ވަޒީފާގެ ބިރު ދައްކާ ވާހަކައާއި އިންތިޚާބާ ދިމާކޮށް ވަޒީފާދޭ ވާހަކަ، ކޮމަންޑޫ ދާއިރާގެ އިންތިޚާބާ ދިމާކޮށް ވެސް ދެއްކިން ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.
ޗެއަރޕާސަންގެ އިންތިޚާބާ ދިމާކޮށް، ސަރުކާރުން އިންތިޚާބަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް އިންތިޚާބުގައި ވާދަ ކުރައްވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)ގެ ޓީމުން ވަނީ ތުހުމަތު ކުރައްވައިފައެވެ
އިންތިގެ ތަރުޖަމާނުކަން ކުރައްވަމުން ގެންދަވާ ވައްޑެ ވަނީ، ރޭ ސަންގު ޓީވީއިން ގެނެސް ދިން ޕްރޮގްރާމެއްގައި މި ތުހުމަތުތައް ތަކުރާރު ކުރައްވައިފައެވެ. މި ވާހަކަތަކާ ގުޅިގެން ޕްރޮގްރާމް ހުށަހަޅައިދޭން އިން ނޫސްވެރިޔާ ވައްޑެ ކުރެން، ވަޒީފާގެ ބިރާ ގުޅޭ ގޮތުން ކުރީގެ އިންތިޚާބުތަކުގައި ވާހަކަ ނުދެއްކެވީ ކީއްވެތޯ ވަނީ އައްސަވައިފައެވެ.
ޖަވާބުގައި ވައްޑެ ވިދާޅުވީ، ޕާޓީއަށް ގެއްލުން ވެދާނެތީ ޕަބްލިކްގައި އެ ވާހަކަތައް ނުދެއްކި ނަމަވެސް، ގްރޫޕްތަކުގައި މިކަމާ ގުޅޭ ގޮތުން ނުރުހުން ފާޅު ކުރި ކަމަށެވެ. އަދި ސްކްރީންޝޮޓްތައް ވެސް ހުންނާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ކޮމަންޑޫ ދާއިރާގައި ހިނގާ ދިޔަ ކަންތަކާ ގުޅިގެން އަޅުގަނޑުމެންގެ ޕްލެޓްފޯމްތަކުގައި، ޕީޖީ ގްރޫޕްތަކުގައި ވެސް އަދި ޤައުމީ މަޖިލިސް ގްރޫޕްގައި ވެސް ވަރަށް ބޮޑަށް ދެކޮޅު ހެދީމޭ. ދެން ވޯޓަކަށް ދެ ދުވަސްވެފައި އޮއްވައި، އަޅުގަނޑުމެން ވެސް ބައެއް ފަހަރު، ޕާޓީއަށް ގެއްލުން ވެދާނެ ވާހަކަ އަޅުގަނޑުމެން ނުދައްކަފާނެ. ނިކުމެ ނޫސްތަކުގައި ނޫނީ ޕަބްލިކްގައި ނުބުނެފާނެ، އޭގެ މާނައަކީ އަޅުގަނޑުމެން އެކަމާ ރުހިގެން ތިބުމެއް ނޫނޭ." ވައްޑެ ވިދާޅުވިއެވެ.
"އެކަން ހިނގުމާ އެކީގައި ކިތަންމެ ބޭފުޅަކު ވަރަށް ހަރުކަށިކޮށް ދެކޮޅު ހެދި. ވަޒީފާއަށް ޓަކައި އަދި މެންބަރެއްގެ ދެވަނަ ދައުރު ހޯދުމަށް ޓަކައި ވެސް އެބަ ތިބޭ އަޅުގަނޑުމެން މިދިޔަ 16، 17 އަހަރު ޤުރުބާނީވި މީހުން ބައިތިއްބައިފައި، އޭނަ އެހެން ޕާޓީތަކުގެ އާއިލާތަކުގެ މީހުންގެ ވޯޓް ހޯދައިދޭން އެ މީހުންނަށް ވަޒީފާ ދީފައި"
ވައްޑެ ވިދާޅުވީ، މިފަހަރު އެމްޑީޕީގެ ޗެއަރޕާސަންގެ އިންތިޚާބާ ދިމާކޮށް ވެސް ވަޒީފާގެ ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ. މިގޮތުން މިހާރު ވެސް ވަރަށް ގިނަ މެންބަރުން ޕާޓީން ވަކިކޮށް، ސަސްޕެންޑްކޮށް، ވަޒީފާގެ ކުރި އެރުން ނުދީ ހިފަހައްޓައިފައިވާ ކަމަށް ވިދާޅުވިއެވެ.