި ދޯންޏެއް މިހާތަނަށް ބަލައިފާސްކޮށްފައިވާ ކަމަށާއި، އެ ތަންތަނުން ހެކީގެ ގޮތުގައި ބެލެވޭ އިލެކްޓްރޯނިކް ގިނަ އާލާތްތަކާއި ސައްހަ ނޫން ކައިވެނީގެ ސެޓްފިކެޓެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!