ދީން

ފިޔަވަޅުތަކަށް ލުއި ލިބުމުން ފުރަތަމަ ހުކުރު ނަމާދުގައި މިިލިއަނަކަށް ވުރެ ގިނަ މީހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19އާ ގުޅިގެން މަސްޖިދުލް ޙަރާމްގައި އެޅި ފިޔަވަޅުތަކަށް ލުއި ލިބުމުން، ފުރަތަމަ ހުކުރުގައި މިލިއަނަކަށް ވުރެ ގިނަ މީހުން އެ މުޤައްދަސް ބިމުގައި ހުކުރު ނަމާދުކޮށްފިއެވެ.

Ads by STELCO

މުޅި ދުނިޔެއަށް ފެތުރުނު އާލަމީ ވަބާއާ ގުޅިގެން އަޅައިފައިވާ ހުރިހާ ފިޔަވަޅުތައް ދޫކޮށްލައި ދެ ޙަރަމްފުޅު އާއްމުކޮށް ސައުދީ ޢަރަބިއްޔާއިން ހުޅުވައިލީ މިމަހުގެ 7 ވަނަދުވަހުއެވެ.

ފިޔަވަޅުތަކަށް ލުއިދީ ހަރަމްފުޅު ހުޅުވައިލުމަށް ފަހު އައި މި ފުރަތަމަ ހުކުރުގެ ހުކުރު ނަމާދުުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ ކަމަށް ސައުދީގެ ރިޕޯޓުތަކުން ބުނެފައިވެއެވެ.

މިއީ ކޮވިޑާ ގުޅިގެން މިސްކިތްތައް ބަންދުވުމަށް ފަހު އަލުން ހުޅުވުމުން، އެންމެ ގިނަ ބަޔަކު ނަމާދެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

ޙަރަމްފުޅުގެ ހާލަތު އާންމު ހާލަތަށް ގެނެސް، އެބިމަށް އެންމެންނަށް ވެސް ވަދެވޭ ގޮތަށް މިހާރު ހުޅުވައިލައިފައި ވީ ނަމަވެސް ދެ ޙަރަމްފުޅު ބެލެހެއްޓުމުގެ ކަންކަން ސައުދީ ސަރުކާރުން އަދިވެސް ގެންދަނީ ވަރަށް ގާތުން ބަލަމުންނެވެ. އެގޮތުން ނަމާދު ކުރާ ސަރަހައްދު ސާފު ޠާހިރުކޮށް ބެހެއްޓުމަށާއި، ނަމާދަށްދާ ފަރާތްތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުން ވެސް ހިމެނެއެވެ. މީގެ އިތުރުން މަސްޖިދުލް ޙަރާމްގެ ސެކިއުރިޓީ ވެސް އަދިިވެސް ގެންދަނީ ބަލަހައްޓަމުންކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މީގެ އިތުރުން ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސްކަމަށްވުމާ އެކު، ޢުމްރާގެ އަޅުކަން ކުރުމަށް އެ މާތް މުޤައްދަސް ބިމަށް ދަތުރުކުރާ ފަރާތްތަކަށް އިންތިޒާމުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން މިހާރު ވެސް ސައުދީ ސަރުކާރުން ދަނީ ތައްޔާރުވަމުން ކަމަށް މަސްޖިދުލް ޙަރާމްގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ޑރ. ސާދް ބިން މުހައްމަދު އަލް-މުހައިމިދްއާ ހަވާލާދީ އަރަބް ނިއުސްގައި ލިޔެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!